ދޮގާއި މަކަރު ހަދާ އޮޅުވާލެވޭނީ ވަކިވަރަކަށް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙުމަދު ޝިޔާމް، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނަށް ފާޑުވިދާޅުވެއްޖެއެވެ.
މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ރިޔާސީ ކޮމިޝަންގެ ނޫސްވެރިންގެ ބައްދަލުވުމެއް ބުރާސްފަތި ދުވަހު ބާއްވާފައިވާއިރު، އެ ކޮމިޝަނުން ނޫސްވެރިންނަށް ހިއްސާކުރި މައުލޫމާތުތަކާއި ގުޅިގެން، މެމްބަރު ޝިޔާމް ވިދާޅުވީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުޅުނު މަރު ކާޑު، އަމިއްލައަށް ވުޖޫދުކުރި މަރު ކޮމިޝަން ބޭނުންކޮށްގެން އެހެން ލެވެލްއެއްގައި، 2023 ގެ އިންތިޚާބާއި ދިމާކޮށް ކުޅެން ފަށައިފި ކަމަށެވެ.
ޝިޔާމް އެ އިޝާރާތްކުރެއްވީ މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކޮށް އިންސާފު ގާއިމުކޮށްދޭނެ ކަމަށް ރިޔާސީ ކެމްޕެއިންގެ ތެރޭގައި ރައީސް ޞާލިޙް ވެވަވަޑައިގެން ވައުދުފުޅަށެވެ. ރައީސް ވަނީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟްވާނަށް ވީގޮތް ވެރިކަމުގެ ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި ހޯދާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް ޞާލިޙް ވެރިކަމަށް ވަޑައިގެން މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރަން ރިޔާސީ ކޮމިޝަނެއް އުފެއްދިއެވެ. އެކޮމިޝަންގެ ޚަބަރެއް ނެތި ގިނަ ދުވަސްތަކަކަށް ފަހު ދައުރުގެ ފަހު އަހަރުގެ ތެރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާއެކު ގިނަ ބައެއްގެ ފާޑުކިޔުން އެކޮމިޝަނަށާއި ސަރުކާރަަށް ވަނީ އަމާޒުވެފައެވެ.
މިގޮތުން ފާޑުވިދާޅުވަމުން މެމްބަރު ޝިޔާމް ވިދާޅުވީ ދޮގާއި މަކަރު ހަދާ އޮޅުވާލެވޭނީ ވަކިވަރަކަށް ކަމަށާއި ރައްޔިތުން ތިބީ ހޭލާ ކަމަށެވެ.
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން މަރާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާ ގުޅުވައި މަރު ކޮމިޝަނުން ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި ތުހުމަތުތައް ޕީޕީއެމް/ޕީއެންސީއިން ވަނީ ދޮގުކޮށްފައެވެ. އިދިކޮޅުން ބުނީ މަރު ކޮމިޝަނުން އެފަދަ ވާހަކަތައް ދެއްކުމުގެ ބޭނުމަކީ ޔާމީންގެ އަބުރު ކަތިލުން ކަމަށާއި މި ސަރުކާރަށް ރައްޔިތުން އިތުބާރު ނުކުރާ ކަމާއި ދެވަނަ ދައުރެއް ނުލިބޭނެ ކަން ކަށަވަރު ކުރެވުމުން އަނެއްކާވެސް ޔާމީނަށް އުނދަގޫ ކުރުން ކަމަށެވެ.
ދޮގާއި މަކަރު ހަދާ އޮޅުވާލެވޭނީ ވަކިވަރަކަށް: މެމްބަރު ޝިޔާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ