މީހެއްގެ ގަޔަށް ކުލަ ފާޓާ އެޅި މައްސަލަ ފުލުހުން ބަލަނީ

ކ. މާފުށީގައި ވަށްކަންކުރި ކަމުގެ ތުހުމަތުވާ މީހެއްގެ ގަޔަށް ކުލަ ފާޓާއެއް އެޅި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯގައި ފެންނަނީ މަގުމައްޗަށް އެ މީހާ ނެރެ އޭނާ ލައްވައި، އަމިއްލަ ގައިގައި ކުލަ ހާކުވާ މަންޒަރެވެ. އަދި އޭނާ އަމިއްލައަށް ގައިގައި ކުލަ ހާކަމުން ދަނިކޮށް، މީހަކު ގޮސް ކުލަ ފާޓާ އޭނާގެ ބޮލަށް އަޅާލާ މަންޒަރު ވީޑިއޯއިން ފެނެ އެވެ.ފަހުން، އެ މީހާ މޫދު ކައިރީގައި އިނދެ ގައިން ކުލަ ފިލުވަން މަސައްކަތްކުރާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެ އެވެ. ކުލަ ފާޓާ އަޅާލި މީހުން އެ މީހާ ކައިރީގައި ތިއްބާ އޭނާ އެތަނުން ގެންދިޔައީ، ފުލުހުންގެ ޕިކަޕަކަށް އަރުވައިގެންނެވެ.އެނގިފައިވާ ގޮތުގައި ފަހުން އެ މީހާ މާލެ ގެނެސް، އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ވެސް ދޭން ޖެހުނެވެ.ފުލުހުން މިއަދު ބުނި ގޮތުގައި މާފުށީގައި މީހެއްގެ ގަޔަށް ކުލަ ޖެހި މައްސަލައެއް މިދިޔަ އާދިއްތަ ދުވަހު ހުށަހަޅާފައިވެ އެވެ. އެކަމާ ގުޅިގެން މިހާތަނަށް މީހަކަށް ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ