ބިން ހިއްކުމުގެ ބަދަލުގައި ބޭރު މީހުންނަށް ދޫކުރި ބިންތައް ސަރުކާރަށް ނަގައިފި

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ބޭރުގެ ކުންފުންޏަކުން ރާއްޖޭގެ ބިން ހިއްކުމުން އޭގެ ބަދަލުގައި ދީފައި އޮތް ބިމެއް މިހާރު ނޯންނާނެ އެވެ.
ބިން ހިއްކުމުގެ ބަދަލުގައި ބޭރުގެ ކުންފުނިތަކަށް ދޫކޮށްފައި ހުރި ބިންތައް ސަރުކާރަށް ނަގާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިހާރު ބޭރުގެ ކުންފުންޏަކުން ރާއްޖޭގެ ބިން ހިއްކުމުން އޭގެ ބަދަލުގައި ދީފައި އޮތް ބިމެއް ނޯންނާނެ ކަމަށެވެ. 
"އެ ބިންތައް އަތުލައިފިން. އޭގެ ތެރޭގައި ވަރަށް ދުވަސް ހިނގައްޖެ،" ރައީސް ވިދާޅުވި އެވެ. 
ރައީސް ވިދާޅުވީ ރަސްމާލެ ހިއްކުމުގެ މަޝްރޫއު ވެސް ފުރަތަމަ ހަވާލުކުރީ އެ ތަން ހިއްކާ މީހުންނަށް ބިން ތަކެއް ދޭ ގޮތަށް ކަމަށް ވީނަމަވެސް އެ އެއްބަސްވުން ވެސް މިހާރު ބާތިލް ކޮށްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވިގޮތުގައި ގިރާވަޅުފަޅު ހިއްކުން ވެސް ލަސްވަނީ އެ ސަބަބުތަކާ ހުރެ ކަމަށާ ހުޅުމާލެ ތިނެއް ހިއްކުމުގެ ބަދަލުގައި ވެސް ކުރީގެ ސަރުކާރުން ތިލަފުށިން ބިން ތަކެއް ދީފައިވާ ކަމަށެވެ. އަދި އެ އެއްބަސްވުން ވެސް މިހާރު ބާތިލް ކޮށްފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ. ރައީސް ވިދާޅުވީ އެކިއެކި ކޮންޓްރެކްޓަރުން ހޯދައިގެން ރަސްމާލެ ހިއްކުމުގެ މަޝްރޫއު ވެސް މި އަހަރު ނިންމޭ ތޯ މަސައްކަތް ކުރައްވަމުން ގެންދަވަ އެވެ. އެ މަނިކުފާނު ވިދާޅުވީ މީގެ އިތުރުން އުތުރު ތިލަފަޅު ހިއްކުމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ވެސް ވަމުންދާ ކަމަށެވެ. 
މިދިޔަ ސަރުކާރުން ވަނީ ހުޅުމާލެ ހިއްކުމުގެ ނަމުގައި ބޭރުގެ ކުންފުންޏަކަށް ތިލަފުށިން ބިންތަކެއް ދިނެވެ. މީގެ އިތުރުން ގިރާވަރުފަޅު ހިއްކަން ދޫކުރުމުގައި ވެސް ކަންތައް ކޮށްފައިވަނީ އެގޮތަށެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ