ޒުވާނުން ދުލެއް ނުދިން، މިރޭ އެއްވީ ކާނިވާލަށް
މިދިޔަ މަހުގެ 18 ވަނަ ދުވަހު ހައްވާ ޔުމްނު ރަޝީދު ހ. ފެންޓެނޯއީ ގެއިން ވެއްޓުނު މައްސަލައިގައި ޒުވާނުން ސިލްސިލާކޮށް ކޮންމެ ރެއަކު ކުރާ މުޒާހަރާއިން ރޭ ދެ މީހަކު ހައްޔަރުކުރި ނަމަވެސް، ދޫ ދިނުމެއް ނެތި މިރޭ ވެސް ކުރިއަށް ގެންގޮސްފިއެވެ. ރޭގެ މުޒަހަރާގައި ވެސް ޒުވާނުން ވަނީ މިއުޒިކު ކުޅެ، މުނިފޫހި ފިލުވުމަށް ވައެއް ކަންކަން ކޮށްފައެވެ. އެގޮތުން މުޒާހަރާކުރަން މަޖީދީ މަގުގައި ތިބި، ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ކުރިމަތީ، ޓޭބަލް ޓެނިސް މޭޒެއް ގެނެސް، ޓޭބަލް ޓެނިހާއި، ކެރަމް ވެސް ވަނީ ކުޅެފައެވެ. އެކަން ކުރަމުން ދަނިކޮށް ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ރޭ ވަނީ މުޒާހަރާ ތެރެއަށް ވަދެ ޕެޕާ ސްޕްރޭ ޖަހައިފައެވެ. އަދި ދެ މީހަކު ހައްޔަރުކޮށްފައި ވެސް ވެއެވެ. https://sun.mv/205486 ފުލުހުން ރޭ ދަންވަރު ނެރުނު ބަޔާނެއްގައި ބުނީ މުޒާހަރާ ރޫޅައިލީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނާއި، ވިޔަފާރިތަކުން މެދުކެނޑުމެއް ނެތި ލިބުނު ޝަކުވާތަކާއި، ދަރިވަރުންގެ އޯލެވެލް އިމްތިހާނު ދުވަސްވަރުކަމުން އާންމު މަސްލަހަތަށް ބަލައިފައި ކަމަށެވެ. 2 މެއި 2025: ޒުވާނުން ދުލެއް ނުދިން، މިރޭ އެއްވީ ކާނިވާލަށް -- ސަން ފޮޓޯ/ މޫސާ ނަދީމް އެއާއެކު މިރޭ ޒުވާނުން ވެސް މުޒާހަރާކޮށް އަޑުއުފުލަން އެއްވީ ކާނިވާ ސަރަހައްދަށެވެ. ކާނިވާ ސަަރަހައްދުގައި ޒުވާނުން އެއްވެ މިރޭ ވެސް ގޮވައިލަމުން އަންނަނީ، ފަހަތަށް ނުޖެހޭނެ ކަމަށާއި، އިންސާފު ގާއިމްކުރުމަށެވެ. މީގެ އިތުރުން، މި މުޒާހަރާތަކާ ގުޅިގެން މިއަދު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައިވަނީ މި މުޒާހަރާތައް އެ ކޮމިޝަނުން މޮނީޓަރު ކުރަމުން އަންނަކަމަށް ބުނެފައެވެ. https://x.com/hrcmv/status/1918326946871820382 އަދި މި ހައްގަކީ އެ ކޮމިޝަނުން ބަލައިގަންނަ ކަމެއް ކަމަށާއި، މުޒާހަރާތައް ކުރިއަށް ގެންދިއުމުގައި އިޖްތިމާއީ މިންގަނޑަށް ތަބާވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން މިފަދަ އެއްވުންތައް ރޫޅައިލުމުގައި ސުލްހަވެރިކަން އިސްކޮށް، ގާނޫނީ އިޖުރާއަތުތަކަށް ތަބާވުމަށް ފުލުހުންނަށް ވަނީ އިލްތިމާސްކޮށްފައެވެ. ސިލްސިލާކޮށް ޒުވާނުން މުޒާހަރާ ކުރަމުން ދަނިކޮށް މިއަދު ހޯމް މިނިސްޓްރީން ވަނީ ފުލުހުންގެ ހުއްދަ ނެތި، އެއްވެވޭ ތަންތަނަށް ތިން ތަނެއް އިތުރުކޮށްފައެެވެ. އެއީ މިހާރު އޮތް ކާނިވާ ސަރަހައްދުގެ އިތުރުން، އުސްފަސްގަނޑު ސަރަހައްދާއި، އިންޑަސްޓްރިއަލް ޒޯން، އަދި ރަސްފަންނު ސަރަހައްދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ