ބަރަކާތްތެރި ފިޠުރު ޢީދު ފާހަގަކުރުމަށް މާލޭގައި ބޭއްވި "ޢީދު ހަވީރު" ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަނލުން ބައިވެރިވެވަޑައިގެންފިއެވެ.
ޤައުމީ ދިފާޢީ ބާރުން އިސްނަގައިގެން ސަރުކާރުގެ އެކި މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތް ބާއްވާފައިވަނީ ޖުމްހޫރީ މައިދާން ސަރަހައްދުގަޔާއި ސަލްޓަން ޕާކުގައެވެ.
ޢީދު ހަވީރު ހަރަކާތުގެ ތެރެއިން އެކި މުއައްސަސާތަކުން ޤާއިމުކޮށްފައިވާ ސްޓޯލްތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވާލެއްވިއެވެ. އަދި ބައެއް ކުޅިވަރުތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން މި ހަރަކާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަނލުން ވަނީ ގިނަ އަދަދެއްގެ ބަޔަކާ ޢީދު ސަލާންކުރައްވާފައެވެ. އަދި ހަވީރު ނިންމަވާލެއްވުމުގެ ގޮތުން ޚާއްސަ ކޭކެއްވެސް ވަނީ ކުޑަކުންދިންނާއެކު ފަޅުއްވާފައެވެ.
ޢީދު ހަވީރު ހަރަކާތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފްގެ ދެކަނބަނލުންނާއި ދައުލަތުގެ ބައެއް ވަޒީރުންވެސް ވަޑައިގެންނެވިއެވެ.
މިއަދު ކުރިއަށްދިޔަ "ޢީދު ހަވީރު" މި ހަރަކާތުގައި ކުޑަކުދިން ޝައުޤުވެރިވާ ފަދަ ކުޅިވަރުތައް ހިމަނައިގެން އެކިއެކި ސްޓޯލްތައް ބަހައްޓާފައިވެއެވެ. އަދި މި ސަރަހައްދުގައި ސަގާފީ ކުޅިވަރުތައްވެސް ކުޅެފައިވެއެވެ. އެގޮތުން ބޮޑުބެރު ޖެހުމާއި ބޮޑުމަސް ކުޅުންފަދަ ސަގާފީ އެތައް ކުޅިވަރެއް މި ސަރަހައްދުގައި ދައްކާލާފައިވެއެވެ.
ޢީދު ހަވީރު ކުރިއަށްދިޔައީ މިއަދު ހަވީރު 16:00އިން އިރުއޮއްސި 18:00 އާ ހަމައަށެވެ.
"ޢީދު ހަވީރު" ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަނލުން ބައިވެރިވެވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ