އާސަންދަ ހަރުދަނާކުރުމަށް މިއަހަރު އިތުރު ފިޔަވަޅުތަކެއް އަޅާނަން: ރައީސުލްޖުމްހޫރިއްޔާ

އާސަންދައިން ބޭސް ހޯދުމުގައި ރައްޔިތުންނަށް މާލީ ތަކުލީފެއް ކުރިމަތިނުވާނޭކަން ކަށަވަރުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ވިދާޅުވީ އާސަންދަ ނިޒާމު ހަރުދަނާކުރުމަށް މިއަހަރުގެ ތެރޭގައި އިތުރު ފިޔަވަޅުތަކެއް އަޅުއްވާނެކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އާސަންދައިގެ ތެރެއިން ނާޖާއިޒު ގޮތުގައި ބަޔަކު ފައިދާ ނަގަމުންދިޔަކަން ހާމަވެފައިވާކަމަށާއި، އެކަން ހުއްޓުވުމަށް ފިޔަވަޅުއެޅުއްވުމުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެކަމަށެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވި ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކަމާއެކު ކުރިއަށްގެންދިޔުމުގައި އާސަންދަ ސްކީމަކީ މުހިންމު ސްކީމެއްކަމަށެވެ. އެހެންކަމުން ސިއްޙީ ނިޒާމުގެ ތަރައްޤީ އާސަންދައާ ސީދާގުޅިފައިވާތީ އެ ސްކީމް އަދުލުވެރިކަމާއެކު ދެމެހެއްޓުމަކީ މުހިންމުކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އާސަންދަ މެދުވެރިކޮށް ބަޔަކު ނާޖައިޒު މަންފާ ނަގަމުންދިޔަކަން ހާމަވެފައިވާކަމަށާއި އެކަން ހުއްޓުވުމަށް މިދިޔަ އަހަރު ފިޔަވަޅުތަކެއް އެޅުއްވިކަމަށެވެ. އަދި ނިމިދިޔަ އަހަރު އާސަންދައިގެ ޚަރަދުތައް ކުޑަކުރެއްވުމަށް އެޅުއްވި ފިޔަވަޅުތަކަށް ރައީސްވަނީ އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން ފުރަތަމަ ކަމަކަށް ބަލްކް ޕްރޮކިއުމަންޓް އުސޫލުން ބޭސް އެތެރެކުރުމުގެ މަސައްކަތް ފައްޓަވާ ބޭސް އެތެރެކުރުމުގެ ޒަމާންވީ ނަހަމަ ވިޔަފާރިއާއި ނިޒާމީ އިސްރާފު ހުއްޓުވުމަށް 250 ބޭހެއްގެ އަގު ކޮންޓްރޯލްކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިއާއެކު ބައެއް ފަރާތްތަކުން ކަންކުރަން ފެށިގޮތުން ޢާއްމު ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވާން ފެށިކަން އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް އެންމެ ފިޔަވަޅެއްވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާކަމަށާއި، އެކަމުގައި ކުރިއަށް ފިޔަވަޅު އަޅުއްވަމުންގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއަހަރު ތެރޭގައި މިފިޔަވަޅުތައް ވަރުގަދަކުރައްވާނެކަމަށެވެ. ހަމައެއާއެކު އާސަންދައިން ބޭސް ހޯދުމުގައި ރައްޔިތުންނަށް މާލީ ތަކުލީފެއް ކުރިމަތިނުވާނޭކަން ކަށަވަރުކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާވަނީ އަރުއްވާފައެވެ.
"މި ބަދަލުތަކާއެކު، ބައެއް ފަރާތްތަކުން ކަންކުރަން ފެށި ގޮތުން، ޢާއްމު ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވާން ފެށި. ނަމަވެސް އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ނުޖެހި، އެކަމުގައި އަޅުގަނޑުމެން ކުރިއަށް ފިޔަވަޅުއެޅީމު. އަދި މިއަހަރުގެ ތެރޭގައި މިގޮތުން އަޅާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރާނަން. އާސަންދައިން ބޭސް ހޯދުމުގައި ރައްޔިތުންނަށް މާލީ ތަކުލީފެއް ކުރިމަތިނުވާނޭކަން އިރާދަކުރެއްވިޔާ ކަށަވަރުކުރާނަން. ރައްޔިތުންނަށް އެންމެ ފައިދާ ހުރި އެންމެ އިންސާފުވެރި ގޮތް އަބަދުވެސް އިސްކުރާނަން." ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އާސަންދައިގެ ޚިދުމަތްދޭ އެކި ފިހާރަތަކުން ބޭސް އެކި އަގުގައި ދޫކުރާ މައްސަލަ ހައްލުކުރައްވާނެކަމަށެވެ. އަދި މާލެއާއި ރަށްރަށުގައިވެސް ބޭސް ލިބުމަށް ހުރި މައްސަލަތައް ހައްލުކުރެއްވުމަށް އިތުރު ޚަރަދެއްކުރަން ނުޖެހި، ފެންވަރު ރަނގަޅު ބޭސް ލިބޭނެކަން ކަށަވަރުކުރުމަށް މުހިންމު ޚިދުމަތްތަކެއް މި އަހަރުގެ ތެރޭގައި ތަޢާރަފުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ