ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަނީ ނުފޫޒު ފޯރުވަން: ޑިމޮކްރެޓްސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަނީ ނުފޫޒު ފޯރުވަން: ޑިމޮކްރެޓްސް

ސިޔާސީ ޕާޓީއަކުން މެންބަރަކު ވަކިކޮށްފި ނަމަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ފާސް ކުރި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަނިކޮށް އެ ކޯޓުގެ ދެ ފަނޑިޔާރުން ވަކިކޮށް ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލު ކުރަން ވެރިކަން ކުރާ ޕީއެންސީން މަޖިލީހަށް ހުށަހަޅާފައިވާ ހުށަހެޅުމަކީ ނުފޫޒު ހިންގުމުގެ އަމަލެއްކަމަށް ބެލެވޭތީ، އެކަން ވަގުތުން ހުއްޓާލުމަށް ޑިމޮކްރެޓްސް އިން ސަރުކާރަށް ގޮވާލައިފި އެވެ.
ދަ ޑިމޮކްރެޓްސް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސުޕްރީމް ކޯޓް ބަދަލުކުރާނެކަމުގެ ތުހުމަތު ސަރުކާރުގެ މައްޗަށް ކުރަމުން ދަނިކޮށް، ސަރުކާރުން އެކަމަށް އިންކާރުކުރުމަށް ފަހު ކުއްލިގޮތަކަށް ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް މަޖިލީހަށް ބިލެއް ހުށަހަޅާފައިވުމުން، އެއީ އެ ކޯޓަށް ނުފޫޒު ފޯރުވުމުގެ އަމަލެއްކަމަށް ބެލުމުގެ ޖާގައޮތް ކަމެއް ކަމަށެވެ.
"ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ބަދަލުކުރުމަށް ކުއްލިގޮތަކަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމަކީ ސަރުކާރުން އެ ކޯޓަށާއި ޖުޑިޝަރީއަށް ނުފޫޒުފޯރުވުމުގެ އަމަލެއްކަމަށް ދަ ޑިމޮކްރެޓްސް އިން ދެކެން،" އެ ޕާޓީން ބުންޏެވެ.
ސަރުކާރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރަން ނިންމި ވަގުތާއި، ގާނޫނުއަސާސީއަށް ގެނައި އިސްލާހްގެ މައްސަލަ އެ ކޯޓްގައި ބަލަމުންދާ ވަގުތާ އެއްވަގުތަކަށްވާކަން ޑިމޮކްރެޓްސްއިން ފާހަގަކުރި އެވެ.
ޑިމޮކްރެޓްސް އިން ބުނީ "ކޯޓް ޕެކިން" ގެ ޓެކްޓިކަކީ މަތީ ކޯޓްގެ ކޮންޓްރޯލް ނެގުމަށް ގައުމުތަކުގައި އާންމުކޮށް ސަރުކާރުތަކުގެ ސިޔާސީ ބާރުވެރިކަމުގެ ތެރެއިން ކޮށްއުޅޭ ކަމެއް ކަމަށެވެ. އެގޮތުން ބައެއް ފަހަރު ޑިމޮކްރެޓިކް ހަމަތަކާ ހިލާފަށް އަމަލުކުރުމަށް ބޭނުންވާ ސަރުކާރުތަކުން އެގޮތަށް ކަންކުރާކަން ފާހަގަވާއިރު، އަނެއްބައި ފަހަރު ކޯޓަށް ލިބިގެންވާ ބާރުގެ މައްޗަށް އިތުރަށް ކޯޓުން ބާރުތައް ނަގަމުންދާ ވަގުތު ސަރުކާރުތަކުން އެގޮތަށް އަމަލުކުރާ ކަމަށެވެ.
"ދައުލަތުގެ އެއްވެސް ބާރަކަށް ލިބިގެންވާ ބާރުތަކުގެ މައްޗަށް އަނެއް ބާރަކުން އަރައިނުގަނެ، ނުވަތަ ނާޖާއިޒު ނުފޫޒު ނުފޯރުވައި، ދައުލަތް އޮމާންކަމާއެކު ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ހިނގުމަށް ޖާގަދީގެން މެނުވީ ރާއްޖޭގެ ޑިމޮކްރެސީއަށާއި ރައްޔިތުންނަށް ފައިދާއެއް ނުކުރާނެ،" ޑިމޮކްރެޓްސްއިން ބުންޏެވެ.
ޑިމޮކްރެޓްސްގެ އިތުރުން އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ވެސް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރަން ސަރުކާރުން ހުށަހަޅާފައިވާ އިސްލާހާ މެދު ކަންބޮޑުވުން ފާޅުކޮށް އެކަން ހުއްޓާލަން ގޮވައިލާފަ އެވެ. އަދި ފުންނާބުއުސް ގިނަ ވަކީލުންނާއި ގިނަ ބަޔަކު އަންނަނީ އެ އިސްލާހާ ދެކޮޅު ހަދަމުންނެވެ.
ކޯޓުތަކުގެ ގާނޫނަށް ބަދަލު ގެނެސް ފަނޑިޔާރުންގެ އަދަދު މަދު ކުރަން ހުށަހަޅައި ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅީ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އެވެ.
އެ ބިލުގައި ބުނެފއި ވަނީ ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ސަބަބުން ކޯޓުން ވަކި ކުރާނެ ދެ ފަނޑިޔާރުން ކަނޑައަޅަންޖެހޭނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަމަށެވެ. ގާނޫނަށް އަމަލު ކުރަންފަށާތާ ފަސް ދުވަހުގެ ތެރޭގައި ވަކި ކުރާނެ ފަނޑިޔާރުންގެ ނަންތައް ޖޭއެސްސީން މަޖިލީހަށް ފޮނުވަންޖެހެ އެވެ.
ވަކި ކުރާ ފަނޑިޔާރުންގެ ނަންތައް ފޮނުވާތާ ހަތް ދުވަހުގެ ތެރޭގައި އެ ފަނޑިޔާރުން ވަކި ކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަންޖެހެ އެވެ. ފަނޑިޔާރުން ވަކި ކުރެވޭނީ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ