ފުލުހަކު ޑިއުޓީ ފްރީއިން ސިނގިރޭޓު ކާޓޫނުތަކެއް ވަގަށް ބޭރުކުރަން އުޅެފި
ފުލުހަކު ޑިއުޓީ ފްރީއިން ސިނގިރޭޓު ކާޓަންތަކެއް ވަގަށް ބޭރުކުރަން އުޅުނު މައްސަލައެއް ފެންމަތިވެއްޖެއެވެ. އެކަމާ ގުޅިގެން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ، އެކަހަލަ މައްސަލައެއް ހިނގާފައިވާކަން އެނގިފައިވާ ކަމަށެވެ. ނަމަވެސް، އެ މައްސަލަ އަދި އޮތީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ކަމަށާއި ރަސްމީކޮށް، ބަހެއް ބުނެވޭނީ މައްސަލަ އެ ޚިދުމަތަށް ދިނުމުން ކަމަށް އޮފިޝަލް ވިދާޅުވިއެވެ. "ފުލުހުންނަަކަށް އަދި އެ މައްސަލަ ފޯވާޑެއް ނުކުރޭ. ކަސްޓަމްސް އިން ހިފަހައްޓައިގެން އެ އުޅެނީ. ތިކަމެއް ހިނގައިގެން އުޅެނީ. ފުލަހަކު [ކަސްޓަމްސް]ގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން އުޅެނީ ޑިއުޓީ ފްރީން ސިނގިރޭޓުތަކެއް އުސޫލާ ޚިލާފަށް ބޭރުކުރަން އުޅެނިކޮށް" އޮފިޝަލް ވިދާޅުވިއެވެ. މި މައްސަލައިގައި މިހާތަނަށް ކަސްޓަމްސްގެ ބަހެއް ލިބިފައި ނުވާތީ އަތުލައިގަތީ ކިތައް ކާޓަން ކަމެއް އެނގިފައެއް ނުވެއެވެ. މިފަހުން ވެސް ކަސްޓަމްސް އިން ވަނީ ފުލުހުންނާ ގުޅިގެން ދެ ބޮންޑެޑް ވެއާހައުސްއަކުން ގަވައިދާ ޚިލާފަށް ޖުމުލަ 955 ކޭސް ސިނގިރޭޓު ނެރުނު މައްސަލައެއް ތަހުގީގުކުރަން ފަށައިފައެވެ. މި ސަރުކާރުން ދުންފަތާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިދިޔަ ޑިސެމްބަރު މަހު ވޭޕް ވެސް މަނާކޮށްފައިވާއިރު، ދުންފަތުގެ އިސްތިއުމާލު ކުރުމާ ގުޅޭ ހަރުކަށި ގަވައިދެއް ވަނީ މިދިޔަ ހަފުތާގައި ގެޒެޓްކޮށްފައެވެ. އެ ގަވައިދުގެ ދަށުން ސިނގިރޭޓު ނުވަތަ ބިޑި އުފައްދަން ބޭނުންކުރާ ފިލްޓަރާ އެއްކޮށް ނުވަތަ ވަކިން ވިޔަސް ރޯލްކޮށްފައި ހުންނަ ހުސް ޓިއުބާއި ހުސް ފޮށްޓާއި އެ ބޭނުމަށް ބޭނުންކުރާ އާލާތްތައް އެތެރެކުރަން ހުއްދަ ނުދެވޭނެ ކަމަށް ބުނެފައެވެ. މި ބަދަލާއެކު ދުންފަތް އަގު ބޮޑުވެ، ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ