ޗެންނާއި، އިންޑިއާ (މާޗް 29) - އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ އެންމެ ކާމިޔާބު އެއް ޓީމު، ޗެންނާއި ސުޕަ ކިންގްސްގެ ދަނޑުގައި 17 އަހަރުތެރޭ ފުރަތަމަ ފަހަރަށް ރޯޔަލް ޗެލެންޖާސް ބެންގަލޫރު މޮޅުވެއްޖެ އެވެ.
މިދިޔަ އަހަރު ބެންގަލޫރުން އައިޕީއެލްގެ ޕްލޭއޮފަށް ދަތުރުކުރީ ޗެންނާއި ކަޓުވާލައިފަ އެވެ. ރޭގެ މެޗުގެ ކުރިން، ޗެންނާއިގެ ޗިދަމްބަރަމް ސްޓޭޑިއަމްގައި އެންމެ ފަހުން، ބެންގަލޫރު މޮޅުވީ 2008 ވަނަ އަހަރު އެވެ. އޭގެ ފަހުން، މިވީ މުއްދަތުގައި ޗެންނާއި އައީ އަމިއްލަ ދަނޑުގައި ބެންގަލޫރު ކައިރީގައި ފުރިހަމަ ރެކޯޑެއް ދަމަހައްޓަމުންނެވެ.
ރޭގެ މެޗުގައި، ޓޮސް ދިމާވުމުން ޗެންނާއި އިން ނިންމީ ފީލްޑްކުރާށެވެ. ބެންގަލޫރުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭ ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 196 ލަނޑެވެ.
ބެންގަލޫރުގެ އޯޕަނިން ޕާޓްނާޝިޕުގައި، ފިލް ސޯލްޓަށް 16 ބޯޅައިން 32 ލަނޑު ހެދިއިރު، ވިރާތު ކޯލީ ނުބައިވީ 30 ބޯޅައިން 31 ލަނޑު ހަދާފައިވަނިކޮށެވެ. ބެންގަލޫރު ޓީމަށް އެންމެ ރަނގަޅު ސްކޯއެއް ހަދައިދިނީ، ޓީމުގެ ކެޕްޓަން، ރަޖަތު ޕަތީދާރު އެވެ. އޭނާ ވަނީ، 32 ބޯޅައިން 51 ލަނޑު ހަދައިފަ އެވެ. މި އިނިންގްސްގައި، ޗެންނާއިގެ ނޫރު އަހުމަދު، ތިން ވިކެޓް ނެގި އެެވެ.
ޖަވާބުގައި ކުޅެން އަރައި، ޗެންނާއި އަށް 20 އޯވަރު ހަަމަވިއިރު، އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 146 ލަނޑެވެ. ޗެންނާއިގެ ރަޗިން ރަވިންދުރަ ވަނީ 31 ބޯޅައިން 41 ލަނޑު ހަދައިފަ އެވެ. އެކަމަކު، އެ ޓީމުގެ ކެޕްޓަން، ރުޖުރާޖު ގައިކްވާޑް ނުބައިވީ ހަތަރު ބޯޅައިން އެންމެ ލަނޑެއް ވެސް ނުހެދި އެވެ. ޗެންނާއިގެ ނުވަ ވަނަ ބެޓްސްމަނެއްގެ ގޮތުގައި ކުޅެން އަރައި، 41 އަހަރުގެ މަހިންދުރަ ސިންގް ދޯނީ ވަނީ ނުބައިނުވެ، 16 ބޯޅައިން 30 ލަނޑު ހަދައިފަ އެެވެ.
މި އިނިންސްގައި އެންމެ ރަނގަޅު ކުޅުމެއް ބެންގަލޫރުން ދެއްކީ، ހަތަރު އޯވަރަށް ތިން ވިކެޓް ނެގި، ޖޯޝް ހޭޒަލްވުޑް އެވެ.
އައިޕީއެލްގެ 18 ވަނަ ސީޒަން ކުރިއަށްދާއިރު، އަދި މިހާތަނަށް ބެންގަލޫރަށް ތަށްޓެއް ނުހޯދެ އެވެ. އެކަމަކު، އެ ޓީމުން މި ފަހަރުގެ މުބާރާތް މި ފެށީ ތިން ފަހަރު ޗެމްޕިއަންކަން ހޯދި ކަލްކަތާ ނައިޓް ރައިޑާސް އާއި ފަސް ފަަހަރު ތަށި ހޯދި ޗެންނާއި ބަލިކޮށްފަ އެވެ. ދެ މެޗުން ވެސް ބެންގަލޫރު މޮޅުވީ ރަށުންބޭރުގައި ކުޅެ އެވެ.
އައިޕީއެލް: 17 އަހަރު ތެރޭ ޗެންނާއިގައި ބެންގަލޫރުގެ ފުރަތަމަ މޮޅު ހޯދައިފި އައިޕީއެލް: 17 އަހަރު ތެރޭ ޗެންނާއިގައި ބެންގަލޫރުގެ ފުރަތަމަ މޮޅު ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ