ފަޔާފްލައި އެރޯސްޕޭސްއިން ޖެނުއަރީ މެދުތެރޭގައި ދަތުރު ފެށި ބްލޫ ގޯސްޓް މިޝަން 1 ލޭންޑަރު މާރިޗު 2 ގައި ހަނދަށް ޖެއްސި އެވެ. މި ލޭންޑަރުން މާރެ ކްރިސިއަމް ބޭސިންއަށް ނާސާގެ ސައިންސާއި ޑެލިވަރީ ޕޭލޯޑް 10 ފޯރުކޮށްދިނެވެ. މިއީ ހަނދުގެ ދުނިޔެއަށް ފެންނަ ފަރާތުގައިވާ ލާވާއިން ފުރިފައި ހުރި ސަރަހައްދެކެވެ.
ނާސާގެ ނިއުސް ރިލީސްއެއްގައި ބުނާ ގޮތުން، ޕޭލޯޑްތައް ފޯރުކޮށްދިނީ ނާސާގެ ކޮމާޝަލް ލޫނާ ޕޭލޯޑް ސާވިސަސް އަދި އާޓެމިސް ޕްރޮގްރާމްގެ ބައެއްގެ ގޮތުގަ އެވެ. މި ޕޭލޯޑްތައް ބޭނުންކުރެވުނީ ހަނދުގައި ޑޭޓާ އެއްކުރުމަށާއި އެހެނިހެން ސައިންޓިފިކް އޮޕަރޭޝަންތައް ހިންގުމަށެވެ.
ޑެލިވަރީތައް ކުރަމުންދާ ވަގުތު، ބްލޫ ގޯސްޓް ލޭންޑަރު ހަނދުގެ އެއް ދުވަސް ތަޖުރިބާކުރި އެވެ. އެ ދުވަހު އެތައް ފޮޓޯއަކާއި ވީޑިއޯއެއް ނެގި އެވެ. ހަނދުގައި އިރު އަރާ މަންޒަރުގެ ފޮޓޯއާއި އިރުއޮއްސުމުގެ ފޮޓޯވެސް ނެގި އެވެ.
ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރަމުން، ފަޔާފްލައި އެރޯސްޕޭސްއިން އިރުއޮއްސުމުގެ ފޮޓޯއަށް އިޝާރާތްކުރީ ލޭންޑަރުގެ ވަދާއު ކަމަށެވެ.
"ހަނދުގައި އިރުއޮއްސުން ވަރަށް ތަފާތު!" ކުންފުނިން އެކްސްގައި ލިޔެފައިވެ އެވެ. "ތިރީގައި އިތުރު ފޮޓޯތަކެއް ހުރީ، އިރު އޮއްސުމާއެކު ހަނދުގައި ސަތަހައިގެ މަތީގައި ފެންނަ ހޮރައިޒަން ގްލޯގެ. މި މުހިންމު ވަގުތު ފާހަގަކުރަނީ މި ތާރީޚީ ފަޔާފްލައި މިޝަންގެ ހުރިހާ ކާމިޔާބީއެކެވެ. #ބްލޫގޯސްޓްއަށް ޝުކުރިއްޔާ މި އަލްވަދާއަށް. ދެވަނަ ފަހަރާ ހަމައަށް!"
މިޝަންގެ ތެރޭގައި، ލޭންޑަރުން 119 ގިގަބައިޓްގެ ޑޭޓާ ދުނިޔެއަށް ފޮނުވާފައިވާކަމަށް ނާސާއިން ބުނެ އެވެ. ލޭންޑަރުގައި ހުރި އިންސްޓްރުމަންޓްތަކުން ފުރަތަމަ ފަހަރަށް ސައިންސާއި ޓެކްނޮލޮޖީ ޑެމޮންސްޓްރޭޝަނެއް ހިންގި އެވެ. މީގެ ތެރޭގައި ހަނދުގެ އެންމެ ފުން ރޮބޮޓިކް ޕްލެނެޓަރީ ސަބްސާފޭސް ތާމަލް ޕްރޯބް ފެށުން އަދި އެކްސް-ރޭ އިމޭޖަރެއް ބޭނުންކޮށްގެން ސޯލާ ވިންޑްއާއި ދުނިޔޭގެ މެގްނެޓިކް ފީލްޑްގެ ގުޅުން ދިރާސާކުރުން ހިމެނެ އެވެ.
"ހަނދުގައި ހިންގުން އެއީ ވަރަށް ބޮޑު މަސައްކަތެއް؛ (ކޮމާޝަލް ލޫނާ ޕޭލޯޑް ސާވިސަސް) ޑެލިވަރީއެއްގައި މީގެކުރިން ގެންގޮސްފައިނުވާހައި ގިނަ، 10 ޕޭލޯޑް ގެންދިއުމާއެކު މިޝަން ވަރަށް އައްސަރިބަހާ ސާބަހޭ ކިޔާން ހައްގެވެ،" ނާސާގެ ސައިންސް މިޝަން ޑައިރެކްޓަރޭޓްގެ ޑެޕިއުޓީ އެސޯސިއޭޓް އެޑްމިނިސްޓްރޭޓަރ ފޯ އެކްސްޕްލޮރޭޝަން ޖޮއެލް ކާންސް ބަޔާނެއްގައި ބުނެފައިވެ އެވެ. "ޓީމްތަކުން ވަރަށް ޝައުގުވެރިކަމާއެކު ޑޭޓާ އެނަލައިޒްކުރަމުންދޭ، އަދި މި މިޝަނުން ލިބޭނެކަމަށް އުއްމީދުކުރެވޭ ސައިންޓިފިކް ހޯދުންތަކާ މެދު ވަރަށް ޝައުގުވެރިވޭ."
މިއީ އެންމެ ދިގު ވިޔަފާރި ބޭނުމުގެ މިޝަންގެ ރެކޯޑް ކަނޑައެޅި މިޝަނެއްކަމަށް ނާސާއިން ބުނެފައިވެ އެވެ. ކޮމާޝަލް ލޫނާ ޕޭލޯޑް ސާވިސަސްއިން 50 އަށްވުރެ ގިނަ އިންސްޓްރުމަންޓް ހަނދުގެ އެކި ސަރަހައްދުތަކަށް ފޮނުވާނެކަމަށް ނާސާއިން ބުނެފައިވެ އެވެ.
ބްލޫ ގޯސްޓް މިޝަން 1ގެ ލޭންޑަރުން ހަނދުގެ އިރުއޮއްސޭ އަދި އިރުއަރާ މަންޒަރު ހިމެނޭ 'ވަދާއީ' ފޮޓޯތަކެއް ދުނިޔެއަށް ފޮނުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ