ތައިލެންޑާއި އަވަށްޓެރި މިޔަންމާއަށް މިއަދު އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އެ ދެ ގައުމުގެ ހާލަތު ބަލަމުން އަންނަ ކަމަށާއި ތައިލެންޑުގައި ދިރިއުޅޭ ދިވެހިންގެ ހާލު ރަނގަޅު ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ވީ ކިހިނެއް؟ - ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރާ ތައިލެންޑާއި މިޔަންމާއަށް މިއަދު މެންދުރު ފަހު ވަނީ 7.7 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފަ އެވެ. އެއާ އެކު، އެ ދެ ގައުމުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.
ބުނީ ކީކޭ؟ - ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ތައިލެންޑުގައި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ތައިލެންޑުގައި ހުންނަ ދިވެހި އެމްބަސީ މެދުވެރިކޮށް އެ މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މިހާތަނަށް ބެލިބެލުމުން އެ ގައުމުގައި ދިރިއުޅޭ ދިވެހިންގެ ހާލު ރަނގަޅު ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އަދި މިޔަންމާގައި އެއްވެސް ދިވެހި ރައްޔިތަކު މިވަގުތު ހުރިތޯ ބެލުމަށް ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް މިދަނީ މަސައްކަތް ކުރަމުންނެވެ،" ބަޔާނުގައިވެ އެވެ.
ފޮރިން މިނިސްޓްރީން ވަނީ އެ ދެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުން އަންގާ އެންގުންތަކަށް ސަމާލުވެ، އެއާ އެއްގޮތަށް އަމަލު ކުރުމަށް ދިވެހިންނަށް އިލްތިމާސްކޮށްފަ އެވެ.
ތައިލެންޑް އަދި މިޔަންމާގައި ތިބި ދިވެއްސަކު އެއްވެސް ކަމެއް ބޭނުންވާ ނަމަ ނުވަތަ އެހީތެރިކަމެއް ބޭނުންވާ ނަމަ، ގުޅާނެ ދެ ނަންބަރަކީ:
އެމްބަސީގެ ހޮޓްލައިން ނަންބަރު: 611766502 66+
މިނިސްޓްރީގެ ހޮޓްލައިން ނަންބަރު: 9607983400+
އެނގުން މުހިންމު - އީދު ބަންދާ ދިމާކޮށް ބެންކޮކަށް ދާ ދިވެހިންގެ އަދަދު މިދުވަސްކޮޅު ވަނީ އިތުރުވެފަ އެވެ. އޭގެ އިތުރުން، ވިޔަފާރީގެ ބޭނުންތަކުގައި ވެސް ދިވެހިން އާންމު ގޮތެއްގައި ތައިލެންޑަށް ޒިޔާރަތްކުރެ އެވެ.
ތަފްސީލް - ތައިލެންޑާއި މިޔަންމާއަށް މިއަދު މެންދުރު ފަހު އައި 7.7 މެގްނިޓިއުޑްގެ ބިންހެލުމުގެ ސަބަބުން ބެންކޮކްގައި ހަދަމުން ދިޔަ 30 ބުރީގެ އުސް އިމާރާތެއް ވެއްޓި، ބައެއް މީހުން ވަނީ މަރުވެފަ އެވެ. އަދި ބައެއް މަސައްކަތްތެރިން އިމާރާތުގެ ދަށުގައި ތާށިވެފައިވާ ކަމަށް ވެސް އެ ގައުމުގެ ފުލުހުން ބުންޏެވެ.
ބެންކޮކްގެ މަޝްހޫރު ޗަޓުޗަކް މާރުކޭޓު ކައިރީގައި އިމާރާތް ވެއްޓުމުގެ ހާދިސާގައި ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނޭނގޭ ކަމަށާއި އޭރު އެ ތަނުގައި ތިބީ ކިތައް މަސައްކަތްތެރިން ކަމެއް އަދި ނޭނގޭ ކަމަށް ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި މަތީގައި ކެރޭނެއް ހުރި އެތަކެއް ބުރީގެ އިމާރާތް ވެއްޓުނު އިރު، މަންޒަރު ދުށް މީހުން ހަޅޭއްލަވައިގަތެވެ.
ބެންކޮކްގައި އިތުރު އާފްޓާޝޮކްތަކެއް އަތުވެއްޖެ ނަމަ އެމީހުންގެ އިމާރާތްތަކުން ހުސްކުރި މީހުން ބޭރުގައި ތިބުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އާއި ޖަރުމަނުގެ ޖީއެފްޒެޑް ސެންޓާ ފޯ ޖިއޯސައިންސަސްއިން ބުނީ ބިންހެލުން އައިސްފައިވަނީ 10 ކިލޯމީޓަރު ބިމުގެ އަޑިން ކަމަށާއި އެޕިސެންޓަރު ހުރީ މިޔަންމާގައި ކަމަށެވެ.
ބިންހެލުން އައި ތައިލެންޑުގައި ތިބި ދިވެހިންގެ ހާލު ރަނގަޅު: ފޮރިން މިނިސްޓްރީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ