އިއްޔެ ހަވީރު އިންޑިއާގެ ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލްގެ ސްޓޭޖު މަތިން ހުރަސްކޮށްލީ ދިވެހި ފަޒާއިން އަރައިގެންދިޔަ ފަސް ތަރި އެވެ.
މަޑު ފެހި ކުލައިގެ ޑިސްކޯ ކޯޓާއި ޖެކެޓުން ބަބުޅަމުން ދަޅަ އަޅަމުންނެވެ. ފަސް ތަރީގެ ހުށަހެޅުމެއް ހުށަހަޅައިދިން އެ ފަސް ތަރީގެ ނަމަކީ '2 އޮފް އަސް' އެވެ.
2 އޮފް އަސްގެ ލައިންއަޕް:
އަހުމަދު އަދުހަމް
މުހައްމަދު ނަސޫހު ބިން ނަސްރުއްދީން
އަބްދުﷲ ޝަމްރޫހު
އަހުމަދު ޖަޝީމް
އަހުމަދު ޝަހީދު (ޝަހީދު ލެގަސީ)
އެ މުބާރާތުގައި 2 އޮފް އަސްގެ ފުރަތަމަ ހުށަހެޅުމުން ފެށިގެން ވެސް އެ ބޭންޑަށް ވަނީ ފަނޑިޔާރުންނާއި ބެލުންތެރިންގެ ތަރުހީބާއި ތައުރީފު ލިބިފަ އެވެ. އެ މުބާރާތުގައި ގެސްޓު ޖަޖުންގެ ގޮތުގައި ބައިވެރިވި އިންޑިއާގެ މިއުޒިކު އިންޑަސްޓްރީގައި އެންމެ ކުޅަދާނަ އަދި އެންމެ ތަޖުރިބާކާރު ފަންނާނުން ވެސް ވަނީ 2 އޮފް އަސްގެ ހުށަހެޅުންތަކުން އަޖައިބުވެފަ އެވެ. ފުރަތަމަ އަނޫ މާލިކު އެވެ. އެންމެ ފަހުން، އިއްޔެ އަބިޖީތު ބަޓަޗަރުޔާ އެވެ.
2 އޮފް އަސްއިން އިއްޔެ ސްޓޭޖަށް އަރައި ހުށަހަޅައިދެނީ 1969 ވަނަ އަހަރު ނުކުތް ހިންދީ ފިލްމު، ޕްރިންސްގައި ހިމެނޭ 'ބަދަން ޕެ ސިތާރެ ލަޕޭޓޭ ހުއޭ' އެވެ. މިއީ 2 އޮފް އަސްއިން މި މުބާރާތުގައި ހިންދީ ލަވައެއް ހުށަހަޅައިދިން ފުރަތަމަ ފަހަރު ނޫން ނަމަވެސް ދިވެހި ހުށަހެޅުމަކާ ނުލައި ނިންމާލި ފުރަތަމަ ފަހަރެވެ.
ފުރަތަމަ ބުރުގައި 'ބާބޫ ސަމްޖޯ އިޝާރޭ' އާއި 'އެއްޗެއް ކަޅެއް'ގެ ފިއުޝަންއެއް ހުށަހަޅައިދިނުމަށް ފަހު ދެން އައި ދެ ފަހަރު ވެސް އިއްވާލީ ދިވެހި މަގުބޫލު ލަވަތަކެއްގެ ކަވާތަކެވެ. މުހައްމަދު މާޖިދު (މެޒޯ މުހައްމަދު)ގެ 'މޮޅި އޮޑި' އާއި ހައްސާނު މުހައްމަދު (މޭނާ ހައްސާނު)ގެ 'މިލަ މިލަ ހަނދުވަރު' އެވެ. އެއަށް ފަހު ފަސީލައިވްގެ 'ފޮއިމަތި' އާއި 'ފަރުމަހޯ' އެވެ.
އިއްޔެގެ ހުށަހެޅުމުގައި އިތުރު ތަފާތެއް ވެސް ފެނުނެވެ. ލީޑް ވޯކަލިސްޓެއްގެ ގޮތުގައި އިއްޔެ ލަވަކިޔަން އެރީ ނަސޫހު އެވެ. މީގެ ކުރިން އެކަން ކުރި އަދުހަމް ރޭ ފެނުނީ ގިޓަރިސްޓެއްގެ ގޮތުގަ އެވެ. ނަމަވެސް ވަކި ހިސާބަކުން އޭނާ ވެސް ގިިޓަޔާ ގިޓާ ކޮށްލާފައި މައިކު ނަގައިގެން ލަވަކިޔަން ފެށި އެވެ.
ނަސޫހު އެ ލަވަ ހުށަހަޅައިދިނީ، ވީޑިއޯއަށް ނުބަލައި ހަމައެކަނި އަޑުއަހައިފި ނަމަ އެ ލަވަ ކިޔަން ހުރީ ދިވެއްސެއްކަން ވެސް ބުނަން އުނދަގޫވާހާ ފުރިހަމަ އަށެވެ. އަދި މުޅި ބޭންޑުގެ ޕާފޮމެންސާއި މިއުޒިކުން، އެ ލަވައިގައި ސިފަކޮށްދޭ ފަދަ މާހައުލަކަށް ގެންގޮސްދެ އެވެ. ބޭންޑުގެ ހުށަހެޅުމަށް މިފަހަރު ވެސް ފަނޑިޔާރުންްގެ ރުހުން ވަނީ ލިބިފަ އެވެ.
"ދެންމެ ތިޔަ ޕާފޯމްކުރިހާ މިނިވަންކަމާ އެކީ ދުވަހަކު ވެސް ރާއްޖޭގައި ޕާފޯމްކުރިހެން އަހަންނަކަށް ހިއެއްނުވޭ،" އަބީޖީތު ބުންޏެވެ.
ތިޔައީ އަހަރެމެންގެ މެހެމާނުން ކަމަށާއި އެ މީހުންގެ (2 އޮފް އަސްގެ) ކޮންމެ ހަރަކާތެއް ވެސް ބަލައިގަންނާނެ ކަން ފާހަގަކޮށް އަބީޖީތުގެ ކޮމެންޓު ނިންމާލީ "ވީ ލަވް ޔޫ" އޭ ބުނަމުންނެވެ.
ޝްރައްދާ ޕާންޑިތު ބުނީ 2 އޮފް އަސްއިން އަނެއްކާވެސް ސްޓޭޖު ގުޑުވާލައިފި ކަމަށެވެ. އޭނާ ބުނިގޮތުގައި އެ ބޭންޑުގެ ހުށަހެޅުންތަކުން ތަފާތު ގޮތެއް ފެނެ އެވެ. މިފަހަރު ވެސް އެކަން ތަކުރާރުވި ކަމަށް ބުންޏެވެ.
"މިއީ [ތި ހުށަހެޅީ] ބަދަން ޕެ ސިތާރޭގެ 2.0 ވާޝަން،" އޭނާ ބުންޏެވެ.
2 އޮފް އަސް: މިނިވަން މިއުޒިކީ ޖައްވެއްގައި ތަރިތަކާ އެކު ބަބުޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ