ލިވަޕޫލް ތައްޓާ 3 ޕޮއިންޓް ގާތަށް، ލެސްޓާ ރެލިގޭޓްވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލުން ލެސްޓާ ސިޓީ ބަލިކުރުމުން ލެސްޓާ ރެލިގޭޓްވެއްޖެއެވެ. ލެސްޓާގެ ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބުކޮށްފައިވަނީ 1-0 އިންނެވެ. ލިވަޕޫލުން ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދި މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް އެ ޓީމަށް ލިބުނު ނަމަވެސް ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވިއެވެ. މެޗުގައި ފެނުނު ހަމައެކަނި ލަނޑު 76 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައިވަނީ އަނިޔާގައި ގިނަ ދުވަސްތަކެއް ހުރުމަށް ފަހު ރޭގެ މެޗުގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޓްރެންޓް އެލެގްޒެންޑާ އާނޯލްޑެވެ. މި ލަނޑު ޖެހުމާ އެކު އޭނާ ޖާޒީ ބާލާ އުފާފާޅު ކުރުމަށް ފަހު ޖާޒީ ވަނީ ކޯނަރު ދަނޑީގައި އަޅުވާލައިފައެވެ. މިއީ އޭނާ ކްލަބަށް އަލްވަދާއު ކިޔުމުގެ ގޮތުން ކުރިކަމެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެލެގްޒެންޑާ އާނޯލްޑް ލިވަޕޫލާ އެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނާ އެކު ނިމޭއިރު އޭނާ ސްޕެނިޝް ލަލީގާގެ ރެއާލް މެޑްރިޑަށް ބަދަލުވުމަށް މަަސައްކަތް ކުރަމުންދާކަމުގެ ވާހަކަ ދެކެވެމުންދާތާ ގިނަ ދުވަސްތަކެއްވަނީވެފައެވެ. ލެސްޓާ ރެލިގޭޓްވުން ލަސްކުރަން ބޭނުންނަމަ މޮޅުވުން މަޖުބޫރު މި މެޗުގައި އެ ޓީމަށް ލަނޑެއް ކާމިޔާބުނުކުރެވުމުން މިއީ އަމިއްލަ ދަނޑުގައި ލަނޑެއް ނުޖެހި ލީގު މެޗެއް ނިންމާލި ނުވަވަނަ ފަހަރެވެ. މިއީ ޕްރިމިއާ ލީގުގައި އާ ރިކޯޑެކެވެ. މެޗު ފެށުމުގެ ކުރިން ލެސްޓާގެ ސަޕޯޓަރުންވަނީ ކްލަބްގެ ބޯޑުގެ މެންބަރުން މަގާމުން ވަކިކުރުމަށް ގޮވާލާފައެވެ. ސަޕޯޓަރުން ބުނީ، އެ ކްލަބްގެ ބޯޑަށް ހެދޭ ނުހެދޭ ނޭނގޭ ކަމަށެވެ. މި ނާކާމިޔާބީއާ އެކު ލެސްޓާ މިވަނީ ބާކީ ފަސް މެޗު އޮއްވާ ޕްރިމިއާ ލީގުން ރެލިގޭޓްވެފައެވެ. އެ ޓީމުން މިހާތަނަށް ކުޅުނު 33 މެޗުން މޮޅުވެފައިވަނީ އެންމެ ހަތަރު މެޗުންނެވެ. އަދި، ހަ މެޗުން އެއްވަރުވެފައިވާއިރު 23 މެޗުން ވަނީ ބަލިވެފައެވެ. މިހާތަނަށް ލިބިފައިވަނީ އެންމެ 18 ޕޮއިންޓެވެ. ލެސްޓާއާއި ހިލާފަށް ރޭގެ ކާމިޔާބީއާ އެކު ލިވަޕޫލް މިހާރު މިވަނީ ލީގު ކާމިޔާބުކުރުމާ ތިން ޕޮއިންޓަށް ގާތްވެފައެވެ. ލިވަޕޫލަށް މިހާރުވަނީ 33 މެޗުން 79 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް އާސެނަލާ ދެމެދު 13 ޕޮއިންޓްގެ ތަފާތެއް އެބައޮތެވެ. އެހެންވެ، ލިވަޕޫލުން އަންނަ އާދިއްތަ ދުވަހު އަމިއްލަ ދަނޑުގައި ޓޮޓްނަމް ހޮޓްސްޕާއާ ބައްދަލުކުރާ މެޗު ކާމިޔާބުކޮށްގެން ލީގު ކާމިޔާބުކުރުމުގެ ފުރުސަތު އޮންނާނެއެވެ. މިއީ ޕްރިމިއާ ލީގުގައި ފަސް އަހަރުގެ ތެރޭ މެންޗެސްޓާ ސިޓީ ނޫން އެހެން ޓީމަކުން ތަށި އުފުލާލާނެ ފުރަތަމަ ފަހަރެވެ. އަންނަ ބުރާސްފަތި ދުވަހު އާސެނަލާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރާ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން ސްޕާސް މެޗަށް ނުކުތުމުގެ ކުރިން ވެސް ލިވަޕޫލަށް ލީގު ކާމިޔާބުކުރުމުގެ ފުރުސަތު އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ