ޕާކިސްތާނުގެ މަސްރަހު މާ ގޯސްވާނަމަ އެ ގައުމުގައި ތިބި ދިވެހިންނަށް އެހީވާނަން: މިނިސްޓްރީ

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހަމަނުޖެހުން ބޮޑުވެ، މިހާރު ބަދަލުކުރަމުންދާ ހަމަލާތަކާ ވިދިގެން ޕާކިސްތާނުގެ މަސްރަހު އިތުރަށް ގޯސްވެއްޖެނަމަ ދިވެހި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ވީ ކިހިނެއް؟ - އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހަމަލާ ބަދަލުކުރަން ފެށުމާ އެކު ޕާކިސްތާނުގައި ކިޔަވަން ގޮސް އުޅޭ ދިވެހި ދަރިވަރުން އަނބުރާ ރާއްޖެއަށް އާދެވޭނެ ގޮތެއް ނެތި، އާއިލާތަކުން އެހީއަށް އެދެމުން ދަނިކޮށް ފޮރިން މިނިސްޓްރީން ވަނީ މިރޭ ނޫސްބަޔާނެއް ނެރެފަ އެވެ.
ތަފްސީލު - އެ ބަޔާނުގައި މިނިސްޓްރީން ބުނީ ޕާކިސްތާނުގެ އެކި ސަރަހައްދުތަކުގައި ކިޔަވަމުން އަންނަ ދިވެހި ދަރިވަރުންގެ ހާލު އެ މިނިސްޓްރީ އާއި ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.
ޕާކިސްތާނުގައި މިވަގުތު ތިބި ދިވެހި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، އެ މިނިސްޓްރީން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުންގެންދާ ކަމަށް ވެސް މިނިސްޓްރީގެ ބުނެފައިވެ އެވެ.
"މިގޮތުން، ޕާކިސްތާނުގެ މަސްރަހު މިހާރަށް ވުރެ ގޯސްވާނަމަ، ޕާކިސްތާނުގައި ތިބި ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އަރުވަމެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ޕާކިސްތާނުގެ ކަމާބެހޭ އިދާރާތަކުން އެ ގައުމުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް ދިން މައުލޫމާތަށް ރިއާޔަތްކޮށް މިނިސްޓްރީން ބުނި ގޮތުގައި ޕާކިސްތާނުގައި ކިޔަވާ މަރުކަޒުތަކާއި އޮފީސްތައް އާންމު ހާލަތުގައި މިވަގުތު ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
އޭގެ އިތުރުން މި ދަނޑިވަޅުގައި ޕާކިސްތާނުގައި ދިރިއުޅޭ އަދި ދަތުރުފަތުރު ކުރާ އެންމެހާ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ އަހަމިއްޔަތުކަމެއް ދީ، އެގައުމުގެ ސަރުކާރާއި ހައިކޮމިޝަންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް ވެސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
ޕާކިސްތާނުގައި ދިރިއުޅޭ ދިވެހި ރައްޔިތަކަށް ދިމާވާ ކަންކަމުގައި މިނިސްޓްރީ އާއި ހައިކޮމިޝަނަށް ގުޅޭނެ ހޮޓްލައިން ނަންބަރުތަކެއް ވެސް މިނިސްޓްރީން ވަނީ ހިއްސާކޮށްފަ އެވެ. އެއީ:
ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ގުޅޭނެ ނަންބަރު: 923008504143‬‬‬‬‬‬‬‬ +
މިނިސްޓްރީގެ ހޮޓްލައިން ނަންބަރު: 7983400
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ