އަނިޔާގެ މާހައުލުން ނުނިކުމެވި، ކުށްކުރާ ކުދިންނަށް ވުމުގެ ސަގާފަތް ނައްތާލަން ޖެހޭ: ސާޖިދާ
އަނިޔާ އާއި އެކިކަހަލަ ގޯނާ ލިބެމުންދާ ކުދިންނަށް އެ މާހައުލުން ނުނިކުމެވި، ކުށްކުރާ ކުދިންނަށް ވަމުން ދިއުމުގެ ސަގާފަތް ބަދަލުކުރަން ޖެހޭކަމަށް, ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ. ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހާއި ޔުނިސެފް ގުޅިގެން މިއަދުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް ބާއްވާ، ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން, ސާޖިދާ ވިދާޅުވީ މިއަދު ކުށުގެ މާޙައުލުގައި ތިބި ކުދިންނަކީ އިއްޔެ އަނިޔާ ލިބެމުންދިޔަ ނުވަތަ ވިކްޓިމުންގެ ގޮތުގައި ތިބި ކުދިންކަމުގައި ވުމުން، ކުޑަކުދިންގެ އަދުލުގެ ނިޒާމާބެހޭ ކަންކަން ނިންމާއިރު މި ހަގީގަތް ޤަބޫލުކުރައްވަންވާނެ ކަމަށެވެ. ހަގީގީ ހާދިސާތަކުން މިސާލު ޖައްސަވައި ސާޖިދާ ވަނީ، މަރުގެ މައްސަލައެއްގައި ހައްޔަރު ކުރި 14 އަހަރުގެ ކުއްޖެއް، އޭނާ ހައްޔަރު ކުރުމުގެ ކުރިން 191 ފަހަރު ކަމާބެހޭ އިދާރާތަކާ މުއާމަލާތް ކުރެވިފައިވާ މައްސަލައެއް ފާހަގަ ކުރައްވައިފައެވެ. މީގެ އިތުރުން ގިނަ ދުވަސްތަކެއް ވަންދެން ޖިންސީ ގޯނާ ތަހައްމަލުކުރަމުން އައި 15 އަހަރުގެ ކުއްޖަކަށް ދައުވާ ކުރެވުނު މައްސަލައެއްގައި އެތެރެއިންނާއި ރާއްޖެއިން ބޭރުން އައި ޕްރެޝަރާއެކު އެ ކުއްޖާ މިނިވަންވި މައްސަލައެއްގެ ވާހަކަ ހިއްސާކުރައްވާފައިވެއެވެ. މި މައްސަލަތަކުން ރަމްޒުކޮށްދެނީ ކުދިންގެ ރައްކާތެރިކަމަށާއި އަވަސް ފިޔަވަޅުއެޅުމުގައި ނިޒާމީގޮތުން ފެއިލްވެފައިވުން ކަމަށް ސާޖިދާ ވިދާޅުވިއެވެ. އަދި ސްކޫލްތަކާއި މައިންބަފައިން އަދި އަދުލު އިންސާފު ގާއިމުކުރާ މުވައްސަސާތަކުން އެ ކުދިންގެ ފަރާތުން ފެންނަ އިންޒާރުގެ ނިޝާންތައް ދެނެގަނެ އެކަމަށް އަވަސް އިޖާބައެއް ދިނުމަށް އޭނާ ގޮވާލެއްވިއެވެ. ސާޖިދާގެ ވާހަކަފުޅުގައި، މި ސަރަޙައްދުގެ އެހެން ގައުމުތަކާ އަޅައިބަލާއިރު ރާއްޖޭގައި އަނިޔާވެރި ކުށްތައް މަދުވެފައި، ޖަލު ބަންދަށް ގެންދާ ނިސްބަތް މަތިކަމަށް ވިދާޅުވިއެވެ. އަދި ސިޔާސަތު ހަރުދަނާކުރުމަށް އެތައް އަހަރެއް ހޭދަކުރި ނަމަވެސް ޒުވާން އުމުރުގައި ކުށުގެ ވެށީގައި އުޅުމުން އެކަމުގެ އަސަރު ޖީލުތަކަށް ދެމިގެންދާ ކަމަށް ވިދާޅުވިއެވެ. މިކަމަށް ހައްލު ހޯދުމަށްޓަކައި ގެންގުޅޭ ވިސްނުން ބަދަލުކޮށް، އާއިލީ ބައިވެރިވުން ހަރުދަނާކުރުމާއި، ޚާއްޞަކޮށް ބައްޕައިން ޝާމިލުވާ މިންވަރު އިތުރުކުރުމާއި، އަދި މުވައްސަސާތަކުގެ މެދުގައި މިހާރަށްވުރެ ބޮޑަށް ގުޅުން ބަދަހިކުރަންޖެހޭ ކަމަށް ސާޖިދާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ