ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމަށް އޭއެފްސީން ފުރުސަތު މި ފަހަރު ނުދިން ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމަށް އޭއެފްސީން ފުރުސަތު މި ފަހަރު ނުދިން

އަންނަ އަހަރު ސައުދީ އަރަބިއްޔާގައި ބާއްވާ އޭއެފްސީ 23 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިން އިން ރާއްޖެ އަށް ފުރުސަތު ނުދޭން ނިންމީ އޭއެފްސީން ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
ދާދި ފަހުން، އޭއެފްސީން ވަނީ އަންނަ އަހަރު ސައުދީ އަަރަބިއްޔާގައި ކުރިއަށްދާ 23 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުގެ ގުރުއަތުލުން ކުރިއަށް ގެންގޮސްފަ އެވެ. އެ ގޮތުން، ކޮލިފިކޭޝަނުން ފުރުސަތު ނުދޭ ދެ ގައުމެއްގެ ގޮތުގައި ހިމަނާފައިވަނީ، ރާއްޖޭގެ އިތުރުން އުތުރު ކޮރެއާ އެވެ.
އުތުރު ކޮރެއާ އާއި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމަށް، ކޮލިފިކޭޝަނުން ފުރުސަތު ނުދޭން އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ އިން ނިންމާފައިވަނީ އެންމެ ފަހުން، 2024 ވަނަ އަހަރު ގަތަރުގައި ބޭއްވި އޭޝިއަން ކަޕްގެ ކޮލިފައިންގައި ބައިވެރިވާން ނިންމުމަށް ފަހު، ގުރުއަތު ވެސް ލީ ފަހުން، ކޮލިފިކޭޝަނުން މި ދެ ގައުމު ވަކިވުމުންނެވެ.
"ކުރިން ފަހަރު ކޮލިފިކޭޝަނުން ވަކިވީމަ، އޭއެފްސީން ނިންމާފައި އޮތީ ވަކިވި ދެ ޓީމަށް މި ފަހަރު ފުރުސަތު ނުދޭން،" 23 އަހަރުން ދަށުގެ ޓީމަށް އޭޝިއާ މުބާރާތުން ފުރުސަތު ނުލިބުނު ސަބަބާ ގުޅޭގޮތުން، އެކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން "އަދަދު ސްޕޯޓްސް" އަށް ބުންޏެވެ.
ޗައިނާގައި 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކުޅެން އޮތް 23 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ޖީގެ މެޗުތަކަށް ރާއްޖެ އަށް ނުދެވުނީ ވަގުތު އޮއްވައި ފަައިސާ ހަމަނުޖެހުމުންނެވެ. ރާއްޖޭން އެ ފަހަރު ވާދަކުރަން އޮތީ ޗައިނާ، އިންޑިއާ އަދި ޔޫއޭއީއާ އެއް ގްރޫޕެއްގަ އެވެ.
އެ ފަހަރު، ގައުމީ 23 އަހަރުން ދަށުގެ ޓީމު މެޗުތައް ކުޅެން ޗައިނާ އަށް ފުރަން ތަކުރާރުކޮށް، އެކި ދުވަސް މަތިން މަސައްކަތް ކުރުމުން ވެސް އެކަން ނުވި އެވެ. އެންމެ ފަހުން، ގައުމީ 23 އަހަރުން ދަށުގެ ޓީމުގެ މި ދަތުރަށް ޓިކެޓް ގަންނަން ވަގުތު އޮއްވައި، ފައިސާ ހަމަޖެހިފައި ނެތުމާ އެކު، އެފްއޭއެމް އިން ނިންމީ ކޮލިފައިން އިން ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުގެ ނަން ނެގުމަށެވެ. އެ ފަަަހަރު، ޓީމުގެ ކޯޗަކީ ސީނިއާ ޓީމުގެ ހެޑް ކޯޗުގެ ޒިންމާއާ ވެސް އޭރު ހަވާލުވެހުރި ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން އެވެ.
އެފްއޭއެމުން އެކަމާ ގުޅިގެން، މީޑިއާ އަށް ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ، 23 އަހަރުން ދަށުގެ ގައުމީ ޓީމު އޭޝިއާ މުބާރާތުގެ ކޮލިފައިން އަށް ދިއުމަށް ބޭނުންވާ ޓިކެޓް ފައިސާ ފަހުން ހަމަޖެހިގެން ދިޔަ ކަމަށެވެ. އެކަމަކު، އެ ދަތުރަށް ބޭނުންވާ ބަޖެޓްގެ ކަންކަން ޔޫތު މިނިސްޓްރީ މެދުވެރިކޮށް ހަމަޖެއްސުމަށް ކުރި މަސައްކަތުގައި ކުރިއެރުމެއް ނުލިބޭތީ އޭގެ ގެއްލުން ކުރިމަތިވި ކަން ފާހަގަކޮށްފައިވެ އެވެ. އެ ގޮތުން، ޔޫތު މިނިސްޓްރީ އަށް އެ ޓިކެޓްގެ ކޯޓޭޝަން ހިއްސާކުރީ ގައުމީ ޓީމުތަކަށް އަބަދުވެސް މިނިސްޓްރީން އެ ފައިސާ ހަމަޖައްސައިދޭތީ ކަމަށާއި އެކަމަކު މި ފަހަރު މިނިސްޓްރީގެ ފަރާތުން އެ އަށް ސަޕޯޓެއް ނުުލިބުނު ކަމަށެވެ.
އެހެން ނަމަވެސް، ދަތުރަށް ބޭނުންވާ ވަރަށް އެފްއޭއެމް އިން އަމިއްލަ އަށް ފައިސާ ހަމަޖެއްސިިއިރު، ދަތުރުކުރަން ބޭނުންވާ ތާރީހުގައި މުޅި ޓީމަށް ސީޓް ލިބިފައިނުވާތީ ޓީމު ކޮލިފިކޭޝަނުން ނަން ނެގީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ