އިނގިރޭސިވިލާތުން ދިވެހި ފުލުހުންނަށް ކައުންޓާ ޓެރަރިޒަމްގެ ތަމްރީނުތަކެއް ދީފި އިނގިރޭސިވިލާތުން ދިވެހި ފުލުހުންނަށް ކައުންޓާ ޓެރަރިޒަމްގެ ތަމްރީނުތަކެއް ދީފި

އިނގިރޭސިވލާތުގެ ސަރުކާރާއި ދިވެހި ފުލުހުންގެ ކައުންޓާ ޓެރަރިޒަމް އިންޓެލިޖެންސް ޑިޕާޓްމަންޓުން ދިވެހި ފުލުހުންނަށް ޓެރަރިޒަމްއާ ގުޅޭ ތަމްރީނުތަކެއް ނަގައިދީފި އެވެ.
ފުލުހުން ބުނީ އިނގިރޭސިވިލާތުގެ ސަރުކާރުން ހިންގާ "އިންޓަނޭޝަނަލް ޕްރޮޓެކްޓް އެންޑް ޕްރިޕެއާ" ޕްރޮގްރާމް ހިންގާފައި ވަނީ ނޯތު ސެންޓްރަލް ޕޮލިހުގެ މުވައްޒަފުންނަށް އަމާޒުކޮށް ކަމަށެވެ. އެ ތަމްރީނުތައް ކުރިއަށް ގެންދިޔައީ އދ. މަހިބަދޫގަ އެވެ.
ފުލުހުން ބުނީ ކުރިއަށް ގެންދިޔައީ "ޓެރަރިސްޓް އިންސިޑެންޓް ފަސްޓް ރެސްޕޮންސް އެވެއާނަސް" ޕްރޮގްރާމަކާއި "ޓެރަރިސްޓް އިންސިޑެންޓް ކޮމާންޑު ރެސްޕޮންސް އެވެއާނަސް" ޕްރޮގްރާމެއް ކަމަށެވެ. އެ ދެ ތަމްރީނު ޕްރޮގްރާމު ވެސް ކުރިއަށް ގެންދިޔައީ މިދިޔަ ހަފުތާގަ އެވެ.
ފުލުހުން ބުނީ ޓެރަރިސްޓު ހަމަލާއެއް ރާއްޖެއަށް ދީފި ނަމަ ހުޝިޔާރުވެ ތިބުމަށާއި ފާރަވެރިކަމާއެކު އެފަދަ ހަމަލާއަކަށް ރެސްޕޮންޑު ކުރުމުގެ ހުނަރުތައް އެ ޕްރޮގްރާމުގައި ދަސްކޮށްދީފައިވާ ކަމަށެވެ.
އޭގެ އިތުރުން، ޓެރަރިސްޓު ހަމަލާއެއް ދީފި ނަމަ ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކަށް އެންމެ ގާތުން ރެސްޕޮންޑު ކުރާނެ ފުލުހުން އަމަލު ކުރާނެ ގޮތްތައް ވެސް ތަމްރީނުގައި ކިޔައިދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި ޓެރަރިޒަމްގެ ހަމަލާއެއް ދީފައިވާ ސީނެއްގައި އަމަލު ކުރާނެ ގޮތް ވެސް އެ ތަމްރީނުތަކުގައި ދަސްކޮށްދިނެވެ.
"މި ޕްރޮގްރާމުގެ ސަބަބުން، ޓެރަރިޒަމާ ދެކޮޅަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތްތަކަށް ރެސްޕޯންޑުކުރުމުގެ ގާބިލުކަން، އަތޮޅު ތެރޭގައި މަސައްކަތްކުރާ ފުލުހުންގެ ކިބައިގައި އިތުރުވެގެންދާނެ،" ފުލުހުން ބުންޏެވެ.
ރާއްޖޭގައި ފާހަގަކޮށްލެވޭ ޓެރަރިޒަމްގެ ދެ ހަމަލާއެއް ދީފައިވެ އެވެ. އެއީ ސެޕްޓެމްބަރު، 2007، ގައި ސަލްޓަންޕާކުގައި ކުޑަ ބޮމެއް ގޮއްވާލައިގެން ދިން ހަމަލާ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއި 6، 2021، ގައި ދިން ބޮމުގެ ހަމަލާ އެވެ.
ސަލްޓަން ޕާކުގައި ދިން ބޮމުގެ ހަމަލާގައި 12 ފަތުރުވެރިއަކަށް އަނިޔާވި އެވެ. އެކަމަކު، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވެ އެވެ. އެ ހަމަލާ ދިންތާ 48 ގަޑިއިރުގެ ތެރޭގައި ފުލުހުން ވަނީ 12 މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ 10 ދިވެހިން އަދި ބިދޭސީ ދެ މީހެކެވެ.
ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގައި ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ދެ ބޮޑީގާޑުން އަދި އިތުރު ދެ މީހަކަށް އަނިޔާވި އެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތުގެ ރައްޔިތަކު ވެސް ހިމެނެ އެވެ. ނަޝީދަށް ދިން ހަމަލާއާ ގުޅިގެން 10 މީހަކު ހައްޔަރު ކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ