ރާއްޖޭގެ އެކި ހިސާބުތަކުން ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު މިދުވަސްވަރު އިތުރުވަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ބުނިގޮތުގައި، މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ޑެންގީ އާއި ޗިކުންގުންޔާ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކުރިއަށް އޮތް އެޕްރީލް އަދި ޖުލައި މަހު އިތުރުވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.
ޑެންގީ ކޮންޓްރޯލް ކުރުމަށްޓަކައި އެޗްޕީއޭ އިން ދަނީ ކަމާގުޅުންހުރި އެކި އިދާރާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި ބަލިން ރައްކާތެރިވުމަށް އެންމެ މުހިންމު ކަމަކީ މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމާއި، މަދިރި ހެފުމުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުން ކަމަށާއި އަދި ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.
ޑެންގީ ކޮންޓްރޯލް ކުރުމުގައި އާންމު ފަރުދުންގެ ޒިންމާ ބޮޑުކަން ފާހަގަކުރަމުން، މަދުވެގެން ހަފްތާއަކު އެއްފަހަރު ގޭތެރެއާއި ގޯތިތެރޭގައި ފެންހަރުލާ ގޮތަށް ހުންނަ ތަކެތި ބަލައި ފާސްކުރުމަށް އެޗްޕީއޭއިން އެދިފައިވެއެވެ.
މީގެ އިތުރުން، ރިސޯޓްތަކާއި، ކޮންސްޓްރަކްޝަން ސައިޓްތަކާއި އިންޑަސްޓްރިއަލް ރަށްރަށުގައިވެސް ހަފްތާއަކު އެއްފަހަރު މަދިރި އާލާވާ ތަންތަން ނައްތާލުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
ކައުންސިލްތަކުން ޑެންގީ ކޮންޓްރޯލް ކުރުމަށް ޓާސްކްފޯސްތައް އެކުލަވާލައި، ރަށް ސާފުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.
އަދި ސްކޫލްތަކުންވެސް ކޮންމެ ހަފްތާއަކު ސްކޫލް ގޯތިތެރެ ބަލައި ފާސްކޮށް، ދަރިވަރުން މި ބައްޔަށް ހޭލުންތެރިކުރުމަށް ވަނީ އިރުޝާދު ދީފައެވެ. ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތްތަކުންވެސް މި މަސައްކަތުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.
ޑެންގީ ހުމުގެ ކޭސްތައް އިތުރުވާތީ، ސަމާލުވާން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ