ނާޝީސް ކިޗެން: ދިވެހި ރަހަތަކުގައި މިވަރެއް ނެތް ނާޝީސް ކިޗެން: ދިވެހި ރަހަތަކުގައި މިވަރެއް ނެތް

ހުޅުމާލޭގައި ދާދި ފަހުން ހުޅުވި، "ނަޝީސް ކިޗެން" އަށް ގޮސް، މޭޒެއްގެ ކައިރީގައި ރަނގަޅަށް ހަމަޖެހިލި ދަނޑިވަޅާއެކު، އެ ކެފޭގެ ވެރިޔާ، އައިމިނަތު ނަޝީދާ އަބޫބަކުރު (ނަޝީ) އަހައިލީ، "ބޭނުން ވަނީ ކޯއްޗެއް"ތޯ އެވެ.
ނަޝީއަށް އެންމެ ރަނގަޅު އެއްޗެއް ގެނެސްދޭން ބުނުމުން، އިޝާރާތް ކުރީ އަރިމަތިން ފެންނަން ހުރި، މަތިޖަހާފައިވާ ޓްރޭތަކަށެވެ. އެ ތަކެތީގެ މަތި ނެގުމުން އަރައިގެން ދިޔަ ވަހުން ވެސް ބަނޑު ފުރިގެން ދިޔަ ފަދަ އެވެ.
ކޭކް ތައްޔާރުކުރުމާއި ކެއްކުމުގެ ދާއިރާއިން މަޝްހޫރުކަން ހޯދައި، ބައިނަލްއަގުވާމީ ރަން ވަނަތައް ވެސް ހާސިލްކޮށްފައިވާ ނަޝީ، ދިވެހި ރަހަތަކަށް ހާއްސަކޮށްގެން ހުޅުވި ނަޝީސް ކިޗެންގެ އެންމެ ހާއްސަ ކަމަކީ، ދިވެހި މަސް ރިހައިން ފެށިގެން، ދަންކާށި ރިހަ އަބަދު ލިބެން ހުރުމެވެ.
ދިވެހި ގޮތަށް ތައްޔާރުކޮށްފައިވާ ކުކުޅު ރިހަ، މަސް ރިހަ، ދޮންރިހަ، ކުޅި ރިހަ، ދަންކާށި ރިހަ، މަސްބުރި ރިހަ، މުސަންމާ ރިހަ މިތަނުން ލިބެ އެވެ. އަދި ބަޓާ ޗިކަން، އާއި ބީފް ކަރީ ވެސް ލިބެ އެވެ.
"އަޅުގަނޑު ބޭނުންވީ ދިވެހި ކެއުންތަކުގެ ހަގީގީ ޖާދުވީ ރަހަ ތަޖުރިބާ ކުރެވޭނެ ތަނެއް ހުޅުވަން،" ނަޝީ ބުންޏެވެ.
އެހެންވެ، ނަޝީސް ކިޗެންގެ ރިހަތައް ތައްޔާރު ކުރަނީ ޒަމާންވީ ދިވެހި ރަހަ ނުކުންނަ ގޮތަށް، މިންކޮށްގެން ތައްޔާރުކޮށްފައިވާ ހަވާދުންނެވެ. އެ ހަވާދު އަދި ރިހަ ވެސް ތައްޔާރު ކުރަނީ ދިވެހިންނެވެ. މިތަނުގެ އެންމެ ހާއްސަ އެ ރިހައަކީ ދަންކާށި ރިހަ އެވެ. އެ ރިހަ ތައްޔާރު ކުރަނީ ވެސް ދިވެހި ގޮތަށް ކާށި ދަވައިގެންނެވެ.
"މި ރިހަތައް ވަރަށް ގިނަ ބަޔަކަށް ކަމުދޭ،" ނަޝީ ބުނެލި އެވެ.
ކޮންމެ ދުވަހެއްގެ 11:30 އިން ފެށިގެން، ރޭގަނޑު 12:00 ގައި ކެފޭ ބަންދު ކުރަން ދެން ދިވެހިވަންތަ ރިހަ މި ކެފޭއިން ލިބެ އެވެ. އެއާއެކު، ރޮށި، ފަރާޓާ، ނުވަތަ ބަތް ކެވިދާނެ އެވެ.
ކެފޭ އިސްތިހާރު ނުކުރިޔަސް، ކުދި ޕާޓީތަކާއި، އޮފީސްތަކުގައި ބާއްވާ ހަފުލާތަކަށް މިހާރު ވެސް އޯޑަރު ލިބޭ ކަމަށް ނަޝީ ބުންޏެވެ.
"މީހުންގެ ފީޑްބެކް ވަރަށް ރަނގަޅު،"
ނަޝީ ކޭކް ވެސް ހުންނަ ހުޅުމާލޭ ނިރޮޅު މަގުގެ 7 ނަންބަރު ގޯޅީގައި ހުންނަ ނަޝީސް ކިޗެން ހުޅުވަނީ ހެނދުނު 8:30 ގަ އެވެ. ހެނދުނު ސަޔަށް އެ ތަނުން ދިވެހި ގޮތަށް ތައްޔާރުކޮށްފައިވާ މަސް ހުންޏާއި ކުޅިމަސް، އަދި ރޮށި ލިބެ އެވެ.
ދިވެހި ކެއުމަށް ލޯބިކުރާ މީހުން، ނަޝީ ކިޗެން ތަޖުރިބާކޮށްފި ނަމަ، ދެ ވަނަ ފަހަރަށް ޒިޔާރަތް ކުރާނެކަން މުޖައްރިބެވެ. މިތަނުގެ މައިގަނޑު ކެއުމަށް ފަހު، ސާގު ބޮނޑިބަތް ކޮޅެއް ރަހަ ބަލާށެވެ. އޭގެ ރަހަ ވެސް ހަމަ ތަފާތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ