އިންފޮމޭޝަން ކޮމިޝަނަށް އައު އޮފީހެއް ހޯދައި މުވައްޒަފުން ނެރެވޭ ވަރު ވާނީ އޮގަސްޓު މަހު އިންފޮމޭޝަން ކޮމިޝަނަށް އައު އޮފީހެއް ހޯދައި މުވައްޒަފުން ނެރެވޭ ވަރު ވާނީ އޮގަސްޓު މަހު

އިންފޮމޭޝަން ކޮމިޝަނަރު އޮފީސް (އައިސީއޯ) މޯލްޑިވްސް އަށް އައު އޮފީސް އިމާރާތެއް ހޯދާ އެތަނަށް މުވައްޒަފުން ނެރެވޭ ވަރު ވާނީ އޮގަސްޓް މަހުގެ ތެރޭގައި ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ވިދާޅުވެއްޖެ އެވެ.
އައިސީއޯގެ އޮފީސް ހިންގަމުން ދިޔަ ބިއްލޫރިޖެހިގޭގެ ހާލަތު ގޯސްވެ އެ އޮފީހުގެ މުވައްޒަފުން ގޭގައި ތިބެގެން އޮންލައިންކޮށް މަސައްކަތް ކުރަން ފެށީ މެއި 19، ގަ އެވެ. އެގޮތަށް ނިންމީ ބިއްލޫރިޖެހިގޭގައި މަސައްކަތް ކުރެވޭ ފަދަ މާހައުލެއް ނެތުމުން ކަމަށް އެ ދުވަހު އައިސީއޯ އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އައު އޮފީހެއް ހޯދުމަށް އައިސީއޯ އިން މި ފަހުން ވަނީ އިއުލާނުކޮށްފަ އެވެ. އެކަމާ ގުޅިގެން ސުވާލުކުރުމުން އާހިދު ވިދާޅުވީ، އިއުލާނުގެ ދަށުން ހުށަހެޅި ތަނެއްގެ ކޯޓޭޝަން މިހާރު ފިނޭންސް މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަމަށެވެ. ފިނޭންސުން އެތަން އެޕްރޫވް ކޮށްފައިވާ ކަމަށާއި ދެންހުރި ފައިނޭންސް ކަންކަން ހަމަޖެހުމުން އޮފީސް އިމާރާތް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.
"މިހާރުގެ އެސްޓިމޭޓަކީ އޮގަސްޓް. އެއީ ކޮންޓްރެކްޓުގަ ސޮއިކުރުމަށްފަހު އެތަނަށް މޫވް ކުރުމާއި އެތަނުގައި ކޮންމެވެސް ވަރަކަށް ޕާޓިޝަން ޖަހައި އެ މަސައްކަތްތައް ނިންމަލާވޭނެ،" އާހިދު ވިދާޅުވި އެވެ.
މީގެ ކުރިން އާހިދު ވަނީ އޮންލައިންކޮށް މަސައްކަތް ކުރާ ގޮތަށް ބަދަލުކުރަން ޖެހުނީ މުވައްޒަފުންނަށް ސިއްހީ މައްސަލަތައް ދިމާވާން ފެށުމުން ކަމަށް ވިދާޅުވެފަ އެވެ.
"ކުޑަކޮށް ފަންގަލް، މޯލްޑު ހެދިފައި، އެކަންތައް ބޮޑު ވެގެން ބައެއް މުވައްޒަފުންނަށް ހަމުގެ އަސަރުތައްކޮށް، އެ ހިސާބަށް ދާން ފެށީމަ މި ޑިސައިޑް ކުރީ، ހަމަ އެއްގޮތަކަށް ވެސް އެއީކީއެއް، އެ މާހައުލަކީއެއް މުވައްޒަފުންނަށް ދާ ގޮތަށް ގޮސް އެތައް ގަޑިއިރުތަކެއް ވަންދަން މަސައްކަތް ކުރަން އެންމެ ރަނގަޅު މާހައުލެއް ނޫނޭ،" އޭނާ ވިދާޅުވި އެވެ.
އައިކޮމް ހުންނަ ގ. ބިއްލޫރިޖެހިގެއަކީ 70 އަށް ވުރެ ގިނަ އަހަރު ވެފައިވާ އިމާރާތެކެވެ. އައިކޮމް މި އިމާރާތަށް ބަދަލުކުރީ 2015 ގަ އެވެ. އޭރު ވެސް އެ ތަނުގެ މަރާމާތުތަކެއް ކުރި އެވެ.
މަރާމާތު ކުރި ނަމަވެސް، އޮފީސް ބަދަލުކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީ އެކި ތަންތަނުން ފެން ފައިބައި، މޯލްޑް ޖެހުމުގެ އުނދަގޫތައް ކުރިމަތިވާން ފެށި ކަމަށް އައިކޮމްގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި، ގޮންޖެހުންތަކުގެ ބައިގައި ފާހަގަކޮށްފައިވެ އެވެ. މިފަހުން ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ތަނުގެ ފާހަނާ ބޭނުންކުރެވޭ ގޮތް ނުވެގެން މުވައްޒަފުން ފާހަނާކުރަން ވެސް ދާން ޖެހެނީ ގެޔަށެވެ.
އައިކޮމްއިން ބުނެފައިވާ ގޮތުގައި އިމާރާތުގައި ހުރި މައްސަލަތައް ހައްލުކުރަން އުޅޭތާ ހަތް ވަރަކަށް އަހަރު ވެއްޖެ އެވެ. އެކަމަކު އެ ރިޕޯޓު ނެރުނު ތާރީހާ ހަމައަށް ވެސް އެދެވޭ ހައްލެއް ލިބިފައި ނުވާ ކަމަށް އަހަރީ ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ