ކުޑަ އައްޔަގެ މި ފަހަރުގެ ޓާގެޓަކީ ވެސް ކާމިޔާބު ތަކުރާރުކުރުން ކުޑަ އައްޔަގެ މި ފަހަރުގެ ޓާގެޓަކީ ވެސް ކާމިޔާބު ތަކުރާރުކުރުން

ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތް "ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންްޖް 2025" އިއްޔެ ފެށިއިރު، މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ)ގެ މި ފަހަރުގެ ޓާގެޓަކީ ވެސް މިދިޔަ އަހަރުގެ ކާމިޔާބީ ތަކުރާރު ކުރުން ކަމަށް ބުނެފި އެވެ.
މިދިޔަ އަހަރުގެ އެންމެ މަތިން ބޮޑީބޯޑިން ލީގު ނިންމާލި އަށް އެތުލީޓުން މި މުބާރާތުގައި ވާދަކުރީ ރައުންޑް ދޭއްގެ ހީޓުތަކުގަ އެވެ.
ރައުންޑް ދޭއްގެ ތިން ވަނަ ހީޓުގައި ވާދަކޮށް އައްޔަ ހީޓު ނިންމާލީ 9.67 ސްކޯކޮށްގެން ހީޓުގެ އެއްވަނައިގައި އޮވެގެންނެވެ.
ހީޓުގެ އެއް ވަނަ ހޯދުމަށް ފަހު "އަދަދު ސްޕޯޓްސް"އާ ވާހަކަ ދައްކަމުން ކުޑަ އައްޔަ ބުނީ އެންމެ ބޭނުންވި ޕާފޯމެންސް ނުދެއްކުނު ކަމަށެވެ. އެކަމަކު، ރާޅުގެ ކޮންޑިޝަން ހުރި ގޮތުން ޕާފޯމެންސްއާ މެދު ހިތްހަމަ ޖެހޭ ކަމަށް ކުޑަ އައްޔަ ބުންޏެވެ.
"ތަފާތު ކޮންޑިޝަނެއް މި ލިބުނީ. ދެން އައްޔަ ހީކުރި ވަރަށް ވުރެ، މާ ޓަފު ދޯ އަސްލު. ވަރަށް އުނދަގޫ ބޮޑު ރާޅުތަކެއް މިއައީ. ދެން އެކަމުވެސް ހަމައެކަނި ލިބުނު ދެ ރާޅުން ވެސް ހިތްހަމަ ޖެހުނު ސްކޯއެއް ލިބުނު. އައްޔަގެ ބެސްޓެއް ނުދެއްކޭ ދެން. އެކަމަކު މި ކޮންޑިޝަންގައި އައްޔަ ބުނާނީ ރަނގަޅޭ." ކުޑަ އައްޔަ ފާހަގަކުރި އެވެ.
ކުޑަ އައްޔަ ބުނީ މުބާރާތް ފަށައިގެން ފުރަތަމަ ހީޓުގައި އަމިއްލަ ވިސްނުމުގައި ބަލާއިރު، އޭނާ އަށް ކޮންފިޑެންސް ނުލިބޭ ކަމަށެވެ. އެކަމަކު، ކުރިއަށް ހުރި ހީޓުތަކަށް ނުކުންނައިރު، ކޮންފިޑެންސް އިތުރުވާނެ ގޮތްތަކަށް ބަލައި، އެ ވިސްނުމުގައި ކުރިއަށް ގޮސްގެން، މުބާރާތުގެ އެއް ވަަނަ ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް އައްޔަ ވަނީ ބުނެފަ އެވެ.
ބުރުނު ޝިކާރު ބޮޑީބޯޑިން މުބާރާތަކީ ބޮޑީބޯޑިންގެ އެންމެ ދުވަސްވީ އެއް މުބާރާތެވެ. މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބު ކުރީވެސް އައްޔަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ