މުޒާހަރާގެ ބައިވެރިން ހައްޔަރު ކުރަން ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން މިނިސްޓަރު އިހުސާނަށް ގޮވާލައިފި މުޒާހަރާގެ ބައިވެރިން ހައްޔަރު ކުރަން ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން މިނިސްޓަރު އިހުސާނަށް ގޮވާލައިފި

އުސް އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، 21، އަށް އިންސާފު ހޯދައިދިނުމަށް މުޒާހަރާ ކުރާ ޒުވާނުން ހައްޔަރު ނުކުރާތީ ކަންބޮޑުވުން ފާޅުކޮށް، މުޒާހަރާގައި ބައިވެރިވާ މީހުން ހައްޔަރު ކުރަން ވެރިކަން ހިންގާ ޕާޓީގެ ބައެއް މަޖިލިސް މެންބަރުން، ހޯމް މިނިސްޓަރު އަލީ އިހުސާނަށް ގޮވާލައިފި އެވެ.
މުޒާހަރާ ކުރާ ޒުވާނުން ހައްޔަރު ކުރަން ގޮވާލީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް އިން ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގެ ތެރޭގަ އެވެ. އެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން އަދި ރައީސް އޮފީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގަތެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި ބައެއް މެންބަރުން އަދަދު އާ ވާހަކަ ދައްކަމުން ބުނީ، މުޒާހަރާގައި ބައިވެރިވަނީ މަސްތުވެ، ބަނގުރާ ބޭނުން ކުރާ މީހުން ކަމަށާއި އެ މީހުން ހައްޔަރު ކުރަންޖެހޭ ކަމަށް ބައެއް މެންބަރުން ބުނެފައިވާ ކަމަށެވެ.
މުޒާހަރާ ކުރާ ޒުވާނުން ހައްޔަރު ނުކުރާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، މުޒާހަރާގެ ބައިވެރިން ހައްޔަރު ކުރަން މިނިސްޓަރު އިހުސާނަށް ބައެއް މެންބަރުން ގޮވާލި ކަމަށް، މި ނޫހާ ވާހަކަ ދެއްކި މެންބަރުން ބުންޏެވެ.
އޭގެ އިތުރުން، ޒުވާނުން މުޒާހަރާ ކުރާއިރު، ސަރުކާރުގެ ދިފާއުގައި މެންބަރުން ވާހަކަ ނުދައްކާތީ އެކަމާ ކަންބޮޑުވެގެން ވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކުރި ކަމަށް ބައެއް މެންބަރުން ބުންޏެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ޒުވާނުން މުޒާހަރާ ކުރަނީ ޔުމްނުގެ މައްސަލައިގެ ތަހުގީގު ގެންދާ ގޮތާމެދު ހިތްހަމަނުޖެހިގެންނެވެ.
ޔުމްނު ވެއްޓުނު ހާދިސާގައި މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ ރައުދު އަހުމަދު، 21، އެވެ. އެއީ ހ. ފެންޓެނޯއީގެ ނުވަ ވަނަ ފަންގިފިލާއިން ޔުމްނު ވެއްޓުނު އިރު އޭނާއާއެކު އުޅުނު މީހާ އެވެ. ރައުދު ހައްޔަރު ކުރީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުންނެވެ.
ފުލުހުން ފުރަތަމަ ބުނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުމެއް ނެތް ކަމަށެވެ. ނަމަވެސް ފަހުން ކޯޓުގައި ބުނެފައި ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުމެއްވާ ކަމަށް ބެލެވޭ ކަމަށެވެ. އަދި ޔުމްނު ވެއްޓުނު ކަމަށް އޭނާއަށް ބެލެވޭ ކަމަށް މީހެއް ކައިރީ ރައުދު ބުނެފައިވާ ކަމަށް ވެސް ފަހުންް ކޯޓުގައި ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ