13 މިލިއަން ސިނގިރޭޓުގެ ވައްކަން: އިތުރު މީހަކު ހައްޔަރުކޮށް، ކޮންޓެއިނަރުގެ ބައިތަށް ހޯދައިފި

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނާ ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ކޮންޓެއިނަރުތަކުގެ ބައިތައް ތިލަފުށިން ހޯދައިފިއެވެ.
މި އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހުޅުމާލޭގެ ޕޯޓުގައި ހިފެހެއްޓި 40 ފޫޓުގެ ދެ ކޮންޓެއިނަރު ސިނގިރޭޓު ގެއްލުނީ މި މަހުގެ 9ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެ ކޮންޓެއިނަރުތަކުގައި 13 މިލިއަން ސިނގިރޭޓު ސްޓިކު ހުއްޓެވެ.
އެ މައްސަލައާއި ގުޅިގެން މީގެ ކުރިން ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ  ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ޖެނެރަލް މެނޭޖަރެއްގެ މަގާމުގައި ހުރި މުއާޒު އަލީ އާއި، ދެ ވިޔަފާރިވެރިން ކަމުގައިވާ ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއެކު  ހދ. ވައިކަރަދޫއަށް ނިސްބަތްވާ ޒިވާރު އިސްމާއީލްއެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި އެ މައްސަލައިގައި ތިލަފުށީގައި ހިނގި ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއްގައި ތިލަފުށީގެ ގިނަ ސައިޓްތަކެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި، އެ އޮޕަރޭޝަންގެ ތެރެއިން، ވަގަށް ނަގާފައިވާ 2 ކޮންޓެއިނަރުގެ ބައިތައް ހޯދައި އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އަދި އެ މައްސަލައިގައި 52 އަހަރުގެ އިތުރު މީހަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެހެން ނަމަވެސް އެ މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފައިނުވެއެވެ.
މީގެ ކުރިން ފުލުހުން ހައްޔަރުކުރި މީހުން މިހާރު ބަންދުގައި ތިބިއިރު، މުއާޒުގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށް 10 ދުވަހަށް ބަންދުކޮށްފައިވާއިރު، އާއްޓޭ އާއި ޒިވާރު 15 ދުވަހަށް، ދިގަލި 10 ދުވަހަަށް ވަނީ ބަންދުކޮށްފައެވެ.
މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ތަހުގީގު ކުރިއަށްދާ މިންވަރަކުން ހާމަކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ