މުސާރަ ދަށްވުމުން މުވައްޒަފުން ވަކިވުމަކީ، ނުލިބޭ ޓެކްސް ހޯދަން އެންމެ ބޮޑު ގޮންޖެހުން: ޒަރީރު

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ މުވައްޒަފުން ވަޒީފާ ދޫކޮށްފައިދާ ވަރުން އެ ކުންފުންޏަށް ނުލިބި ހުންނަ ޓެކްސް ފައިސާ ހޯދުމުގައި ބޮޑު ގޮންޖެހުމެއް ކުރިމަތިވާ ކަމަށް މީރާގެ ޓެކްސް ކޮމިޝަނަރު ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޒަރީރު ވަނީ މީރާގައި މަސައްކަތުގެ މާހައުލުގެ ފެންވަރު ދަށްކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެެވެ. އެކަމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ޓެކްސް ފައިސާ ރިކަވާ ކުރުމުގައި މީރާގެ ޕާފޯމަންސަށް ނޭދެވޭ އަސަރުކުރާ ކަމަށް ޒަރީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިދިޔަ އަހަރު މީރާގައި ޓާންއޯވާ ރޭޓް ނުވަތަ މުވައްޒަފުން ވަކިވާ ނިސްބަތް ހުރީ 17 އިންސައްތައިގައި ކަމަށާއި އެ އަދަދު މި އަހަރު 21 އިންސައްތައަށް އިތުރުވެފައިވާ ކަމަށެވެ. މުވައްޒަފުން ވަކިވާ އެއް ސަބަބަކީ މުވައްޒަފުންގެ މުސާރަ ދަށްވުން ކަމަށް ޒަރީރު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މުވައްޒަފުން މުސާރަ ރަނގަޅު އެހެން ތަންތަނަށް ބަދަލުވާ ކަމަށް އޭނާ ވިދާޅުވިއެވެ. "މިސާލަކަށް ދެ އަހަރުގެ މުއްދަތެއް އިންނަނީ އޮޑިޓެއްކޮށް ނިންމަން. އެހެންނަމަވެސް އެ އޮޑިޓެއް ފައްޓައިގެން އެ އޮޑިޓެއް ނިމެންވާއިރަށް ތިން ހަތަރު ޓީމު އޮންނަނީ ބަދަލުވެފައި،" މުވައްޒަފުން ވަކިވާތީ މަސައްކަތަށް ދިމާ ގޮންޖެހުންތައް ފާހަގަކުރައްވައި ޒަރީރު ވިދާޅުވިއެވެ. އޭގެ އިތުރުންވެސް މީރާގެ ތެރޭގައި އޮންނަ ޖާގައިގެ ދަތިކަމުގެ ސަބަބުން މުވައްޒަފުންނަށް ކުރިމަތިވާ އުނދަގުލުގެ މައްޗަށްވެސް ޒަރީރު ވަނީ ވާހަކަދައްކަވާފައެވެ. އެގޮތުން، 50 އެއްހާ މުވައްޒަފުން އެ އޮފީހުގެ އެންމެ ފާޚާނާއެއް ބޭނުންކުރުން ފަދަ ދަތި ކަންކަން ޒަރީރު ވަނީ ފާހަގަކުރައްވާފައެވެ. ޒަރީރު ވަނީ މިއީ އެހެން މުވައްސަސާތަކުން ވަރަށް ނުފެންނަ މަންޒަރެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އޭނާ ވިދާޅުވީ އަތޮޅުތެރޭގައި ހުރި މީރާގެ އިދާރާތަކަށްވެސް މުވައްޒަފުން ނަގަން އިއުލާންކުރީމަވެސް ކުރިމަތިލާމީހުން މަދުވީމަ އެ އޮފީސްތައް ބަންދުކުރާ ހިސާބަށް ކަންތައް ގޯސްވެފައިވާ ކަމަށެވެ. އަދި އަންނަ އަހަރަށް މީރާއަށް ކަނޑައަޅާފައިވާ ބަޖެޓާ މެދު މާ ބޮޑު ކަންބޮޑުވުމެއް ނެތް ނަމަވެސް އެ އިދާރާގެ މުވައްޒަފުންނަށް ރަނގަޅު ގޮތްތަކެއް ބޭނުންވާ ކަމަށް ޒަރީރު ވިދާޅުވިއެވެ. އަދި އިތުރު ގަޑީގައި އެހާވަރަށް މަސައްކަތްކުރާއިރު މަސައްކަތަށް އެކަށޭނަ ފައިސާއެއް ލިބެންޖެހޭ ކަމަށް ވެސް ޒަރީރު ވިދާޅުވިއެވެ. ޒަރީރުގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވަނީ ޕޭ ހާމަނައިޒޭޝަންގެ ދަށުން މީރާގެ މުވައްޒަފުންގެ މުސާރަ ވެސް ބޮޑުކުރަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ. މީރާއަށް ލިބެންޖެހޭ އެތައް މިލިއަން ފައިސާއެއް ނުލިބޭ ކަމުގެ ކަންބޮޑުވުން އަބަދުވެސް އޮވެއެވެ. އޮޑިޓް އޮފީހުން އެންމެ ފަހުން ނެރުނު، މީރާގެ އޮޑިޓުގައިވާ ގޮތުން، 2022ގެ ނިޔަލަށް އެ އޮތޯރިޓީއަށް ނުލިބި ހުރި ފައިސާގެ އަދަދު 14.7 ބިލިއަން ރުފިޔާއަށް އަރައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ