ހިލޭ 1،800 ކިޑްނީ ޓްރާންސްޕްލާންޓު ކޮށްދިން ބަންގްލަދޭޝްގެ ޑޮކްޓަރު
ހިލޭ 1،800 ކިޑްނީ ޓްރާންސްޕްލާންޓް ކޮށްދީގެން ބަންގްލަދޭޝްގެ ޑޮކްޓަރު ކަމްރުލް އިސްލާމް ގިނަ ބައެއްގެ ސަމާލުކަން ހޯދައިފިއެވެ. ނޭޝަނަލް އިންސްޓިޓިއުޓް އޮފް ކިޑްނީ ޑިޒީޒް އެންޑް ޔޫރޮލޮޖީގެ އެސިސްޓެންޓް ޕްރޮފެސަރެއްގެ މަގާމުން 2011 ވަނަ އަހަރު ރިޓަޔާ ކުރެއްވުމަށް ފަހު, ޑރ ކަމްރުލް ވަނީ ސީކޭޑީ އެންޑް ޔޫރޮލޮޖީ ހޮސްޕިޓަލް އުފެއްދުމަށް އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރައްވާފައެވެ. ސަރުކާރު ޚިދުމަތުގައި ހޭދަކުރި ދުވަސްތަކުން ރައްކާކުރި ފައިސާއިން ކާރެއް ގަތުމުގެ ހުވަފެން ދެކެމުން އައި ނަމަވެސް އޭގެ ބަދަލުގައި އެ ފައިސާ ހޭދަކުރީ ޑައިލިސިސް މެޝިނަކަށެވެ. އަދި, ސީކޭޑީ ހޮސްޕިޓަލް އެޅުމަށް އެކުވެރިންގެ އެހީތެރިކަން ވެސް ހޯދިއެވެ. ކަމްރުލްއާއި އޭނާގެ ޓީމުން މިހާތަނަށް ގާތްގަނޑަކަށް 1800 ކިޑްނީ ޓްރާންސްޕްލާންޓްކޮށްފައިވާއިރު، 96 ޕަސަންޓް ކާމިޔާބެވެ. ކޯވިޑް 19 ގެ ބަލިމަޑުކަމުގެ ސަބަބުން ސިއްޙީ ޚިދުމަތް ހުއްޓުމަކަށް އައިސްފައި އޮތްއިރު ވެސް ކަމްރުލްއާއި ޓީމުން ވަނީ 250 ކިޑްނީ ޓްރާންސްޕްލާންޓްކޮށްފައެވެ. އެ މީހުންގެ ތެރެއިން ތިން މީހުން ފިޔަވައި އެހެން ހުރިހާ އެންމެން މިހާރު އަންނަނީ ދުޅަހެޔޮ ދިރިއުޅުމެއް އުޅެމުންނެވެ. ބަންގްލަދޭޝްގެ ޕަބްނާގެ ޕާކްސީ ސަރަހައްދަށް އުފަން ޑރ ކަމްރުލްގެ ބައްޕަ، އަމީނުލް އިސްލާމްއަކީ ޕާކްސީ ޝުގާކްރޮޕް ރިސާޗް އިންސްޓިޓިއުޓްގެ މުވައްޒަފެކެވެ. އޭނާ މަރުވީ 1971 ވަނަ އަހަރު ބަންގްލަދޭޝްގެ ލިބަރޭޝަން ހަނގުރާމައިގައެވެ. ޑރ. ކަމްރުލް ކިޔަވާ ވިދާޅުވީ ޑާކާ މެޑިކަލް ކޮލެޖުންނާއި އެޑިންބާގުންނެވެ. ހަކުރުބައްޔާއި ހައިޕާޓެންޝަން އަދި އެހެނިހެން ސަބަބުތަކާހުރެ ކްރޮނިކް ކިޑްނީ ޑިޒީޒް (ސީކޭޑީ) ބަންގްލަދޭޝްގައި އިތުރުވަމުންދާއިރު، ޑރ ކަމްރޫލް ފަށާފައިވާ މި މޮޑެލްގެ ސަބަބުން އެ ގައުމުގެ ރައްޔިތުންނަށް ވަނީ ބައްޔަށް ހައްލެއް ލިބޭނެކަމުގެ އުންމީދު ލިބިފައެވެ. ކިޑްނީ ޓްރާންސްޕްލާންޓޭޝަންއަކީ ކިޑްނީ ބައްޔަށް އޮތް އެންމެ ރަނގަޅު ފަރުވާ ނަމަވެސް އެކަމުގެ ޙަރަދު ބޮޑުވުމުގެ ސަބަބުން އެ ގައުމުގެ ގިނަ ބަޔަކަށް އެ ފަރުވާ ނުލިބެއެވެ. ކަމްރުލް އެ ޚިދުމަތުގެ ސަބަބުން އޭނާއަށް ބޮޑު ސަމާލުކަމެއް ލިބުނީ މިދިޔަ އަހަރު ފަހުކޮޅެވެ. ކިޑްނީއާ ގުޅުން ހުރި ބަލިތައް ތަހައްމަލު ކުރަމުންދިޔަ އެތައް ހާސް ބަޔަކަށް ހިލޭ ނުވަތަ ވަރަށް ކުޑަ އަގެއް ނަގައިގެން ފަރުވާ ދެއްވާފައިވާއިރު، އޭގެ ތެރެއިން ގިނަ ބަޔަކު މިހާރު އަންނަނީ ދުޅަހެޔޮ ދިރިއުޅެމެއް އުޅެމުންނެވެ. އޭނާގެ މަސައްކަތަށް ބަންގްލަދޭޝްގެ ސަރުކާރުން ވެސް ވަނީ ތައުރީފުކޮށްފައެވެ. އެގޮތުން، މިނިސްޓްރީ އޮފް ލިބަރޭޝަން ވޯ އެފެއާޒްއިން ވަނީ ސިއްޙީ ދާއިރާއިން ދޭ އެންމެ މަތީ އެވޯޑު، ސްވަދިނަތާ ޕަދަކް އެވޯޑު 2022 ވަނަ އަހަރު ޑރ. ކަމްރުލްއަށް އަރުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ