ކިމް ގާނޫނީ ކޯސް ނިންމި ނަމަވެސް ވަކީލަކަށް ވުމުގެ ހުވަފެން އަދި ކާމިޔާބު ނުކުރެވޭ ކަމަށް ބުނެފި
މި އަހަރުގެ މެއި މަހުތެރޭ ގާނޫނީ ސްކޫލުން ގްރެޖުއޭޓްވި އެމެރިކާގެ މަޝްހޫރު ސޯޝަލައިޓް އަދި އިންޓަނެޓް ޕާސަނަލިޓީ ކިމް ކާޑޭޝިއަން ބާ އިމްތިހާނުން ފެއިލްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ހަ އަހަރު ފަހުން ގާނޫނީ ވަކީލަކަށް ވުމަށް އެ ދާއިރާއިން މަތީ ތައުލީމު އުނގެނުމަށްފަހު ގްރެޖުއޭޓްވެފައިވާ ކިމް ކެލިފޯނިއާ ބާ އިމްތިހާނުން ކާމިޔާބީ ހާސިލު ނުކުރެވުމާ ގުޅިގެން ވަކީލަކަށް ވުމަށް ބޭނުންވާ ލައިސަންސް ވަނީ ލިބޭގޮތް ނުވެފައެވެ. މީގެ އެއް ދުވަސް ކުރިން ބާ އިމްތިހާނުގެ ނަތީޖާ ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން މަޝްހޫރު ބްރޭންޑް 'ސްކިމްސް'ގެ ފައުންޑާ ބުނީ، ވަކީލުކަމުގެ ލައިސަންސް ހޯދުމަށް ބޭނުންވާ އެންމެ މުހިއްމު ބާ އިމްތިހާނުން އޭނާ ފެއިލްވެފައިވާ ކަމަށެވެ. ކިމް ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމަށްފަހު ގްރެޖުއޭޓުވެފައި--ފޮޓޯ/ޕީޕަލް އެހެންނަމަވެސް އެކަމާ މާޔޫސްނުވާ ކަމަށާއި އިމްތިހާނުން ފާސްވުމުގެ ބޭނުމުގައި އެއްވެސް 'ޝޯޓްކަޓެއް' އޭނާ ނުނަގާނެ ކަމަށް ކިމް ވަނީ ބުނެފައެވެ. ބާ އިމްތިހާނުން ފެއިލްވުމާ އެކު އެ އިމްތިހާނުން ރަނގަޅު ނަތީޖާއެއް ހޯދުމަށް އިތުރު ހިތްވަރެއް ލިބުނު ކަމަށާއި އެހެންވެ ކިޔެވުމަށް ކުރިން ކުރި މަސައްކަތަށްވުރެ ދެ ގުނަ އިތުރަށް މަސައްކަތް ކުރާނެ ކަމަށް ކިމް ވަނީ ބުނެފައެވެ. ގާނޫނީ ވަކީލަކަށް ވުމަށް ކިމް ދެކޭ ހުވަފެން ހަގީގަތަކަށް ހެދުމަށް ދެން މާގިނަ ދުވަސްތަކެއް ނުނަގާނެ ކަމަށާއި ފެއިލްވުމުން އެކަމާ މާޔޫސްނުވާ ކަމަށް ވެސް ކިމް ވަނީ ބުނެފައެވެ. ބާ އިމްތިހާނުން ކިމްއަށް ރަނގަޅު ނަތީޖާއެއް ލިބުނުނަމަ އޭނާ ދެ ހަފްތާގެ ތެރޭގައި ލޯ ޕްރެކްޓިސް ކުރުމަށް ފަށާނެ ކަމަށާއި އެކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރެވުނު ކަމަށް ކިމް ވަނީ ބުނެފައެވެ. އުމުރުން 45 އަހަރުގެ ކިމްގެ އުއްމީދަކީ ކުރިއަށް އޮތް 10 އަހަރުގެތެރޭ ގާނޫނީ ދާއިރާގައި މަސައްކަތް ކުރުމެވެ. އެކަން ކާމިޔާބު ކުރެވިއްޖެނަމަ ގިނަ ބަޔަކު މިހާރު ދަންނަ 'ކިމް ކޭ'ގެ ނަން އެއް ފަރާތްކޮށްލުމަށްފަހު މުޅިން ވެސް މަސައްކަތް ކުރާނީ ވަކީލެއްގެ ގޮތުގައި ކަމަށް ގިނަ ބައެއްގެ މެދުގައި ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ މޮޑެލް ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ