ޓްރަމްޕްގެ ތަގުރީރެއް އެޑިޓްކުރި މައްސަލައިގައި ބީބީސީގެ ވެރިޔާ ޓިމް ޑޭވީ އިސްތިއުފާ ދެއްވައިފި

ދެހާސް އެކާވީސް ވަނަ އަހަރުގެ ޖެނުއަރީ މަހު ހަވަނަ ދުވަހު ބީބީސީއިން ދެއްކި, އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ތަގުރީރެއް މާނަ އޮޅޭ ގޮތަށް އެޑިޓްކޮށް ރިޕޯޓެއްގައި ހިމެނި މައްސަލަ ބޮޑުވެ، ބީބީސީގެ ޗީފް އެގްޒެކެޓިވް ޓިވް ޑޭވީ އިސްތިއުފާ ދެއްވައިފިއެވެ. ޓްރަމްޕްގެ އެ ތަގުރީރަކީ އެމެރިކާގެ ކެޕިޓޮލް އިމާރާތަށް 2021 ވަނަ އަހަރު ޓްރަމްޕުގެ ސަޕޯޓަރުން ވަދެ ހަމަނުޖެހުން ހިންގައި ގެއްލުން ދިން ދުވަހު ޓްރަމްޕް ދެއްވި ތަގުރީރެވެ. ބީބީސީ އިން އެ ތަގުރީރު ދެއްކީ ޓްރަމްޕަށް 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ނާކާމިޔާބުމުން ހަމަނުޖެހުންތަކަށް ހިތްވަރުދީ ވާހަކަ ދެއްކެވި ކަމަށް ބުނެއެވެ. އެ މައްސަލައިގައި ޑޭވީގެ އިތުރުން ހެޑް އޮފް ނިއުސް ޑެބޯރާ ޓާނެސް ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ. އިސްތިއުފާ ދެއްވަމުން ޑޭވީ ވިދާޅުވީ ހެދުނު ގޯސްތަކުގެ ޒިންމާ ނަންގަވާ ކަމަށާއި ފަސް އަހަރަށް ފަހު ޕަބްލިކް ބްރޯޑްކާސްޓަރުގެ ވެރިޔާގެ މަގާމު ދޫކޮށްލުމަކީ އޭނާގެ އަމިއްލަ ނިންމުމެއް ކަމަށެވެ. "މި ދަނޑިވަޅުގައި ގިނަ އަހަރުތަކެއް ވަންދެން މި މަގާމު އަދާކުރުމުގައި ހުރި ޒާތީ އަދި ޕްރޮފެޝަނަލް ގޮންޖެހުންތަކާ މެދު ވިސްނަމުން އަންނަތާ އެތައް އަހަރެއް ވެއްޖެ. އަދި ތަން ހިންގުން ބަދަލުކުރުމުގެ ޕްލޭންތައް ތަންފީޒުކުރުމަށް އެހެން ބަޔަކަށް ފުރުސަތު ދޭންޖެހޭ ކަމަށް ވެސް ދެކޭތީ އަޅުގަނޑު އިސްތިއުފާ ދޭން ނިންމައިފިން." އޭނާ ވިދާޅުވިއެވެ. އެ ތަގުރީރު ހިމެނޭ ޑޮކިއުމެންޓްރީ ދެއްކީ މިދިޔަ އަހަރު އެމެރިކާގެ ރިޔާސީ އިންތިޚާބަށް ހަފްތާއަކަށް ވެފައިވަނިކޮށް ބީބީސީގެ ޕެނޮރޮމާ ޕްރޮގްރާމްގައެވެ. ވީޑިއޯ އެޑިޓްކޮށްފައިވާ ގޮތުން، ކެޕިޓޮލް އިމާރާތަށް އެންމެން އެކުގައި ދިއުމަށާއި ޓްރަމްޕު ވެސް އެ މީހުންނާ އެކު ވަޑައިގަންނަވާނެ ކަމަށާއި ކުރިމަތިލުމަކަށް ވެސް ދާންޖެހޭނެ ކަމަށް ޓްރަމްޕު ވިދާޅުވާ ކަމަށް ދޭހަވެއެވެ. ނުރުހުން ފާޅުކޮށް ކެޕިޓޮލްއަށް ވަންނާނީ ސުލްހަވެރިކަމާ އެކު ކަމަށް ޓްރަމްޕު ވިދާޅުވާ ބައި ވަނީ އުނިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ