ސިނގިރޭޓުގެ ޑިއުޓީ އިންތިހާއަށް އުފުލުމުން ވަގު ވިޔަފާރި އިތުރުވާނެ ކަމަށް ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ވަގު ސިނގިރޭޓުގެ ވިޔަފާރީގެ ބޮޑު ނެޓުވޯކެއް އުފެދި އެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވަނިކޮށް އެކްސްގައި ނަޝީދު ބޭނުންކުރައްވާ ނުރަސްމީ އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިމްޕޯޓު ޑިއުޓީ މަތި ކުރުމުން ސްމަގްލިން އިތުރުވާކަމީ ދުނިޔޭގެ ގައުމުތަކުގެ ތަޖުރިބާއިން ވަރަށް ސާފުކޮށް ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.
"ސިނގިރޭޓުގެ ޑިއުޓީ އިންތިހާއަށް އުފުލުމުން ވަގު ވިޔަފާރި އިތުރުވާނެ،" ނަޝީދު ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.
ނަޝީދު މިފަދަ ޕޯސްޓެއް ކުރައްވާފައި މިވަނީ ހުޅުމާލޭ ވިޔަފާރި ބަނދަރުގައި ހުއްޓައި ވަގަށް ނެގި 13 މިލިއަން ސިނގިރޭޓު ދެ ކޮންޓެއިނަރުގެ މައްސަލަ ފެންމަތިވެ އެ މައްސަލައިގައި ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
އެ ކޮންޓެއިނަރު ވަގަށް ނެގީ މީގެ ދެ މަސްދުވަސް ކުރިންނެވެ. އެއީ އޭޕްރީލް މަހު ވަގަށް އެތެރެ ކުރަނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރެވެ. އެ ސިނގިރޭޓުތަކުގެ ޑިއުޓީއަށް ވެސް 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރަ އެވެ.
އެ ސިނގިރޭޓުތައް އެތެރެ ކުރީ ސައުދީ ބިންލާދިން ގްރޫޕުން އެތެރެ ކުރި ދެ ކޮންޓެއިނަރުގެ ތެރޭގަ އެވެ. ކޮންޓެއިނަރު އެތެރެ ކުރީ ލިއޯ ޓްރޭޑިން ކުންފުނިންނެވެ. ކަސްޓަމްސް އިން ބުނީ ވަގަށް ސިނގިރޭޓު އެތެރެ ކުރާކަން އެނގިގެން އެ ދެ ކޮންޓެއިނަރު ފްލެޓު ކުރީ އެ އޮފީހުން ކަމަށެވެ.
ކޮންޓެއިނަރުގައި ހުރި ސިނގިރޭޓުތައް ވަގަށް ނެގުމަށްފަހު ވަގުން ހުރީ ކޮންޓެއިނަރުގެ ތެރޭގައި ފޮޓޯގަނޑެއް ހަރުކޮށްފަ އެވެ. އެ ފޮޓޯގަނޑަކީ، ޕީޕީއެމްގެ އޮފީހަށް މައުމޫން ވަދެވަޑައިގެން "ގރހަނޑާ ދެން" ލިޔެފައި އިން ފާރެއްގެ ކައިރީގައި ހުއްޓިވަޑައިގެން ނަންގަވާފައިން ފޮޓޯގަނޑެކެވެ.
ސިނގިރޭޓުތައް ވަގަށް ނެގީ ބަނދަރުގެ ކެމެރާތައް ނިއްވާލުމަށްފަހު ކަމަށް އެނގިފައިވެ އެވެ. އަދި ނިއްވައިނުލެވި ހުރި ބައެއް ކެމެރާތަކުގެ ފުޓޭޖު ޑިލީޓުކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
ވަގު ސިނގިރޭޓުގެ ކަޅު ނެޓްވޯކެއް އުފެދުނީ ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ 3ރ. އިން 8ރ. އަށް މަތިކުރަން ގާނޫނަށް ގެނައި ބަދަލާއެކު އެވެ. އެ ބަދަލުގެ ހެޔޮ ނަތީޖާ ފެންނާނެ ކަމަށް ސަރުކާރުން ބުނަމުން ދިޔަ ނަމަވެސް، ވޭތުވެދިޔަ މުއްދަތުގައި ފެނުނީ އެ ހަގީގަތާ ދުރު މަންޒަރެކެވެ.
އެގޮތުން މިދިޔަ ޑިސެމްބަރު މަހު ވެސް ވަނީ ރާއްޖެ އެތެރެކޮށް މާލޭގައި ހުންނަ ބޮންޑެޑް ވެއާހައުސްއެއްގައި ރައްކާކޮށްފައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓުތަކެއް ގެއްލިފަ އެވެ. ގެއްލުނު ސިނގިރޭޓުތަކަށް އިމްޕޯޓު ޑިއުޓީ އާއި ރެވެނިއު ސްޓޭމްޕުގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ އަދަދު މަދުވެގެން 60 މިލިއަން ރުފިޔާއަށް އަރަ އެވެ.
އަތުލައިގަންނަ ވަގު ސިނގިރޭޓުގެ އަދަދު އިތުރުވި ނަމަވެސް ރާއްޖޭގެ ބާޒާރުގައި އަދިވެސް ވަގު ސިނގިރޭޓު މަރުކާތައް ދަނީ ރަސްކަން ކުރަމުންނެވެ.
ބާޒާރުގައި މި ވަގުތު ވިއްކަމުން އަންނަ ސިނގިރޭޓުތަކުގެ މައުލޫމާތު "އަދަދު" އިން ހޯދައިބެލިއިރު, ކުރިން ބާޒާރުން ލިބެން ނުހުންނަ ގިނަ މަރުކާތަކެއްގެ ސިނގިރޭޓު މި ވަގުތު ފިހާރަތަކާއި އެ ތަންމިތަނުގައި ވިއްކަމުން އަންނަ ކަން މި ނޫހަށް ފާހަގަކުރެވުނެވެ.
ވަގަށް އެތެރެކޮށްގެން ވިއްކަމުން އަންނަ ގިނަ ސިނގިރޭޓުތަކުގެ އަގު, ޑިއުޓީ ދައްކައިގެން އެތެރެކުރާ ސިނގިރޭޓު މަރުކާތަކަށް ވުރެ ބޮޑުތަނުން ކުޑަ އެވެ.
ހެޔޮ އަގުގައި އެންމެ އާންމުކޮށް ވިއްކަމުން އަންނަ ސިނގިރޭޓު މަރުކާއެއްގެ ގޮތުގައި ފާހަގަކުރެވުނީ "މެންޗެސްޓާ" ނަމަކަށް ކިޔާ މަރުކާއެއްގެ ސިނގިރޭޓެކެވެ. މީގެ ސިނގިރޭޓު ފޮއްޓެއް ވިއްކަނީ 120ރ. އަށެވެ.
މިއީ ވަގަށް އެތެރެކޮށްގެން ވިއްކާ ސިނގިރޭޓުތަކެއް ކަމަށް ބާރުދެނީ މި ސިނގިރޭޓުތައް ވިއްކާ އަގެވެ. ޑިއުޓީގެ ގޮތުގައި ކޮންމެ ސިނގިރޭޓަކުން ނަގާ 8ރ. ގެ ރޭޓުން ކޮންމެ ފޮއްޓަކަށް ޑިއުޓީގެ ގޮތުގައި އެކަނި ވެސް 160ރ. ދައްކަން ޖެހޭނެ އެވެ.
ސިނގިރޭޓުގެ ޑިއުޓީ އިންތިހާއަށް އުފުލުމުން ވަގު ވިޔަފާރި އިތުރުވާނެ: ނަޝީދު ސިނގިރޭޓުގެ ޑިއުޓީ އިންތިހާއަށް އުފުލުމުން ވަގު ވިޔަފާރި އިތުރުވާނެ: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ