އިސްރާއީލު ފަންޑްކުރާ ގޭންގްތަކާ ދެކޮޅަށް ޣައްޒާގެ ސަރުކާރުން ބޮޑު އޮަޕަރޭޝަނެއް ފަށައިފި

ޣައްޒާ ސިޓީ (15 އޮކްޓޯބަރު 2025): އިސްރާއީލުގެ އަސްކަރީ އަދި މާލީ އެހީ ލިބިގެން ޣައްޒާގެ މުޖްތަމައު ހަލާކުކޮށް ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކުރާ ކުށްވެރިންގެ ގްރޫޕްތަކާއި ގޭންގްތައް ހުއްޓުވުމަށް ބޮޑު އޮޕަރޭޝަނެއް ފަށާފައިވާކަން ޣައްޒާގައި ވެރިކަންކުރާ ހަމާސްގެ ސަރުކާރުން ހާމަކޮށްފިއެވެ. ޣައްޒާގެ ދާޚިލީ ވުޒާރާ ބުނިގޮތުގައި މިއޮޕަރޭޝަންގައި އިސްކޮށް އުޅެނީ ޣައްޒާގެ ފުލުހުންނާއި ޖާސޫސީ ޑިޕާޓްމަންޓްގެ މުވައްޒަފުންނެވެ. ނަމަވެސް މި އޮޕަރޭޝަން ހިންގަނީ ހަމާސްގެ އަސްކަރީ ގޮފީގެ ފުރިހަމަ އެހީއާއި އެއްބާރުލުމާއެކުގައެވެ. ޣައްޒާގައި ހަރަކާތްތެރިވާ ކުށްވެރިންގެ ޖަމާއަތްތަކެއް ވެއެވެ. އެޖަމާއަތްތަކަކީ މަސްތުވާތަކެތީގެ ވިޔަފާރިއާވެސް ގުޅިފައިވާ ޖަމާއަތްތަކެއްކަމަށާއި އެ ޖަމާއަތްތަކުގެ ފަހަތުގައި ޒަމާނުއްސުރެ އޮންނަނީ އިސްރާއީލު ކަމަށް ޣައްޒާގެ ދާޚިލީ ވުޒާރާއިން ނެރުނު ބަޔާނެއް ބުނެއެވެ. މިޒަމާނުގެ ހިޓްލަރުގެ ގޮތުގައި ސިފަކުރެވޭ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ޣައްޒާގެ ގޭންގުތަކަށް ހަތިޔާރާއި ފައިސާ އަދި ވަސީލަތްތައް ފޯރުކޮށްދޭކަމަށް އެތައް ފަހަރަކު އެއްބަސްވެފައެވެ. ޣައްޒާއިން ހަމާސް ޖަމާއަތުގެ ވެރިކަން ވައްޓާލުމަށްޓަކައި އިސްރާއީލުން ޣައްޒާގެ އެތެރެއިން ކުށްވެރިންގެ ގްރޫޕްތަކެއް ހަމާސް އާ ދެކޮޅަށް ނެރުނެވެ. ހަމާސްގެ މުޖާހިދުން އެ ގްރޫޕްތަކުން އިސްރާއީލުގެ ހަތިޔާރު ބޭނުންކޮށްގެން ޣައްޒާއަށް ވައްދާ ކާބޯތަކެތީގެ ކޮންޓެއިނަރުތަކަށް ހަމަލާދީ ކާބޯތަކެތި ފޯރުކޮށްދޭ މީހުންގެ ގަޔަށް ބަޑިޖަހައި ގިނަ އަދަދަކަށް މީހުންވެސް މެރިއެވެ. އަދި ޣައްޒާގައި މަސްތުވާތަކެތިވެސް ފެތުރިއެވެ. ނަމަވެސް ޣައްޒާގެ ރައްޔިތުން ގޭންގްތަކާ ދެކޮޅަށް ތެދުވުމުންނާއި ރައްޔިތުންގެ އެއްބާރުލުން ނުލިބުމުން ހަމާސްގެ ސަރުކާރު ވައްޓާލެވޭފަދަ މާހައުލެއް އިސްރާއީލުން ފަންޑުކުރާ މި ޓެރަރިސްޓް ގްރޫޕްތަކަށް ނުލިބުނެވެ. ޣައްޒާގެ ދާޚިލީ ވުޒާރާ ބުނާގޮތުން ޣައްޒާގެ ރައްޔިތުންގެ ސަލާމަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ނުރައްކަލަކީ އިސްރާއީލުން ޣައްޒާގެ އެތެރޭގައި ހިންގާ ހަތިޔާރުއެޅި ގޭންގުތަކުގެ މުޖުރިމުންނެވެ. އޭގެތެރޭގައި ގިނައީ މަސްތުވާތަކެތިގެ ދަލުގައި ޖެހިފައިވާ ޣައްޒާގެ ޒުވާނުންނެވެ. ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒު ކުރަން ފެށުމަށްފަހު ހަމާސްއިން ވަނީ އިސްރާއީލު ފަންޑުކުރާ ޣައްޒާގެ ގޭންގްތަކާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ގްރޫޕްތަކާ ދެކޮޅަށް އަވަސް އޮޕަރޭޝަނެއް ފަށައި ޣައްޒާގެ ރައްޔިތުންނަށް އެންމެ ބޮޑަށް ގެއްލުންދީ ވައްކަންކޮށް މަގުފޭރޭ ގޭންގްތަކަށް ނިސްބަތްވާ 30 އަށް ވުރެގިނަމީހުން މަރާލާފައެވެ. މިއީ ހަމާސްއަށް ޖާސޫސު ކުރުމަށްވެސް އިސްރާއީލު ބޭނުންކުރާ ގޭންގް ތަކެކެވެ. ޣައްޒާގައި ތަންފީޒު ކުރަން ފަށާފައިވާ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށްވެސް އިސްރާއީލުން ފުރިހަމައަށް އަމަލެއް ނުކުރެއެވެ. އިއްޔެވެސް އެ އެއްބަސްވުމާ ޚިލާފަށް ޔަހޫދީ އިސްރާއީލުން ޣައްޒާއަށް ހަމަލާދީ އާންމުންގެ އަށް މީހަކުވަނީ ޝަހީދުކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ