ލިސާން 22

ނަމީރު ގޮތް ހުސްވެފައިވާ ޙާލު ހާމަކޮށްލި ވާހަކައިން ރައާބިލްއަށް ވެސް ނުތަނަވަސްވެ ނިތުގައި ފިރުމައިލެވުނެވެ. ކުރިއަށް އޮތް ނުރައްކާތެރިކަމުގެ އިންޒާރުގެ ރަނގަބީލުތައް އޭނަގެ ކަންފަތަށް އިވެން ފަށައިފިއެވެ. ދެން ކަންތައް ވެގެން ދާނެ ގޮތުގެ ތަސައްވުރެއް ސިކުނޑީގައި ކުރެހުމާއެކު، ރައާބިލްއަށް ދެ އަތުން އޭނާގެ ބޮލުގައި ހިފައްޓައިލެވުނެވެ. ގަދަ މުށިކުލައިގެ އިސްތަށިގަނޑުގެ ތެރޭގައި އަތް ހިންގައިލެވުމާއެކު، ފުންނޭވާއެއް ދޫކޮށްލެވުނެވެ. "ރައާބިލް. އަހަރެން މިބުނީ ބައްޕައަށް ކަލޭގެ ހަޤީޤަތް އެނގިއްޖެޔޭ. ދެން ކިހިނެއް ހަދާނީ؟" ނަމީރު އަނެއްކާވެސް ވާހަކަ ދެއްކިއެވެ. "އަހަރެން ގަނޑުވަރުގައި އުޅެނިކޮށް ކޮންމެވެސް މީހަކު އައިސް ކަލޭ އިންސާނަކާ ބައްދަލުކުރާ ޚަބަރު ބައްޕައަށް ދީފި. ބައްޕަ އަހަރެން ގެންދާނެ. ސުވާލުކުރާނެ. ހަޤީޤަތް ހޯދާނެ. އަދި އެކަމުގެ ތެދު ދޮގުވެސް ބަލާނެ. ފިޔަވަޅެއް އެޅުމުގެ ކުރިން އެހުރިހާކަމެއް ޔަޤީންކުރާނެ. ކަލެއަކީ އަހަރެންގެ އެންމެ ގާތް ރަޙްމަތްތެރިޔާ. ކަލޭގެ ހުރިހާ ސިއްރެއް އަހަންނަށް އެނގޭނެކަމުގައި ބައްޕަ ޤަބޫލުކުރޭ." "ނަމީރު. އަހަންނަށް ކަމެއް ކޮށްދެންޏާ އެމީހުންނަށް އޮޅުވާލާ. ހަޤީޤަތް ހާމަ ނުކުރޭ..." ރައާބިލްއަށް ބުނެވުނެވެ. "އަހަރެންގެ ބައްޕައަށް އޮޅުވާލުމަކީ ފަސޭހަކަމަކަށް ނުވާނެ. އަހަރެން ހަޤީގަތް ހާމަނުކުރިޔަސް، ބައްޕަ އަމިއްލައަށް ވެސް އެކަންތައް ހޯދާނެ." ނަމީރުގެ ހާސްކަންވެސް ވަކި ކުޑައެއް ނުވިއެވެ. އެކުވެރިޔާ އެކުރަނީ ރަނގަޅު ކަމެއް ނޫންނަމަވެސް، އެ އެކުވެރިޔާއަށް ދެރަގޮތެއް ވާކަށް އޭނާ ނޭދެއެވެ. "އަހަރެން ދާން އެބަ ޖެހޭ. ހުރިހާ ކޮޅަކުންވެސް އޮތީ ނުރައްކާ. އަހަންނަށް އެހީތެރިވެދާނެ ހުރީ ހަމަ އެންމެ މީހަކު." ރައާބިލް ބުނެލިއެވެ. "ކާކު؟" ނަމީރު ސުވާލުކޮށްލިއެވެ. ރައާބިލްއަށް އެމީހުންގެ ތެރެއިން އެހީތެރިވާ މީހަކު ހުރިކަން އެނގުމުން އޭނަ ކުޑަކޮށް ހައިރާންވެސް ވިއެވެ. "އޭނަގެ ނަމަކީ ޖުންދީ." ރައާބިލް ބުނެލިއެވެ. "ޖުންދީއޭ؟ އެއީ ކާކު؟" ނަމީރަށް އަނެއްކާވެސް އަހައިލެވުނެވެ. އެއީ އޭނާ ދުވަހަކު އަޑު އެހިނަމެއް ނޫނެވެ. "އާ، އެއީ މި ޝަހަރުގެ މީހެއް ނޫން. ސަމްރާއަށް ކުރިމަތިވެފައިވާ ކަންތަކުން އޭނަ ސަލާމަތްކުރެވޭނީ ހަމަ އެކަނި ޖުންދީއަށް. އޭނަ ނޫނީ އަހަންނަށް އެހީތެރިކަން ފޯރުކޮށްދޭނެ މީހެއް މިވަގުތަކު ނެތް. މާދަން ރެއަކީ ބޮޑު ރެއެއް. " ހަތަރު ފަރާތުން ކުރިމަތިވެފައިވާ ނުރައްކާތަކާ މެދު ވިސްނި ވަރަކަށް ރައާބިލްގެ ސިކުނޑި ހާސްވުން ނޫންކަމެއް ނުވިއެވެ. އެއްކޮޅުން އިންޖާބެވެ. އަނެއްކޮޅުން ސަމްރާގެ މައިންބަފައިންނެވެ. އެ ދެބައި މީހުން ކުރެ އެއްބަޔަކު ވެސް އެ ދެމީހުންގެ ގުޅުމަކަށް އެއްބަހެއް ނުވާނެއެވެ. އެމީހުން ދެމީހުން ގުޅިގެން އުޅުމަށް ފުރުސަތެއް ނުދޭނެއެވެ. އެ ދެމީހުންގެ ލޯތްބަކަށް ރަޙުމެއް ނުކުރާނެއެވެ. ކޮންމެ ގޮތަކުންވެސް އެ މީހުން ވަކި ކުރާނެއެވެ. ބާރުގެ ބޭނުން ކޮށްގެން އެމީހުންނަށް އަނިޔާދޭނެއެވެ. އެންމެ ކަންބޮޑުވަނީ ސަމްރާގެ ބަނޑުގައިވާ ދަރިފުޅާ މެދުގައެވެ. އެ ދަރިފުޅަށްވެސް ރައްކާތެރިކަން ކަށަވަރުކޮށްދޭން އެބަ ޖެހެއެވެ. އެއީ އޭނާގެ ލެޔެވެ. މިހާރުން ފެށިގެންވެސް އެ ދަރިފުޅާ މެދު އޭނާގެ ހިތުގައި ވަނީ ވަރުގަދަ ލޯތްބެއް އުފެދިފައެވެ. "އެކަމަކު މިހާރު ކަލޭ މި ޝަހަރުގައި ހުރުން ރައްކާތެރިއެއް ނޫން. ބައްޕަ ކަލޭ ހޯދާނެ. މިތަނުން ދޭ. ފިލާ. އަދި އެ އިންސި ކައިރިއަށްވެސް ނުދޭ." ނަމީރު ނަޞޭޙަތްދިނެވެ. ރަޙްމަތްތެރިޔާއަށް ވިސްނައިދެވޭތޯ އޭނާ އުޅުނެވެ. ރައާބިލްގެ ރައްކާތެރިކަން ކަށަވަރުކުރަން އޭނާ ހުރީ ބޭނުންވެފައެވެ. ކުޑައިރުގެ ރަޙްމަތްތެރިޔާ ގެއްލޭކަށް އޭނާ ބޭނުމެއް ނޫނެވެ. ރައާބިލްއަށް އަންނާނީ ހަރުކަށި އަދަބެއްކަން އޭނާއަށް އެނގެއެވެ. "ސަމްރާގެ މައިންބަފައިންވެސް ފަނޑިތަ ހަދާ މީހެއް ގެނެސްފި. އެމީހަކު މާދަމާ ރޭ މަސައްކަތް ފަށާނެ. އަހަރެން ބޭނުން ސަމްރާއާއި އަހަރެންގެ ދަރިފުޅުވެސް ސަލާމަތްކުރަން. ހުރިހާ ނުރައްކާތަކުން އެމީހުން ރައްކާތެރިކުރަން. ކަލޭގެ ބައްޕަގެ ފަރާތުންވެސް، އަދި އެ ފަންޑިތަވެރިޔާގެ ކިބައިންވެސް. " ރައާބިލް ހާމަކޮށްލި ވާހަކައާއެކު، ނަމީރަށް ލިބުނީ އިތުރު ނުތަނަވަސްކަމެކެވެ. "އެހެންވީމަ މިވަގުތަށް ޖުންދީ ކައިރިއަށް ދިޔުން ވަރަށް މުހިންމު." "ނޫން ރައާބިލް. މިހާރަށް މުހިންމީ ކަލޭގެ ސަލާމަތް. ކަލޭ ރައްކާތެރިކަން ހޯދައިގެން ދޯ އެމީހުން ސަލާމަތްކޮށްދެވޭނީ. އަހަންނަށް ޔަޤީން އެ ބުނާ ފަންޑިތަވެރިއަކަށް ވެސް ކަލޭގެ ނުރުހުމުގަ ކަލޭ ހާޞިރުކުރުވުމަކީ ފަސޭހަކަމަކަށް ނުވާނެކަން." ނަމީރު ބުނެލިއެވެ. "އަހަންނަށްވެސް އެނގޭ ތިކަން. އެއީ ބޮޑު ސިހުރުވެރިޔެއް. އޭނަ މަދަދު ހޯދަނީ އެހެން ޖިންނީންގެ ފަރާތުން. އޭނަ ކައިރިއަކު ނެތް އަހަންނާ ކުރިމަތިލެވޭނެ ވަރުގެ ޖިންނިއެއް. އަހަރެން ބޭނުންނުވާނަމަ އޭނައަކަށް އަދި އަހަރެން ނުގެންދެވޭނެ. އެހާވަރުގެ ޤާބިލުކަމެއް އޭނަގެ ނެތް. އެކަމަކު ނަމީރު. އަހަރެން އެތަނަށް ދާންޖެހޭނެ. ސަމްރާއާއި ދަރިފުޅު ސަލާމަތްކުރަން ޖެހޭނެ. އިންސާނެއްގެ ބަނޑުގައިވިޔަސް އެއީ އަހަރެންގެ ދަރިއެއް." ރައާބިލް ބުނެލިއެވެ. "ދެން؟" ރައާބިލް ކަންތައް ކުރާނެ ގޮތެއް އެނގެން ނަމީރު ބޭނުންވިއެވެ. "އަހަރެން ޖުންދީ ކައިރިއަށް ދާނީ. އެ ފަނޑިތަވެރިޔާއަށް ވުރެވެސް ބޮޑަށް އަހަރެން ހާސްވަނީ ކަލޭގެ ބައްޕައަށް ކަންތައްތައް އެނގުނީމަ. އެމީހުން ސަމްރާއަށް ގޮތެއް ހަދާފާނެތީ." ރައާބިލް ބުނެލިއެވެ. ރައާބިލް ގޮތް ދޫނުކުރާނެކަން އެނގޭތީ ނަމީރު އެންމެ ފަހުން ހަތިޔާރު ބެހެއްޓިއެވެ. ރައާބިލްއާއެކު އޭނަވެސް ހިނގައިގަތެވެ. ވަލުތެރެއަށް ވަދެގެން ގޮސް ރައާބިލް މަޑުކޮށްލީ ބޮޑު ނިކަގަހެއްގެ ކައިރީގައެވެ. އެއީ ޖުންދީގެ ގެއެވެ. އެތަނުގައި ހުރެފައި ރައާބިލް ޖުންދީއަށް ގޮވައިލިއެވެ. ދެތިން ފަހަރު ގޮވައިލި ފަހުން ޖުންދީ، އަތުވެއްޖެއެވެ. "ރައާބިލް." ޖުންދީގެ އަޑު އިވުނީ އެ ދެމީހުންގެ ފަހަތުންނެވެ. ދެމީހުން އެކުގައި ފަސް އެނބުރިލިއެވެ. ޖުންދީއަށް ނަމީރު ފެނުމާއެކު މޫނުމަތީން ނުތަނަވަސްކަމެއް ފެނިގެން ދިޔައެވެ. އޭނާއަށް ނަމީރަކީ ކާކުކަން އެނގެއެވެ. އެއީ އިންޖާބުގެ ދަރިއެވެ. ވުމާއެކު ނަމީރަށް ކަންތައްތައް އެނގުމަކީ އެކަމުގައި ނުރައްކާތެރިކަން އެކުލެވިގެންވާ ކަމެއްކަން ޖުންދީއަށް އެނގެއެވެ. ޖުންދީ ހުރީ ހުސްގަޔާއެވެ. އޭނާ ލާފައިހުރީ ފުޅާ ފުއްޕި ހަރުވާޅެކެވެ. އުނަގަނޑުގައި މުށިކުލައިގެ ދަބަހެއް އަޅުވާލާފައި ވެއެވެ. ކަންފަތް ތޮރުފާލާފައި ހުރިއިރު ރައާބިލްމެންނާ ޚިލާފަށް އޭނާގެ ކަންފަތް ހުރީ ތަންކޮޅެއް ދިގުކޮށެވެ. އިސްތަށިގަނޑު ހުރީ އަޅިކުލައިގައެވެ. ސިފައިން މާ ބޮޑު ތަފާތެއް ފާހަގަނުކުރެވުނު ނަމަވެސް، އޭނާ އާދަޔާ ޚިލާފަށް ކަޅެވެ. ދެލޯ ހުރީ ގަދަ ކަޅު ކުލައެއްގައެވެ. "ޖުންދީ. އަނެއްކާވެސް އަހަރެން މިއައީ ކަލޭގެ އެހީތެރިކަމަށް އެދި." ރައާބިލް ބުނެލިއެވެ. "އަހަރެން އެހީތެރިކަމަށޭ؟" ޖުންދީއަށް ބަލައިލެވުނީ ނަމީރަށެވެ. އޭނާ ރައާބިލްއަށް އެހީތެރިވާކަން ނަމީރަށް އެނގުމުން ޖުންދީ ހުރީ ހާސްވެފައެވެ. އޭނަ ނަމީރުގެ ކުރިމަތީގައި ވާހަކަ ދައްކަން އުޒުރުވެރިވާކަން އެނގި ރައާބިލްއަށް ނަމީރަށް އަވަސް ނަޒަރެއް ދެވުނެވެ. ރައާބިލް އެ ބުނަނީ ކީކޭކަން ނަމީރަށް އެނގުމާއެކު، އޭނާ ދުރަށް ހިނގައިގަތެވެ. އެ ދެމީހުންގެ އަޑު ނީވޭހާ ދުރަށް ނަމީރު ދިޔައެވެ. "ކަންބޮޑުނުވޭ. އޭނަގެ ފަރާތުން ނުރައްކަލެއް ނެތް." ނަމީރު ދިޔަ ދިމާލަށް ބަލަން ހުރި ޖުންދީއަށް ބަލައިލާފައި ރައާބިލް ބުނެލިއެވެ. ޖުންދީ ރައާބިލްއަށް ބަލައިލުމަށްފަހު، ވާހަކަ ކުރިއަށް ގެންދިޔުމަށް ބުނެލިއެވެ. "އަހަރެން ބޭނުން އެ އިންސި ހިމާޔަތްކުރަން. މިވަގުތަށް ހުރިހާ ކޮޅަކުންވެސް ނުރައްކަލާ ކުރިމަތިވެއްޖެ. އެއްކޮޅުގައި ހުރީ އިންޖާބު. އަނެއްކޮޅުގައި ފަންޑިތަވެރިޔާ." ރައާބިލް ޖުންދީ އަށް ވާހަކަތައް ކިޔައިދިނެވެ. އެ އަޑު އަހަން ހުރި ޖުންދީ ދެން ކުރެވިދާނެ ކަމަކާ މެދު ވިސްނައިލިއެވެ. މީގެ ކުރިން ވެސް ރައާބިލްވަނީ އޭނާގެ ކައިރިން އެހީތެރިކަން ހޯދާފައެވެ. އެހެންނަމަވެސް މިފަހަރު ރައާބިލް އެ އެދެނީ މާ ބޮޑުކަމަކުއެވެ. "މާދަމާ އާދޭ. އަހަރެން ކަލޭއަށް އެހީވާނަން." ޖުންދީ ޔަޤީންކަން ދިނެވެ. އޭނާ ކަންތައް ކުރަންވީ ގޮތް ރައާބިލްއަށް ކިޔައިދިނެވެ. ޖުންދީގެ ވާހަކައަށް އެއްބަސްވެފައި ރައާބިލް ނަމީރަށް ގޮވައިލިއެވެ. ނަމީރު އައުމާއެކު، ޖުންދީ އޭނާއަށް ބަލައިލާފައި ގެއްލިއްޖެއެވެ. "ކީކޭ އޭނަ ބުނީ؟" ނަމީރު ސުވާލުކޮށްލިއެވެ. "އޭނަ ބުނީ މާދަމާ އަންނާށޭ. " ރައާބިލް އޮޅުން ފިލުވައިދިނެވެ. "ނޫން ރައާބިލް. މާދަމާ މި ޝަހަރު ކަލެއަށް އަމްދަކުން ރައްކާތެރިއެއް ނުވާނެ." ނަމީރު ބުނެލިއެވެ. "އިތުރު ގޮތެއް ނެތް. ހިނގާ ދާން." އެހެން ބުނެލާފައި ރައާބިލް އޭނާގެ ވަރަ ހުޅުވާލުމަށްފަހު، އުދުހިގަތުމުން ނަމީރުވެސް އޭނާއާއެކު އުދުހިގަތެވެ. "އަހަރެން ކަލޭއަށް އެހީތެރިވަންތަ؟ މާދަމާ އަހަރެން އޭނަ ކައިރިއަށް އަންނަންތަ؟" ތުނޑިއަށް ތިރިކޮށްލުމާއެކު، ނަމީރު ރައާބިލްއާ ވާހަކަ ދެއްކިއެވެ. "ކަލޭ އަހަންނަށް އެހީތެރިވާނަންތަ؟ އޭރުން ކަލޭގެ ބައްޕަ..." ރައާބިލް ޖުމްލަ ފުރިހަމައެއް ނުކުރެއެވެ. ނަމީރު ބޯ ޖަހައިލިއެވެ. ކީއްވެކަމެއް ނޭނގެއެވެ. އޭނާގެ ގެ ހިތް ރައާބިލްއަށް އެހީވުމަށް ބުނަނީއެވެ. ދެން ކަންތައް ވާނެ ގޮތަކާ މެދު އޭނާއަށް އެވަގުތު ވިސްނައެއް ނުލެވުނެވެ. "ތިކަން ކަލޭގެ ބައްޕައަށް އެނގިއްޖެއްޔާ ކަލޭއަށް އަނިޔާވެރިވެދާނެ. އަހަރެންގެ ސަބަބުން ކަލޭއަށް ގޮތެއް ވާކަށް އަހަރެން ނޭދެން. މީ އަހަރެން އަމިއްލައަށް ލިބިގަތް ކަމެއް. މިކަމާ ކުރިމަތިލާން ޖެހޭނީވެސް އަހަރެން. ތީ ޝާހީ ޚާންދާނަށް ނިސްބަތްވާ މީހެއް. މި ކަމުގެ ތެރެއަށް ކަލޭ ވަދެއްޖެއްޔާ އެއްގޮތަކަށްވެސް ރަނގަޅެއް ނުވާނެ." ރައާބިލް ބުންޏެވެ. "އަހަރެން ކަލޭއަށް އެހީތެރިވާނަމޭ ބުނެފީމެއްނު." ނަމީރު ބުނެލިއެވެ. އެކުވެރިޔާގެ ހާސްކަމަށް ލުޔެއް ދޭން އޭނާ ހުރީ ބޭނުންވެފައެވެ. "އެކަމަކު ކަލޭ މިރޭ އިތުރަށް ސަމްރާގެ ގާތަށް ނުދާތި. ބައްޕަ ކަލޭ ހޯދަން ފަހަރުގައި، މީހުން ފޮނުވަފާނެ." "ކަލޭގެ އެހީތެރިކަމަށް އަހަރެން ޝުކުރު އަދާކުރާނީ ކިހިނެއްކަމެއް ނޭނގެ. މާދަމާ ހެނދުނު ޖުންދީ ކައިރިއަށް ދޭ. އޭރުން އޭނަ ދޭނެ އެއްޗެއް. އެ ހިފައިގެން ކަލޭ އަހަންނާ ބައްދަލުކުރަން އާދޭ. އަހަރެން ހުންނާނަން. މިތާ ކައިރީގައި އޮންނަ ފަޅުރަށުގައި... " ރައާބިލް ބުނެލިއެވެ. "އެންމެ ރަނގަޅު." ނަމީރު ރައްދު ދިނެވެ. ރައާބިލް ނަމީރަށް ބަލައިލި އިރު އޭނާގެ ތުންފަތް މައްޗަށް ހިިނިތުންވުމެއް ވެރިވިއެވެ. ނަމީރު ރައާބިލްގެ ކޮނޑުގައި އަތް ޖައްސައިލަމުން ބޯ ޖަހައިލިއެވެ. އޭނަވެސް ރައްދުގައި ލުއި ހިނިތުންވުމެއް ރައާބިލްއަށް ހަދިޔާ ކޮށްލިއެވެ. ރައާބިލް ދިޔުމާއެކު، ނަމީރު ފުންނޭވާއެއް ލިޔެވެ. ރައާބިލް ޖުންދީގެ އެހީތެރިކަން ހޯދިއެއްކަމަކު، އެކަމުން ސަމްރާއަށް ފުރިހަމަ ރައްކާތެރިކަން ލިބޭނެކަމާ މެދު ނަމީރަށް ޝައްކެވެ. އޭނާ ގަނޑުވަރަށް ދާ ޚިޔާލެއް ނުކުރެއެވެ. ގަނޑުވަރަށް ގޮސްފިނަމަ، ބައްޕައާ ކުރިމަތިލާން ޖެހޭނެކެން އެނގޭތީއެވެ. ***** މުޅި ރޭ އިންޖާބު ހޭދަކުރީ ނުނިދައެވެ. ނަމީރު ގޭގައި ނޫޅޭތީ ނަމީރާ ސުވާލުކުރެވޭ ގޮތް ނުވުމުން އިންޖާބަށް ޝައްކުވިއެވެ. ނަމީރަށް އެހުރިހާކަމެއް އެނގިދާނެ ކަމާމެދުގައެވެ. ނަމީރު ގަނޑުވަރުން މިރޭ އެ ދިޔަ ދިޔުމާއި ރައާބިލްއާ ގުޅުމެއް ވެދާނެކަމަށް އޭނާ ޔަޤީންކުރިއެވެ. އެންމެފަހުން އޭނާ ނަމީރާ ރައާބިލް ހޯދުމަށް ސިފައިންވެސް ފޮނުވިއެވެ. ޖެހިގެން އައި ދުވަހުގެ ހެނދުނު ވަގުތެވެ. ބަތީލާއާއި ޝައިސްތާ އާއި ދެމީހުން ނުކުމެ ބޮޑުކޮޓަރީގައި ހުރި ސޯފާތަކުގައި އިށީނދެލިއެވެ. ރޭ ހަތަރު ދަމު އިންޖާބު ނުނިދާ އެކުރާ ކަމެއް ނޭނގޭތީ ބަތީލާ ވަނީ ހާސްވެފައެވެ. އަނެއްކޮޅުން ޝައިސްތާގެ ފަރާތުން ރޭ ހަތަރު ދަމު ނަމީރު ގަނޑުވަރަށް ނާންނަކަންވެސް ވަނީ އެނގިފައެވެ. "ކޮބާ ނަމީރު؟ އަދިވެސް ނާންނަނީތަ؟" އިންޖާބު މަޝްވަރާ ކޮޓަރިން ނުކުތުމަށްފަހު އެ ދެމީހުން ގާތުން ސުވާލުކޮށްލިއިރު އޭނާގެ ދެބުމަ ވަނީ ގޮށްޖެހިފައެވެ. އޭރު އޭނާގެ ފަހަތުގައި ހަތިޔާރު އެޅި ދެ ސިފައިން ތިއްބެވެ. "ނަމީރު.. ގަނޑުވަރުގެ ނެތް. ރޭއްސުރެ އޭނަ ނާދެ. " ބަތީލާ ސޯފާއިން ތެދުވެލަމުން ބުނެލިއެވެ. ޝައިސްތާވެސް އޭނާގެ އުނގުގައި އިން ނާވީ ސޯފާގައި ބައިންދާފައި ތެދުވެލިއެވެ. "ކިހިނެއްތޯ ވީ ބައްޕާ؟" ޝައިސްތާއަށް ސުވާލުކޮށްލެވުނެވެ. އިންޖާބުގެ މޫނުމަތީން ފެންނަމުން ދިޔަ ނުރުހުންތެރިކަމުން ނަމީރު އޭނާ ހިތްހަމަނުޖެހޭ ކަމެއް ކޮށްފިކަން ޝައިސްތާގެ އިތުރުން ބަތީލާއަށް ވެސް އެނގުނެވެ. "ކަލޭމެންވެސް ދޭ. އެ ދެމީހުން ހޯދަން އެހީތެރިވޭ. އަދި ގޮސް އެ ރައާބިލްއާ ނަމީރާ ދެމީހުން އަހަރެންގެ ކުރިމައްޗަށް ހަމަ މިހާރު ގެނޭ." އިންޖާބު އޭނާގެ ފަހަތުގައި ތިބި ދެމީހުންނަށް ބަލައިލާފައި އަމުރުކޮށްލިއެވެ. "އިންޖާބު. ކިހިނެއްވީ؟ ރުޅި މަޑުކޮށްފައި އަހަންނަށް ވެގެން އުޅޭ ގޮތެއް ކިޔައިދީބަލަ. ނަމީރު ކަމެއް ކުރީތަ؟" ބަތީލާ އިންޖާބާ ގާތަށް ޖެހިލިއެވެ. ވެގެން އުޅޭ ގޮތެއް ބުނެދޭށޭ ބުނާ ފަދައަކުން އޭނަ އިންޖާބަށް ބަލައިލިއިރު ވަނީ ކަންބޮޑުވެފައެވެ. އަނެއްކޮޅުން ޝައިސްތާވެސް ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. ނަމީރުކުރި ކަމެއް ނޭނގޭތީ އިންޖާބުގެ ޖަވާބަކަށް އޭނާ ވެސް ދިޔައީ އިންތިޒާރުކުރަމުންނެވެ. އިންޖާބު އެ ދެމީހުންނަށް ބަލައިލުމަށްފަހު، ވެގެން އުޅޭ ގޮތް ހާމަކޮށްލިއެވެ. އޭނާއަށް ލިބުނު ޚަބަރުގެ ވާހަކަ ހިއްސާކުރިއެވެ. "އޭނަ ވަރަށް ޔަޤީންކަމާއެކު އެބަ ބުނޭ ރައާބިލް އެކަން އެބަ ކުރެޔޭ. ރައާބިލްއަކީ ނަމީރުގެ އެންމެ ގާތް ރަޙްމަތްތެރިޔާ. ވީއިރު އެކަން އޭނާއަށް ނޭނގި ހުންނާނެތަ؟" އިންޖާބު ބުންޏެވެ. ޝައިސްތާއަށް ހިންދިރުވައިލެވުނެވެ. މިހާރަކަށް އައިސް ރައާބިލްއާ ބެހޭގޮތުން ވާހަކަ ދައްކާއިރު ނަމީރުގެ ފަރާތުން ފެންނަ ނުތަނަވަސްކަމުގެ އަސްލަކީ އެއީބާއޭ އޭނާގެ ހިތަށް އެރިއެވެ. އެހިނދު އޭނާގެ މެއަށް ފިނިވެލިއެވެ. "ޝައިސްތާއަށް މިއިން އެއްވެސް ކަމެއް އެނގޭތަ؟" ކުއްލިއަަކަށް އިންޖާބުގެ ސުވާލެއް އޭނާއަށް އަމާޒުވުމާއެކު، ޝައިސްތާއަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ. "ނޫން ބައްޕާ. ޔަޤީން ކުރޭ. އަޅުގަނޑަކަށް ތިޔައިން އެއްވެސް ކަމެއް ނޭނގެ." ޝައިސްތާ ބުނެލިއެވެ. އޭނާ އިންޖާބަށް ޔަޤީން ކަންދޭން ބޭނުންވިއެވެ. އިންޖާބު ބޯ ޖަހައިލި ނަމަވެސް އޭނާގެ މޫނުމަތީގެ ނުރުހުމުގެ އަސަރަކަށް ބަދަލެއް ނާދެއެވެ. އޭނާ އެތަނުން ދިޔުމުން ބަތީލާ ޝައިސްތާއަށް ބަލައިލާފައި ކޮނޑުގައި އަތް ޖައްސައިލާފައި، ދިޔައީ ކަންބޮޑުނުވުމަށް ނަޞޭޙަތްދީފައެވެ. އިންޖާބު ނުކުތީ ފެންޑާއަށެވެ. ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓާ ސިފައިންގެ މީހަކު އޭނާއާ ބައްދަލުކުރަން އަތުވެއްޖެއެވެ. އެމީހާ ބުނި ވާހަކައާއެކު، އިންޖާބުގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. އިވުނު ވާހަކައިން ބަތީލާއަށް ވެސް ލިބުނީ ޝޮކެކެވެ. "ހިނގާ… އަހަރެންވެސް ދާނަން." އިންޖާބު ރުޅިވެރިކަމާއެކު، ބުނެލާފައި ހިނގައިގަންނަން އުޅުނު ވަގުތު ބަތީލާ އޭނާގެ އަތުގައި ހިފައްޓައިފިއެވެ. "އިންޖާބު. ހެޔޮނުވާނެ. އަހަރެންގެ ދަރިފުޅަށް ކަމެއް ނުކުރާތި." ބަތީލާ ބުނެލިއެވެ. އިންޖާބު ބަތީލާއަށް ބަލައިލުމަށްފަހު، އެއްޗެއް ނުބުނެ ހިނގައިގަތީވެސް ރުޅިއައިސް ރަތްވެފައިވާ ޙާލުގައެވެ. އަނެއްކާވެސް ބަތީލާ ގޮސް އިންޖާބުގެ ކުރިމައްޗަށް އަރާ އޭނާ ހުއްޓުވަން މަސައްކަތްކުރިއެވެ. "އިންޖާބު. ކޮންމެވެސް އެއްޗެއް ބުނެފައި ދޭބަލަ." ބަތީލާގެ ދެލޮލުން ކަރުނައިގެ އަސަރު ފެނިލިއެވެ. އިންޖާބުގެ ހިތަށް އެ ކަރުނަތަކުން ކޮންމެވެސް ކަހަލަ އަސަރެއް ކުރިކަން އެނގުނީ އޭނާގެ ނިތުގައިވި ރޫތަކަށް ދޫކަމެއް އައުމުންނެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި އަނެއްކާވެސް ރުޅިވެރިކަމާއެކު، އޭނާ ދެބުމަ ގޮށް ޖަހައިލިއެވެ. އެއްޗެއް ނުބުނެ ބަތީލާއަށް ބަލަން ހުރުމަށްފަހު، އިންޖާބު އަނެއްކާވެސް ދާންވެގެން ހިނގައިގަތެވެ. އިންޖާބު ދިޔަ ދިމާލަށް ބަލަން ހުރި ބަތީލާއަށް މެއާ ދިމާލުގައި އަތް އަޅައިލެވުނެވެ. އައިސްފައިހުރި ރުޅީގައި އިންޖާބު ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެއެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ