ނަޝީދުގެ ޚިޔާލެއް: އައްޑޫގައި ވަޒީފާ އަދާކުރަން، ބޭރު މީހުންނަށް ރަށްވެހިކަން ދޭންވީ

ބައިބައިވެގެން އައްޑޫ ސިޓީއަށް މޮޅެއް ނެތް ކަމަށާއި ބޭނުންވަނީ އެ ސިޓީގައި ދިރިއުޅޭ މީހުންގެ އާބާދީ އިތުރުކުރެވޭނެ ގޮތެއް ކަމަށް ވިދާޅުވެ، ބިދޭސީންނަށް ރަށްވެހިކަން ދޭން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ޚިޔާލު ދެއްވައިފިއެވެ. ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު އައްޑޫ ސިޓީގެ ކައުންސިލް އޮންނާނެ ގޮތަކާ މެދު އެ ސިޓީގެ ރައްޔިތުންގެ މެދުގައި ވޯޓެއް ނެގުމުގެ ވިސްނުމެއް ގެންގުޅުއްވާކަން، ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ މަހުގެ 17 ގައެވެ. އެ ވޯޓު އޮންނާނީ މި މަހުގެ 25 ގައިކަން އިލެކްޝަންސް ކޮމިޝަން (އީސީ)ން އިއުލާނުކުރީ މި މަހުގެ އަށްވަނަ ދުވަހެވެ. އެގޮތުން ފޭދުއާއި ހުޅުދުއާއި މީދޫގެ ރައްޔިތުންގެ ޚިޔާލަށް އަހާނީ، އެ ތިން ރަށުގައި ވަކި ކައުންސިލެއް ހޮވުމަށް ފެންނަތޯއެވެ. އެ ކަމާ ގުޅިގެން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، އައްޑޫ ސިޓީ ބައިބައިކުރުމުން ވަކިވަކި ރަށްތަކަށް ލިބޭނެ އިތުރު ފައިދާއެއް ނެތް ކަމަށެވެ. އޭގެ ބަދަލުގައި އެ ސިޓީގެ ތަރައްގީއަށް ބޭނުންވަނީ އައްޑޫގައި ދިރިއުޅޭ މީހުންގެ އާބާދީ އިތުރުކުރެވޭނެ ގޮތެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. https://x.com/MohamedNasheed/status/1980176028421984667 އެގޮތުން، އެ މަނިކުފާނުގެ ޚިޔާލަކީ ގާނޫނުއަސާސީގައި ބުނާ ޝަރުތު ހަމަވާ، ފަންނީ އަދި ތައުލީމީ ބޭރު މީހުންނަށް ވަކި މުއްދަތަކަށް އައްޑޫ ސިޓީގައި ވަޒީފާ އަދާކުރަން ޝަރުތުކޮށް ދިވެހި ރައްޔިތުކަން ދިނުމެވެ. ނަޝީދު ވިދާޅުވީ، އިސްލާމީ އުންމަތުގައި މި ފަދަ ފުރުސަތުތަކުގެ ބޭނުން ހިފާނެ ޒުވާން އިންޖިނިއަރުންނާއި، ޑޮކްޓަރުންނާއި، ޓީޗަރުން އަދި އެ ނޫން ވެސް ފަންނީ މީހުން ބައިވަރު ތިބޭނެ ކަމަށެވެ. "އައްޑޫއަކީ 50،000 މީހުން ދިރިއުޅޭ ސިޓީއަކަށް ހެދިދާނެ،" އެ މަނިކުފާނުގެ ޕޯސްޓުގައިވެއެވެ. https://sun.mv/212860 ފާހަގަކޮށްލެވޭ ގޮތުގައި، އައްޑުއަށް ސިޓީއެއްގެ ދަރަޖަ ދިނީ ނަޝީދުގެ ވެރިކަމުގައެވެ. އައްޑޫގެ ރަށްތަކުގައި ވަކިން ކައުންސިލެއް އުފައްދަން ފެނޭތޯ ހޮނިހިރު ދުވަހު ވޯޓެއް ނަގާއިރު، އެ ވޯޓާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ބަހުސްކުރަމުންނެވެ. ބައިބައިވެގެން ލިބޭނެ ކުރިއެރުމެއް ނެތް ކަމަށް ބުނެ އެއް ބަޔަކު ސިޓީ ކައުންސިލްގެ ދަށުގައި އޮންނަން ތާއީދުކުރާއިރު އަނެއް ބަޔަކު ބޭނުންވަނީ ވަކި ކައުންސިލްތައް އުފައްދައިގެން ނަފާ ހޯދާށެވެ. އެކަމަކު، އިދިކޮޅު އެމްޑީޕީއާއި ބަައެއް ޖަމިއްޔާތަކުން ވަނީ އަވަސް އަރުވާލައިގެން ވޯޓު ނަގަން އުޅޭކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ