ބޮބީ އެމެޒޯން ޕްރައިމްގެ އާ ސީރީޒްއަކަށް ސޮއިކޮށްފި
މި ފަހަކަށް އައިސް ފިލްމީ ގިނަ ފުރުސަތުތަކެއް ލިބެމުން އަންނަ ބޮލީވުޑްގެ އެކްޓަރު ބޮބީ ޑިއޯލް އެމެޒޯން ޕްރައިމް ވީޑިއޯގެ މުޅިން އާ ވެބް ސީރީޒަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. ޕްރޮޑިއުސަރު ސިދާތު ރޯއި ކަޕޫރުގެ ރޯއި ފިލްމްސްއާއި އެމެޒޯން ޕްރައިމް ވީޑިއޯ ގުޅިގެން ގެނެސްދޭ މި ވެބް ސީރީޒްގެ ނަމަކީ "ތީން ކައުވޭ"އެވެ. ރިޕޯޓުތައް ބުނާގޮތުން މި ސީރީޒަކީ ވަރަށް ވަރުގަދަ ސްޕައި ތުރިލާއެކެވެ. "ތީން ކައުވޭ"އިން ބޮބީއާ އެކު ފެންނާނެ އިތުރު ތަރިންގެ ތެރޭ ފާތިމާ ސަނާ ޝައިހް، ސިދާންތު ގުޕްތާ އަދި ޗާންދުނީ ބައިންޒް ހިމެނެއެވެ. މި ސީރީޒްގެ ޕްރޮޑިއުސަރަކީ ސިދާތުކަން ކަށަވަރުވެފައިވީ ނަމަވެސް "ތީން ކައުވޭ"ގެ ޑައިރެކްޓަރަކީ ކާކުކަން ޔަގީންނުވާ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ. ބޮބީ ޑިއޯލް ވެބް ސީރީސް "ބޭޑްސް އޮފް ދަ ބޮލީވުޑް"ގެ ޓްރެއިލާ ލޯންޗުކުރި ހަފްލާގައި ޝާހްރުކް ޚާންއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ މި ވެބް ސީރީޒަކީ މިފަހުން ސިދާތު ޑިޖިޓަލް ޕްރޮޑަކްޝަން ކުންފުންޏަކާ އެކު މަސައްކަތްކުރާ އެންމެ ވަރުގަދަ އެއް ސީރީޒް ކަމަށް ރިޕޯޓުތައް ބުނެއެވެ. ފިލްމު "އެނިމަލް"ގައި ބޮބީ ކުޅުނު ރޯލަށް ލިބުނު ތަރުހީބާ އެކު އެކްޓަރަށް ފިލްމު އިންޑަސްޓްރީއިން ގިނަ ފުރުސަތުތަކެއް އަންނަނީ ލިބެމުންނެވެ. ބޮބީ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ ޝާހްރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާން ގެނެސްދިން ވެބް ސީރީޒް "ބޭޑްސް އޮފް ދަ ބޮލީވުޑް"އިންނެވެ. ބޮބީގެ ކުރިއަށް ހުރި ފިލްމުތަކުގެތެރޭ ތަމަޅަ ފިލްމު "ޖަނާ ނަޔަގަން" އަދި ޔަޝް ރާޖް ފިލްމްސްގެ ސްޕައި ޔުނިވާސްއިން ގެނެސްދޭ "އަލްފާ" ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ