ދުނިޔޭގެ އެންމެ ދިގު، އެންމެ ފުން ކަނޑުއަޑީގެ ޓަނަލް ނޯވޭގައި ހަދަނީ
ދުނިޔޭގެ އެންމެ ދިގު އަދި އެންމެ ފުން ކަނޑުއަޑީގެ ޓަނަލް ނޯވޭއިން ހަދާ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ. އެ ޓަނަލް ހެދުމުގެ މަގުސަދަކީ ބޮޑެތި ސިޓީތަކުގެ މެދުގައި ދަތުރުކުރާ ވަގުތު ކުޑަކޮށް، ފެރީ ބޭނުންކުރަން ނުޖެހޭ ގޮތް ހެދުމެވެ. ހަތާވީސް ކިލޯމީޓަރު (17 މޭލު) ދިގު މި ޓަނަލަށް ކިޔަނީ ރޮގްފާސްޓް 'ރޮގަލެންޑް ފާސްޓްފޯބިންޑެލްސް' ނުވަތަ ރޮގްފާސްޓެވެ. އެއީ، އެ ޓަނަލް ހުރި ސަރަހައްދުގެ ނަމާއި ނޯވޭ ބަހުން 'ފިކްސްޑް ލިންކް' އަށް ކިޔާ ނަން އެއްކޮށްލައިގެން ކިޔާފައިވާ ނަމެކެވެ. މި ޓަނަލް އޮންނާނީ ކަނޑުގެ ލޮނުގަނޑުން 392 މީޓަރު (1،286 ފޫޓު) އަޑީގައެވެ. ޖަނަވަރީ 2018 ގައި އިމާރާތްކުރުމުގެ މަސައްކަތް ފެށި ނަމަވެސް 2019 ވަނަ އަހަރުގެ ފަހުކޮޅު ވަނީ އޭރު ހުރި ކޮންޓްރެކްޓްތައް ބާތިލުކޮށް މަޝްރޫއު އަލުން ފެށުމުން ޚަރަދު ބޮޑުވާނެ ކަމަށް ލަފާކޮށް ހުއްޓާލާފައެވެ. އޭގެ ފަހުން 2021 ގެ ފަހުކޮޅު އަލުން މަސައްކަތް ފެށިއިރު، މިހާރު ޓަނަލް ނިންމުމަށް ހަމަޖެހިފައިވަނީ 2033 ގައެވެ. އެ ޓަނަލަކީ ގާތްގަނޑަކަށް 2.4 ބިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާ ޓަނަލެކެވެ. "މި ޓަނަލްގެ ސަބަބުން ނޯވޭގެ ހުޅަނގު އައްސޭރީފަށާ އޮންނަ ވަރަށް ބޮޑަށް ރަނގަޅުވާނެ، ސްޓާވަންޖާއާއި ހައުގޭސަންޑް ސަރަހައްދުތަކާއި ދެމެދު އަވަސް އަދި އިތުބާރު ހުރި ގުޅުމެއް އުފެދޭނެ،" ޓަނަލްގެ އުތުރު ބައި ބިނާކުރާ މަލްޓިނޭޝަނަލް ކޮންސްޓްރަކްޝަން ކުންފުނި ސްކަންސްކާގެ ޕްރޮޖެކްޓް މެނޭޖަރު އޭން ބްރިޓް މޮއެން ވިދާޅުވިއެވެ. މިހާރު އޮތް ފެރީ ގުޅުން ބަދަލުކުރުމުން ރޮގްފާސްޓުން ބާޖަންއާއި ސްޓާވަންޖާ ދެމެދު ދަތުރުކުރާ ވަގުތު ގާތްގަނޑަކަށް 40 މިނެޓް މަދުވެ، ދަތުރުފަތުރުކުރުމަށް ވަރަށް ފަސޭހަވާނެ ކަމަށް މޮއެން އިތުރަށް ވިދާޅުވިއެވެ. އާބާދީގެ ގޮތުން ބަލާއިރު ބާޖަންއާއި ސްޓާވަންޖާއަކީ ނޯވޭގެ ދެވަނަ އަދި ހަތަރުވަނައަށް އެންމެ ބޮޑު ސިޓީތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ