އިހުސާން މުއައްސަސާ ދިފާއެއް ނުކުރޭ، ފުލުހުންނަށް އިތުބާރު ހޯދައެއް ނުދޭނެ: ޔާމީން
ފުލުހުންގެ ނަޒާހާތްތެރިކަމާއި އެ ޚިދުމަތަށް އާންމުން ކުރާ އިތުބާރު އަނބުރާ ގެންނަން ޖެހޭ ކަމަށާއި، ނަމަވެސް މިހާރުގެ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެ މަސައްކަތް ނުކުރައްވާނެ ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ރޭ ވިދާޅުވެއްޖެއެވެ. އަމިއްލަ ޕާޓީ ޕީއެންއެފުން ބާއްވަމުންދާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، ފުލުހުން ދިފާއުކުރުމުގެ ހުރިހާ ޒިންމާއެއް އޮތީ އިހުސާނުގެ ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި ވެސް އިހުސާން ފުލުހުން ދިފާއުކުރައްވަންޖެހޭނެ ކަމަށެވެ. "އޭގެ ބަދަލުގަ އޭނަ ދެއްކިހާ ވެސް ވާހަކައަކީ ފުލުހުންގެ ތެރޭގައި ދެން ކަންކަން ނުކުރާ މީހުންނަކަށް ފަސޭހައެއްނުވާނެއޭ ކަމެއް ނުކޮށް ތިބޭކަށް، މިހާރު އިރޯޑުވެގެން ދާއިރު އޭނާ ވެސް ބޭނުންވަނީ ޝިޕް ސިންކްވެގެން ދާއިރު ހަމަ ސިންކްކޮށްލަން. އެކަމަކު މީނާ ދެއްތޯ މުއައްސަސާ ޑިފެންޑްކުރަން ހުންނަ މީހަކީ،" އިހުސާނަށް ފާޑުވިދާޅުވެ، ޔާމީން ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ، ފުލުހުން ނެތް ނަމަ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ ވެސް ނޯންނާނެ ކަމަށެވެ. ކުރީގެ ރައީސް ޔާމީން ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މޫސާ ނަދީމް ފުލުހުންގެ ނަޒާހާތްތެރިކަން ހިފަހައްޓަންޖެހޭކަމާއި ފުލުހުންނާ ނުލާ ދިވެހީންގެ ދާޚިލީ ކަންކަން ނުބެލެހެއްޓޭނެކަން ޔާމީން ފާހަގަކުރެއްވިއެވެ. ފުލުހުންގެ މުއައްސަސާގައި ގިނަ، ރަނގަޅު ފުލުހުން ތިބިކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. "އެކަމަކު އެ މީހުން އެބަޖެހޭ މަސައްކަތެއްކޮށްގެން އަނެއްކާ ކްރެޑިބިލިޓީ ރެސްޓޯކުރަން، އެކަމެއް މިހާރު މި ހުރަ މިނިސްޓަރު ނުކޮށްދޭނެ،" މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް އެއްވެސް ރަހުމެއް ނުވަތަ އިސްތިސްނާއެއް ނޯންނާނެކަމާއި، މަސްތުވާތަކެތީގެ ވިޔަފާރިތަކުގެ ފަހަތުގައި ތިބޭ ބޮޑުންނަށް ވަކިން ޚާއްސަކޮށް އަމާޒުކޮށް އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށް ލިޔުއްވައި އިހުސާން 'އެކްސް'ގައި ކުރެއްވި ޕޯސްޓަށް ވެސް ޔާމީން ވަނީ ރައްދުދެއްވައިފައެވެ. https://x.com/min_mohst/status/1996477370539401624 އެ މަނިކުފާނު ވިދާޅުވީ، މަސްތުވާތަކެތީގެ މުއާމަލާތްކުރާ ބޮޑުންނަށް އޮޕަރޭޝަންތައް އަމާޒުކުރާނެ ކަމަށް އިހުސާން ވިދާޅުވި ނަމަވެސް، މަސްތުވާތަކެތީގެ މުއާމަލާތްކުރާ "ކުޑަ މީހަކު"ވެސް ހަގީގަތުގައި ހައްޔަރުނުކުރެވޭ ކަމަށެވެ. ފާހަގަކުރެވޭ ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް މިދިޔަ މަހުގެ 13ގައި ފުލުހުން ވަނީ 'އަލިމަގު'ގެ ނަމުގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފައެވެ. އެ އޮޕަރޭޝަނުގެ ތެރެއިން އިއްޔެ ވަނީ އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކެއްގެ ބޮޑުންތަކެއް ހައްޔަރުކޮށްފައެވެ. https://sun.mv/214851 އެ ކަމާ ގުޅިގެން މިނިސްޓަރު އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އަލިމަގު އޮޕަރޭޝަނުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ވަކިން އަމާޒުކުރެވޭނެ ކަމަށް ލިޔުއްވައިފައެވެ. މިނިސްޓަރު ވަނީ އެ ވިޔަފާރިކުރާ މީހުން އެ ކަން ހުއްޓާލުމަށް ތަކުރާރުކޮށް، އިންޒާރުދެއްވައި، ނަސޭހަތްދެއްވައިފައެވެ. އެގޮތުން، ފުލުހުންގެ ތަހުގީގު އެމީހަކާ ހިސާބަށް ފޯރުމުން އެކަކަށް ވެސް އިތުރު ރަހުމެއް އިސްތިސްނާއެއް ނޯންނާނެ ކަމަށް ލިޔުއްވައި، އިހުސާން ވަނީ، ހަމައެކަނި އޮންނާނީ ހަރުކަށި ޤާނޫނީ ފިޔަވަޅުކަން ފާހަގަކުރައްވާފައެވެ. މިނިސްޓަރު އެފަދައިން ލިޔުއްވިއިރު، ރާއްޖެއަށް 500 ގްރާމަށްވުރެ އިތުރަށް މަސްތުވާތަކެތި އެތެރެކުރާނަމަ އަދަބަކީ މަރުގެ އަދަބުކަމަށް ކަނޑައަޅައި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ވަނީ އިއްޔެ ފާސްކޮށްފައެވެ. އެކަމަކު، މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ނުދޭން ނުވަ ޖަމިއްޔާއަކުން ވަނީ ގޮވާލާފައެވެ. އެ ކަމަށް އިޝާރާތްކުރައްވައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް މަރުގެ އަދަބު ދެވޭނެތޯ ޔާމީން ސުވާލު އުފެއްދެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ