އަޝްފާގުގެ މުދާ ވިއްކައިގެން ނަމަވެސް 10 އަހަރުވީ ދަރަނި ދައްކަން އެދެފި

ޔޫމެޓް ކޮންސްޓްރަކްޝަން ކުންފުންޏަށް، ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ދައްކަން ޖެހޭ 1.4 މިލިއަން ރުފިޔާގެ ތެރެއިން ނުދައްކައި އޮތް ފައިސާ، ދަގަނޑޭގެ މުދާ ވިއްކައިގެން ނަމަވެސް ހޯދައިދިނުމަށް އެ ކުންފިން ކޯޓުގައި އެދެފިއެވެ. މި މައްސަލައިގެ ހުކުމް އަޝްފާގާއި އޭނާ ކުރިން ކުޅުނު، މިހާރު އުވިފައިވާ ވީބީ ސްޕޯޓްސްގެ މައްޗަށް ކުރީ 2015 ވަނަ އަހަރެވެ. އެއީ، އަޝްފާގުގެ ބެލުމުގެ ދަށުގައި ހުރި އިމާރާތެއްގެ ދެ ފްލޯއެއް ހެދުމަށް އޭނާއާއި ވީބީ ސްޕޯޓްސް ކްލަބް ގުޅިގެން ޔޫމެޓް ކޮންސްޓްރަކްޝަނާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން ދައްކަންޖެހޭ 1.4 މިލިއަން ރުފިޔާ ނުދެއްކުމުން ޔޫމެޓުން ކުރި ދައުވާއާ ގުޅިގެންނެވެ. އެ މައްސަލާގައި އަޝްފާގާއި ވީބީގެ މައްޗަށް ވެސް ސިވިލް ކޯޓުން އަންގާފައި އޮތީ އެ ފައިސާ ހަ މަސް ތެރޭގައި ދެއްކުމަށެވެ. އެކަމަކު، މިހާތަނަށް އޭގެން ދައްކާފައި އޮތީ އެއް މިލިއަން ރުފިޔާ ކަމަށް ކޯޓުގެ ލިޔުންތަކުން އެނގެއެވެ. އެހެންވެ، 10 އަހަރުވީ ހުކުމުގައި ހިމެނޭ ފައިސާގެ ތެރެއިން މިހާތަނަށް ދައްކާފައިވާ ފައިސާ ދައްކާފައިވަނީ އަޝްފާގެވެ. އަދި، ބާކީ ނުދައްކައި އޮތް 415،225 ރުފިޔާގެ މައްސަލަ ތަންފީޒު މައްސަލައެއްގެ ގޮތުގައި ކޯޓުން މި ހަފުތާގައި ނިންމިއިރު، ޔޫމެޓުން ކޯޓުގައި އެދުނީ އަޝްފާގުގެ މުދާ ވިއްކައިގެން ނަމަވެސް އެ ފައިސާ ހޯދައިދިނުމަށެވެ. އެކަމަކު، އަޝްފާގަކީ އެ ފައިސާ ދެއްކޭނެ ފަދަ ގާބިލުކަން ހުރި މީހެއް ކަމަށް ބަލައި، ކޯޓުން އެންގީ ހަ މަސް ދުވަހުގެ ތެރޭގައި ބާކީ ހުރި ފައިސާ ދައްކައި ޚަލާސްކުރާށެވެ. ސިވިލް ކޯޓުގެ އިސްގާޒީ މަރިޔަމް ވަހީދުގެ މި ހުކުމުގައި ބުނެފައިވަނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ފައިސާ ދައްކައި ޚަލާސް ކުރާށެވެ. މި މައްސަލަ އަޝްފާގުގެ ފަރާތުން ކުރިން ހައިކޯޓަށް ވެސް ހުށަހެޅިއެވެ. އެކަމަކު، އެ މައްސަލަ ހައިކޯޓުން ވެސް އަޝްފާގަށް އޮތީ ކާމިޔާބުވާގޮތް ނުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ