ފިހާރައަކަށް ފޭކު ފައިސާ ސްލިޕެއް ފޮނުވި މީހަކު ތިން މަހަށް ޖަލަށްލާން ހުކުމްކޮށްފި ފިހާރައަކަށް ފޭކު ފައިސާ ސްލިޕެއް ފޮނުވި މީހަކު ތިން މަހަށް ޖަލަށްލާން ހުކުމްކޮށްފި

ފިހާރައަކުން ވިޔަފާރި ކުރުމަށްފަހު ފައިސާ ދެއްކި ކަމަށް ބުނެ ފޭކު ބޭންކް ސްލިޕެއް ފޮނުވި މީހަކު ތިން މަހާއި 25 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ ހދ. ކުޅުދުއްފުށީ، ޗާނދަނީގޭ، މުހައްމަދު ފާރިހުގެ މައްޗަށެވެ. ފާރިހުގެ މައްޗަށް ދައުލަތުން މި މައްސަލައިގައި ކޮށްފައިވަނީ މަކަރާއި ހީލަތް ހެދުމުގެ ދައުވާ އެވެ. މަކަރާއި ހީލަތުން, ފިހާރައިން ނެގި މުދަލުގެ އަގު 1299 ރުފިޔާއަށް އަރަ އެވެ.
މަކަރާއި ހީލަތް ހެދުމަށްފަހު, އޮޅުވާލައިގެން ފިހާރައިން ނެގި މުދަލުގެ ތެރޭގައި ހިމެނެނީ ތިން ފޮށި ސިނގިރޭޓާއި, ދެ އެކްސެލް ދަޅާއި, އެއް ކްރަމްޕީ ފުޅި އާއި އެއް ޕާނާއި ދެ ޕެކެޓް ކޮފީ އަދި ދެ ފުޅި ކޮފީ އެވެ.
އެ މައްސަލައިގައި ކޯޓުގައި ވާހަކަ ދައްކަމުން ފާރިހު ވަނީ ދައުލަތުން އޭނާގެ މައްޗަށް ކުރި ދައުވާއަށް އިއުތިރާފުވެފަ އެވެ.
ދައުލަތުގެ ފަރާތުން މި މައްސަލައިގައި ބުނެފައިވަނީ, މިކުށުގެ އަދަބުގެ އަސާސީ މިންގަނޑަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުން ކަމަށެވެ. އަދި އޭގެ އިތުރުން ކުށުގެ ރެކޯޑަށް ބަލައި އަދަބުގެ މިންވަރު އަސާސީ މިންގަނޑުން އެއް ދަރަޖަ މަތިކުރަންޖެހޭ ކަމަށް ބުންޏެވެ. އެކަމަކު ފާރިހު ކުށަށް އިއުތިރާފުވެފައިވާތީ, އަދަބުގެ މިންވަރު އަސާސީ މިންގަނޑުން އެއް ދަރަޖަ ދަށް ކުރުމަށް އެދޭ ކަމަށް ދައުލަތުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ