ޓްރެއިނިން ތެރެއިން ހަވާޓްޒަށް އަނިޔާގެ އާ މައްސަލަައެއް ޓްރެއިނިން ތެރެއިން ހަވާޓްޒަށް އަނިޔާގެ އާ މައްސަލަައެއް

ލަންޑަން (ޑިސެމްބަރު 19) - ކަކުލުގެ ސީރިއަސް އަނިޔާއަކުން ރިކަވާވެގެން ކުޅުމުގެ ތެރެއިން އެނބުރި އައުމަށް މަސައްކަތްކުރަމުން އަންނަ އާސެނަލްގެ ޖަރުމަނު ފޯވާޑް، ކައި ހަވާޓްޒް އަށް ޓީމުގެ ޓްރެއިނިން ތެރެއިން އަނިޔާގެ އާ މައްސަލައެއް ކުރިމަތިވެއްޖެ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަނުގައި އާސެނަލުން ކުޅުނު ފުރަތަމަ މެޗުގައި، މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ބަދަލަކަށް ކުޅެން އެރި ހަވާޓްޒް، 25، ގެ ކަކުލަށް ޓްރެއިނިން ތެރޭގައި ވަނީ އަނިޔާވެފަ އެވެ. އެހެންވެ، އޭނާ ވަނީ ކަކުލުގެ އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ.
ކުޅުމަށް އެނބުރި އައުމަށް ރިހެބިލިޓޭޝަނުގައި މަސައްކަތްކުރަމުން އައި ހަވާޓްޒް އަށް މި މަހުގެ ދެ ވަނަ ހަފްތާ ތެރޭގައި ކުޅުމަށް އެނބުރި އާދެވޭނެ ކަމަށް ބެލެވުނެވެ. އެކަމަކު، އާސެނަލްގެ ޓްރެއިނިން ތެރެއިން ހަވާޓްޒް އަށް އަނިޔާގެ އާ މައްސަލައެއް ދިމާވެ، މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހުނީ އެވެ.
ޖަރުމަނު ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ހަވާޓްޒް އަށް ކުޅުމަށް އެނބުރި އާދެވޭނެ ކަމަށް ބެލެވެނީ އަންނަ މަހުގެ މެދުތެރޭގަ އެވެ. އެ ގޮތުން، ޖެނުއަރީ 11 ވަަނަ ދުވަހު އެފްއޭ ކަޕްގައި، ޕޯޓްސްމައުތާ ދެކޮޅަށް އާސެނަލުން ކުޅޭ މެޗަށް ހަވާޓްޒް ފިޓްވާނެ ކަމަށް އެ ކްލަބާ ހަވާލާދީ އިނގިރޭސި ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ފައިގެ ފަަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން ހަވާޓްޒް، މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން މެއި މަހާ ހަމައަށް ހުރީ އަނިޔާގަ އެވެ.
މީގެ އެއް އަހަރު ކުރިން ޗެލްސީ ދޫކޮށް، 65 މިލިއަން ޕައުންޑް (73 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގައި އާސެނަލަށް ބަދަލުވި ހަވާޓްޒް މިދިޔަ ސީޒަނުގައި އަނިޔާވުމާ ހަމައަށް، ޖުމްލަކޮށް ބަލާއިރު، އާސެނަލްގެ ގިނަ މެޗުތަކެއްގައި ކުޅެފައިވެ އެވެ.
އާސެނަލަށް ބަދަލުވެ، މިހާތަނަށް ކުޅުނު 88 މެޗުން ހަވާޓްޒް ވަނީ 29 ގޯލު ޖަހައި، 13 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ