ސަޢުދީގެ ތަރައްގީއާއި ރީތިކަން ފެނި ކާޑީ ބީ ހައިރާންވެއްޖެ

އެމެރިކާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާޑީ ބީ ދާދި ފަހުން ސަޢުދީ ޢަރަބިއްޔާއަށް ކުރި ދަތުރުގައި, އެ ޤައުމުގެ ރީތިކަމާއި ސާފުތާހިރުކަން ފެނި ހައިރާންވެ ސަޢުދީގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ތަޢުރީފުކޮށްފިއެވެ. ސަޢުދީގެ ރިޔާދުގައި އޮތް މިއުޒިކް ފެސްޓިވަލެއްގައި ޕާފޯމް ކުރުމަށް ކާޑީ ބީ, އެ ޤައުމަށް ދަތުރުކޮށްފައިވަނީ މިދިޔަ ހަފުތާ ބަންދުގައެވެ. މި ދަތުރުގެ ބައެއް ވީޑިއޯތައް ކާޑީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާއިރު ސަޢުދީ ޢަރަބިއްޔާގެ ތަރައްޤީއާއި ރީތިކަން ފެނި އޭނާ ހައިރާންވި ކަމަށް ވަނީ ބުނެފައެވެ. އެ ޤައުމުގެ ސާފުތާހިރުކަން ސިފަކުރާނެ ގޮތެއް ވެސް ނޭނގޭ ކަމަށާއި ސަޢުދީއަށް ކުރި ދަތުރުގައި ބައްދަލުވި ކޮންމެ މީހެއްގެ މޫނުމަތިން ވެސް ފެނުނީ ހިނިތުންވުން ކަމަށް ކާޑީ ވަނީ ބުނެފައެވެ. ސަޢުދީ މީހުންނަކީ ބައްދަލުވާ ކޮންމެ މީހަކާ ވެސް ވަރަށް އިހުތިރާމާ ލޯތްބާ އެކު މުއާމަލާތުކުރާ ބައެއް ކަމަށާއި އެ ޤައުމުން އޭނާއަށް ފެނުނު ކަންކަމަކީ ކާޑީ ދިރިއުޅޭ އެމެރިކާއިން ވަރަށް މަދުން ފެންނަ މަންޒަރުތައް ކަމަށް ބުނެ، ސަޢުދީ މީހުންނަށް ލަވަކިޔުންތެރިޔާ ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. ކާޑީ ބީ ސަޢުދީގައި ބޭއްވި މިއުޒިކް ފެސްޓިވަލްގައި ޕާފޯމްކުރަނީ--ފޮޓޯ/ޓައިމްސްނައު މެދުއިރުމަތީގެ ވަރަށް ގިނަ ޤައުމުތަކަށް ކާޑީ ދަތުރުކޮށްފައިވީ ނަމަވެސް ސަޢުދީ ޢަރަބިއްޔާއިން އޭނާއަށް ކުރެވުނު ތަޖުރިބާތައް ވަރަށް އުފާވެރި ކަމަށާއި އެ ޤައުމުގައި ބޯހިޔާވަހިކަމެއް ނެތް އެކަކު ވެސް ނެތްކަން އެނގުމުން ހައިރާންވި ކަމަށް ކާޑީ ވަނީ ބުނެފައެވެ. ހަމައެއާއެކު ބަލާލި ކޮންމެ ދިމާލަކުން ވެސް ފެންނަ ޢިމާރާތްތައް ހީވަނީ މުޅިން އަލަށް ބިނާކޮށްފައިވާ ތަންތަން ކަމަށާއި ސާފުތާހިރު ކަމަކީ އެހާވެސް އެ ޤައުމުގެ މީހުން އަހައްމިއްޔަތުކަންދޭ ސިފައެއް ކަމަށް ގިނަ ބައެއްގެ މެދުގައި މަގުބޫލު ރެޕް ލަވަކިޔުންތެރިޔާ ވަނީ ބުނެފައެވެ. ސަޢުދީގައި އޭނާއަށް ސަޕޯޓުކުރާ އޭނާ ދަންނަ މީހުން އުޅޭނެ ކަމަށް ވެސް އުންމީދުނުކުރާ ކަމަށާއި ނަމަވެސް ކާޑީގެ ޝޯ ބަލަން އެ ޤައުމުގެ ގިނަ ބަޔަކު ދިއުމުން ހައިރާންވި ކަމަށް ސޯޝަލް މީޑިއާގައި ކާޑީ ވަނީ ބުނެފައެވެ. ސަޢުދީއަށް ކުރި ދަތުރުގައި ކާޑީ ވަނީ އެ ޤައުމުގެ ޤަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތައި ހެދުން އެޅުމުގައި ވެސް ސަޢުދީގެ ސަޤާފަތާ އެއްގޮތަށް ޢަމަލުކޮށްފައެވެ. ކާޑީގެ ލަވަތަކުގައި ބޭ އަދަބީ ބަސްތައް ވަރަށް ގިނައިން ބޭނުންކޮށް ނިވާކަން ކުޑަކޮށް ހެދުން އެޅި ނަމަވެސް ސަޢުދީގައި ޕާފޯމްކުރި ލަވަތަކުން އެ ބައި އުނިކޮށް ހެދުން އެޅުމުގައި ވެސް ކާޑީ ވަނީ ސައުދީގެ ސަޤާފަތަށް އިހުތިރާމުކޮށްފައެވެ. ސަޢުދީ ސަރުކާރުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ސައުންޑްސްޓޯމް ފެސްޓިވަލަކީ މެދު އިރުމަތީގެ ޤައުމުތަކުގައި ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ އެންމެ ބޮޑު މިއުޒިކް ފެސްޓިވަލެވެ. ކާޑީގެ އިތުރުން ވެސް ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ ގިނަ ފަންނާނުން ވަނީ މި އަހަރުގެ ފެސްޓިވަލުގައި ވެސް ޕާފޯމްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ