އެހެން ހުރިހާ ކަމަކަށް ވުރެ ނިދި މުހިންމު އެހެން ހުރިހާ ކަމަކަށް ވުރެ ނިދި މުހިންމު

ނިދަން އުނދަގޫވުން ނުވަތަ ނިދި ނައުން (އިންސޮމްނިއާ)، މިއީ ވެސް ސިއްހީ އެތައް މައްސަލަތަކެއް ކުރިމަތިކުރުވާ ކަމެކެވެ. އޭގެ އިތުރުން މިއީ މީހާގެ އުމުރު ކުރުވުމާ ވެސް ގުޅިފައިވާ ކަމެއް ކަމަށް ސައެންސްވެރިން ބުނެއެވެ. އިންސޮމްނިއާގެ މައްސަލަ ކުރިމަތިވުމުން ތިން ގޮތެއް މެދުވެރިވެދާނެއެވެ. ނިދިނައުން، ނިދަން އުނދަގޫވުން އަދި ނިދިފައި މާ އަވަހަށް ހޭލެވުމެވެ.
މިއިން ކޮންމެ ހާލަތެއް މެދުވެރިވިޔަސް، ހަށިގަނޑަށް ބޭނުންވާ މިންވަރަށް ނިންޖެއް ނުލިބޭނެއެވެ. މިހެންވުމުން، އެތެރެހަށީގެ އެތައް ގުނަވަނަކަށް ސިއްހީ އެތައް މައްސަލައެއް ކުރިމަތިވެއެވެ. މި މައްސަލަތަކުގެ އަސަރު ހަށިގަނޑުން ފާޅުވާން ފަށަނީ ދިގު މުއްދަތަކުންނެވެ.
ސައެންސްވެރިން ބުނާ ގޮތުގައި މީހާގެ އުމުރު ކުރުވުމާއި ދިގުވުމާ ގުޅިފައިވާ، ދިރިއުޅުމުގެ އެތައް އާދަތަކެއް ފާހަގަކުރެވެއެވެ. ކެއިންބުއިމުގެ ވައްޓަފާޅި އާއި ކެއިންބުއިމަށް ބޭނުންކުރާ ކާނާ، ޖިސްމާނީ ހަރަކާތްތެރިކަން، އަދި އިޖްތިމާއީ ލާމެހުން ވެސް އޭގެ ތެރޭގައި ހިމެނެއެވެ. އެ ހުރިހާ ކަމަކަށް ވުރެ މުހިންމު ދައުރެއް އަދާކުރަނީ، އެމީހެއްގެ ނިދުމުގެ ވައްޓަފާޅި ހުންނަ ގޮތެކެވެ.
ދިރާސާކުރާ ސައެންސްވެރިން ފާހަގަކުރާ ގޮތުގައި، މުޅި ދުނިޔޭގެ އާބާދީއަށް ބަލާއިރު ގާތްގަނޑަކަށް 16 އިންސައްތަ މީހުންނަކީ، ރަނގަޅަށް ނުނިދުމުގެ މައްސަލަ ތަހައްމަލުކުރާ މީހުންނެވެ. އެމެރިކާގެ ނޭޝަނަލް ސްލީޕް ފައުންޑޭޝަނުން ކުރި ސާވޭއަކަށް ފަހު އެ ފައުންޑޭޝަނުން ބުނެފައިވަނީ އެ ގައުމުގެ ކޮންމެ 10 މީހަކުން ހަ މީހަކީ އެކަށީގެންވާ މިންވަރަށް ނިދި ނުލިބޭ މީހުން ކަމަށެވެ.
މީގެ ކުރިން ކޮށްފައިވާ ބައެއް ދިރާސާތަކުގައި ވަނީ، ހަމައަށް ނިދި ނުލިބުމުގެ ސަބަބުން މީހާގެ އުމުރު ކުރުވުމަށް މަގުފަހިކުރުވާ ބައެއް ކަންތައް ދެނެގަނެފައެވެ. ހަމައަށް ނުނިދުމުން، ހިތާއި ލޭހޮޅިތަކުގެ ނިޒާމުގައި މައްސަލަ ޖެހުމާއި، ޓައިޕް2 ގެ ހަކުރިބަލި، ފަލަވުން، އިންތިހާއަށް ދެރަވުން (ޑިޕްރެޝަން)، ހާސްވެ ކަންބޮޑުވުން (އެންޒައިޓީ)، ހަޖަމުކުރާ ނިޒާމުގެ މައްސަލަތައް އަދި ހަނދާނާއި ވިސްނުމާއި ކަންކަން ކުރުމުގެ ގާބިލްކަމަށް އަސަރުކުރުވާ ބަލިތައް (ޑިމެންޝިއާ) ހިމެނެއެވެ.
އެހެން ނަމަވެސް، މިފަދަ ހުރިހާ ކަމަކުން ހަށިގަނޑަށް ލިބޭ ގެއްލުމަށް ވުރެ ވެސް ބޮޑު ގެއްލުމެއް ހަށިގަނޑަށް ލިބެނީ ހަމައަށް ނުނިދުމުންނެވެ. ސަބަބަކީ އިންސާނާގެ ހަށިގަނޑުގައި ހިނގާ ހަޔަވީ (ބަޔޮލޮޖިކަލް) ކޮންމެ ހަރަކާތެއްގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ކަމަކީ ނިދުމެވެ. ނިންޖަކީ ޖީބުން އެއްވެސް ހޭދައެއް ނުކޮށް ލިބެން އޮތް މަންފާއަކަށް ވިޔަސް، އެންމެ ގިނަ މީހުން އިހުމާލުވަނީ މިކަމަށެވެ.
ސްލީޕް އެޑްވާންސަސް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ކޮންމެ ދުވަހަކު އާދަވެގެން ކުރަންޖެހޭ ކަންކަމުގައި އިސްކަންދޭ ތަރުތީބަށް ބަލާއިރު، ގިނަ މީހުންގެ ލިސްޓުގައި ނިދި އޮންނަނީ ވަރަށް ފަހަތުގައެވެ. އެންމެ މުހިންމު ކަމެއް ދީފައި އޮންނަނީ އެމީހެއްގެ ވަޒީފާއަށާއި މުނިފޫހިފިލުވުމާއި ހިތްހަމަޖެއްސުމަށެވެ. ގިނަ މީހުން ހަފުތާގެ ފަސް ދުވަހުގެ ނިދި ކުރުކޮށްލާފައި، އެބައި ފޫބައްދަން އުޅެނީ ހަފުތާ ބަންދުގެ ތެރޭގައެވެ.
ސައެންސްވެރިން މި ދިރާސާ ހަދާފައިވަނީ އެމެރިކާގެ ބިހޭވިއޯރަލް ރިސްކް ފެކްޓާ ސަވައިލެންސް ސިސްޓަމްގެ ތެރެއިން، ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން ސެންޓަރުތަކުން 2019 ވަނަ އަހަރާއި 2025 ވަނަ އަހަރާ ދެމެދު އެއްކޮށްފައިވާ، ނިދުމުގެ ވައްޓަފާޅިއާ ބެހޭ މައުލޫމާތުތައް ތަހުލީލުކޮށްގެންނެވެ. މި ދިރާސާގައި އެންމެ ފުރަތަމަ ބެލީ، އެމެރިކާގެ އޮރިގަން ސްޓޭޓްގައި، ހަމައަށް ނިދި ނުލިބުމުގެ ސަބަބުން ކުރިމަތިވާ ސިއްހީ މައްސަލަތަކެވެ.
މި ދިރާސާއިން ފާހަގަވި އެންމެ މުހިންމު ކަމަކީ، ރަނގަޅަށް ނުނިދުމާއި އެމީހެއްގެ އުމުރު ކުރުވުމާ ދެމެދު ވަރަށް ބޮޑު ގުޅުމެއް ވާކަމެވެ. އެހެންކަމުން، ސައެންސްވެރިން ބުނަނީ އެމީހަކު ދިރިއުޅެނީ ކޮންމެ ތަނެއްގައި ކަމަށް ވިޔަސް – ތަރައްގީވެފައިވާ ސަހަރުތަކުގައި ނުވަތަ ރަށްފުށު ސަރަހައްދުތަކުގައި ކަމަށް ވިޔަސް – ފުރިހަމައަށް ނުނިދާ ނަމަ، އެމީހެއްގެ އުމުރު ކުރުވުމަށް މަގުފަހިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ