ރަޝްމިކާ އާއި އަޔުޝްމާންގެ ފިލްމު 'ތާމާ' އެމެޒޯން ޕްރައިމް ވީޑިއޯގައި ސްޓްރީމްކުރަން ފަށައިފި

މިދިޔަ ނޮވެމްބަރު މަހުގެ 21ގައި ސިނަމާތަކަށް ގެނައި މެޑޮކް ފިލްމްސްގެ ކޮމެޑީ ޑްރާމާ "ތާމާ" އެމެޒޯން ޕްރައިމް ވީޑިއޯގައި ސްޓްރީމް ކުރަން ފަށައިފިއެވެ. އެމެޒޯން ޕްރައިމްއަށް ފިލްމު "ތާމާ" ދޫކޮށްލިކަން ޕްރައިމް އިންޑިއާގެ ރަސްމީ އިންސްޓަގްރާމްގައި ވެސް އިއުލާނުކޮށްފައިވާއިރު ފިލްމުގެ ބަތަލާ ރަޝްމިކާ މަންދަންނާ ވެސް ވަނީ އެކަން ކަށަވަރުކޮށްދީފައެވެ. ފިލްމުގެ ހާއްސަ ޕޯސްޓަރެއް އިންސްޓަގްރާމްގައި ހިއްސާކުރަމުން ރަޝްމިކާ ބުނީ ބަތަލާގެ ފިލްމު "ތާމާ" ބަލަން ސިނަމާތަކަށް ނުދެވުނު މީހުންނަށް އެމެޒޯން މެދުވެރިކޮށް މިހާރު އެ ފިލްމު ބަލައިލެވޭނެ ކަމަށެވެ. ބޮލީވުޑްގެ އެކްޓަރު އަޔުޝްމާން ކުރާނާ ވެމްޕަޔަރެއްގެ ރޯލް ކުޅެފައިވާ "ތާމާ" އަކީ ޕްރޮޑިއުސަރު ދިނޭޝް ވީޖަންގެ ހޮރޯ ކޮމެޑީ ޔުނިވާސްގެ އުފެއްދުމެކެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ އެ ސްޓޫޑިއޯއިން ގެނެސްދިން ކާމިޔާބު ފިލްމު "މުންޖިއާ"ގެ ޑައިރެކްޓަރު ސަރްޕޯތުދަރުއެވެ. ފިލްމު "ތާމާ"ގެ ޕޯސްޓަރެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ މިއީ އަޔުޝްމާން އާއި ސައުތު ސިނަމާގެ ބަތަލާ ރަޝްމިކާ އެކީގައި މަސައްކަތްކުރި ފުރަތަމަ ފިލްމެވެ. ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި "ތާމާ" ސިނަމާތަކުން ނެގިއިރު ފިލްމަށް ލިބުނު އާމްދަނީގެ އަދަދު 169.75 ކްރޯޑު ރުޕީސް (20.45 މިލިއަން އެމެރިކާ ޑޮލަރަ)ށް އަރައެވެ. މި ފިލްމުގެ މުހިއްމު ތަރިންގެތެރޭ ނަވާޒުއްދީން ސިއްދީގީ އަދި ޕަރޭޝް ރާވަލް ހިމެނޭއިރު މިއީ ބެލުންތެރިންގެ ތަރުހީބު ވަރަށް ބޮޑަށް ލިބުނު ފިލްމެކެވެ. އަދި ފިލްމަށް ލިބުނު ރިވިއުސްތައް ވެސް ރަނގަޅު ކަމުން މި ޖޯންރާގެ ފިލްމުތަކަށް ބެލުންތެރިންގެ ތަރުހީބު އޮތް މިންވަރު ވަރަށް ރަނގަޅަށް ދައްކުވައިދިން ކަމަށް ހޮރޯ ކޮމެޑީ ޔުނިވާސްއާ ހަވާލާދީ މީޑިއާތަކުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ