ހޭވަރިވާނީ ރާއްޖެއަށް ޓްރެވަލްބޭން އަޅަން ފެށުމުން؟

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދަކަށް ބިދޭސީން އުޅެއެވެ. ހުޅުމާލެއާއި މާލެއާއި ވިލިމާލެއާއި އަތޮޅުތަކުގައި ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ވިޔަފާރި ހިންގުމުގައި ވެސް ބިދޭސީން އުޅެއެވެ.
އިންޑިއާ، ބަންގްލަދޭޝް، ސްރީލަންކާ، ނޭޕާލް އަދި ޔޫރަޕުގެ ބައެއް ގައުމުތަކާއި ގަލްފްގެ ގައުމުތަކުގެ މީހުންވެސް ރާއްޖޭގައި އުޅެއެވެ. ޓޫރިސްޓުންގެ ގޮތުގައާއި އިންވެސްޓަރުންގެ ގޮތުގައާއި ޕްރޮފިޝަނަލް ހިދުމަތުގައާއި މަސައްކަތު މީހުންގެ ގޮތުގައެވެ. ދިވެހިންނާ ކައިވެނީގެ ގޮތުން ގުޅިގެން އުޅޭ ބިދޭސީންވެސް އެހާ ގިނައެވެ.
ބިދޭސީންނަށް އަމާޒުކޮށްގެން ވަކި ގަޑިއެއްގައި ނިކުމެ އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކޮށް ފިޔަވަޅު އަޅަން ނިންމުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެކެވެ. ގާނޫނު އަސާސީއާއިވެސް ހިލާފު ކަމެކެވެ.
މީހަކު ނިސްބަތްވާ ގައުމަކުން ނަސްލަކުން ކުލައަކުން ޖިންސަކުން ތަފާތު ކުރުމަކީ ސަރުކާރަކުން ކުރާނެ އެންމެ ލާއިންސާނީ ކުށެވެ. ނަސްލީ ތަފާތުކުރުމަކީ ބައިނަލްއަގުވާމީ ކުށެކުވެ. 
އާއްމު އުސޫލާ ހިލާފަށް ވަކި ގަޑިއެއްގައި މަގުމަތިގައި އުޅޭމީހުން ހުއްޓުވާ ސުވާލު ކުރަނީ ކާފީ ހިންގާފައި އޮންނަ ހާލަތުގައެވެ. ކާފީގެ ހާލަތުގައިވެސް ހުއްޓުވާ ސުވާލު ކުރުމަކަށް ވަކިބަޔަކު ތަފާތެއް ނުކުރެއެވެ.
ދިވެހިރާއްޖެ ފަދަ ޓޫރިސްޓު ޑެސްޓިނޭޝަނެއްގައި ބިދޭސީންނަށް އަމަޒުކޮށް މީހުން ހުއްޓުވާ ސުވާލުކުރުމަށް ނިންމުމަކީ އަމްދުން އެހާ ދުޅަހެޔޮ ނިންމުމެއް ނޫނެވެ. ކަމަކީ ދިވެހިރާއްޖޭގައި ގާއިމުވެފައިވާ ގަވާއިދުތަކާއި ސޮއިކޮށްފައިވާ އައިއެލްއޯގެ އުސޫލުތަކާއިވެސް ފުށު އަރާނެ ކަމެކެވެ.
ދިވެހި ގިނަ ވިޔަފާރިތަކާއި މަސައްކަތްތަކުގައި ގިނަ ވަގުތު ތަކެއް ވަންދެން ބިދޭސީން މަސައްކަތް ކުރެއެވެ. ގެސްޓުންވެސް ހަރަކާތްތެރިވެ އުޅެއެވެ. މި ދެބައި ވަކިކުރާއިރުވެސް ބައެއްކަހަލަ ފުށު އެރުން ދިމާވާނެއެވެ. ކަމަކީ ވަރަށް ދޯހަޅި ނިންމުމެކެވެ.
ހާއްސަކޮށް އެންމެ ވަރުގަދަ ޓޫރިސްޓު ސީޒަނާއި ދިމާކޮށް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. ހޭވަރި ވާނީ ގައުމުތަކުން ރާއްޖެއާއި ދެކޮޅަށް ޓްރެވަލް އެޑްވައިޒަރީތައް ނެރެ ބޭން އަޅަން ފެށުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ