ގުރުދާ (ކިޑްނީ) އަށް ޖެހޭ ތަފާތު ބަލިތަކުގެ ތެރެއިން އެންމެ ނުރައްކާތެރި ބާވަތަކީ ދުވަސްވީ ގުރުދާ ބަލި ނުވަތަ ކްރޮނިކް ކިޑްނީ ޑިސީސް (ސީކޭޑީ) އެވެ. ދުވަސްވީ ގުރުދާ ބަލީގެ ގޮތުގައި ބަލަނީ، ތިން މަސް ދުވަހަށް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ގުރުދާގެ މަސައްކަތްކުރުން ދަށްވުމުން، ނުވަތަ އެހާ މުއްދަތަށް ގުރުދާއަށް ގެއްލުމެއް ލިބިފައި ހުރުމުންނެވެ.
އިންސާނާގެ ހަށިގަނޑުގެ ގުނަވަންތަކުގެ ތެރެއިން، ރެޔެއް ދުވާލެއް ނެތި ސައުވީސް ގަޑިއިރު ހުއްޓުމެއް ނެތި މަސައްކަތް ކުރާ އެއް ގުނަވަނަކީ ގުރުދާއެވެ. ހިޔާލަށް ވެސް ނުގެނެވޭހައި ބުރަކޮށް ގުރުދާ މަސައްކަތް ކުރެއެވެ. އިންސާނާގެ އަމަލުތައް ހުންނަ ގޮތަކުން އެމަސައްކަތް އެތައް ގުނައަކަށް އިތުރުވެސްވެއެވެ. އެހެންކަމުން، އިންސާނާގެ ހަށިގަނޑު ދުޅަހެޔޮކަންމަތީގައި ދެމެހެއްޓުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރާ އެއް ގުނަވަނަކީ ގުރުދާއެވެ.
އަހަރެމެންގެ ހަށިގަނޑުގައި ގުރުދާ މަސައްކަތް ކުރަނީ ފުރޭންޏެއްގެ ގޮތުގައެވެ. މައިގަނޑު މަސައްކަތަކީ، ހަށިގަނޑުގައި ހުންނަ ކުންޏާއި ވިހަތައް ލޭގެ ތެރެއިން ފުރާނައި ލޭ ސާފުކުރުމެވެ. އަދި ލޭގެ ތެރެއިން ފުރާނައިގެން ނަގާ ކުންޏާއި ވިހަތައް، ނަޖިސް ބޭރުކުރާ ނިޒާމުގެ ތެރެއަށް ފޮނުވައިދިނުމެވެ. އަހަރެމެންގެ ހަށިގަނޑުގެ ދުޅަހެޔޮކަން ދަމަހައްޓައިދެނީ މި މަސައްކަތުންނެވެ.
މާނައަކީ، އަހަރެމެންގެ ހަށިގަނޑަށް ކޮންމެހެން ބޭނުންނުވާ އެއްޗެހި ކައިބޮއެ ހަދާ ނަމަ، އެތަކެތީގެ ނުރައްކަލުން ހަށިގަނޑު ސަލާމަތް ކޮށްދިނުމަށްޓަކައި ގުރުދާއިން ކުރަންޖެހޭ މަސައްކަތް އިތުރުވެއެވެ. ހަކުރު ގިނައިން ހުންނަ ލުއި ބުއިންތަކާއި ސަރުބިއާއި ތެޔޮ އެކުލެވޭ ކާނާތައް ކާ ވަރަކަށް، ލޭގެ ތެރެއިން އެތަކެތި ފުރާނައި ބޭރުކުރުމަށްޓަކައި ގުރުދާގެ މަސައްކަތް އިތުރުކުރަންޖެހެއެވެ.
ނަމަވެސް ވަކި ވަރަކަށް މަސައްކަތް ބުރަވެ، އޮބިނޯންނަ ވަރުވީމާ ގުރުދާއަށް ވެސް ގެއްލުންތަކެއް ލިބެއެވެ. އެ ގެއްލުންތައް ދިގު މުއްދަތަކަށް ދެމިގެންދާ ގޮތް މެދުވެރިވުމުން އެހެރީ ދުވަސްވީ ގުރުދާ ބަލި ނުވަތަ ކްރޮނިކް ކިޑްނީ ޑިސީސް (ސީކޭޑީ) ޖެހިފައި ކަމަށް ޑޮކްޓަރުން ނިންމައެވެ. މިއީ މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު އެވްރެޖްކޮށް ކޮންމެ 10 މީހަކުން އެކަކަށް އާންމުކޮށް ކުރިމަތިވާ މައްސަލައެކެވެ. މި މައްސަލަ ހައްލު ނުކުރެވި ދިގު މުއްދަތަކަށް ދެމިގެންދާ ނަމަ، ހިތާއި ލޭ ދައުރުކުރުމުގެ ނިޒާމަށް މައްސަލަ ޖެހި އުމުރު ކުރުވާ ގޮތްވެއެވެ.
ދުވަސްވީ ގުރުދާ ބަލި ޖެހޭ ހާލަތުގައި ގުރުދާގެ މަސައްކަތް ދަށްކޮށްލަނީ ފައިބްރޯސިސް ކިޔާ ހަރަކާތެއްގެ ސަބަބުންނެވެ. މި ހާލަތު މެދުވެރިވަނީ، ހަލާކުވެފައި ހުންނަ ޓިޝޫތައް މަރާމާތުކުރުމަށް ހަށިގަނޑު މަސައްކަތް ފެށުމުން، އެޓިޝޫތައް ފަސޭހަވުމުގެ ބަދަލުގައި ސްކާރ ޓިޝޫ (ފައިބްރަސް ޓިޝޫ) އުފެދެން ފެށުމުންނެވެ. އިތުރު ސްކާރ ޓިޝޫތައް އުފެދުމުން ގުރުދާގެ މަސައްކަތް އިތުރަށް ހީނަރުވެއެވެ.
އެޑިންބަރާ ޔުނިވަސިޓީގެ ސައެންސްވެރިންގެ ޓީމުން ބުނާ (މިހާރު Knowridge ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ރިޕޯޓްގައި ބުނެފައިވާ) ގޮތުގައި ގުރުދާއަށް މިހާލަތު މެދުވެރިކުރުވަނީ އިންޑިއަން ހެޖްހޮގް (Indian Hedgehog) ކިޔާ ޕްރޮޓީނެކެވެ. ގުރުދާއަށް ގެއްލުމެއް ލިބުމުން ނުވަތަ ގުރުދާގެ އުމުރު ދޮށިވުމުން މި ބާވަތުގެ ޕްރޮޓީންތައް އިތުރުވެއެވެ. މި ޕްރޮޓީންތައް އިތުރުވުމުން، ފައިބްރޯސިސްގެ ހާލަތު މެދުވެރިވުމަށް މަގުފަހިވެއެވެ.
މި ދިރާސާއިން އެނގުނު ގޮތުގައި ދުވަސްވީ ގުރުދާ ބައްޔާއި ހިތުގެ މައްސަލަތައް ހުންނަ މީހުންގެ ހަށިގަނޑުގައި ވެސް މި ޕްރޮޓީން ހުންނަނީ، އެވްރެޖްކޮށް ހުންނަންޖެހޭ މިންވަރަށް ވުރެ މާ މަތީގައެވެ. އެހެންކަމުން، ޑޮކްޓަރުން ލަފާކުރަނީ، ދުވަސްވީ ގުރުދާ ބައްޔާއި ހިތުގެ ބަލިތައް ޖައްސާ މައިގަނޑު މެދުވެރިއަކީ އިންޑިއަން ހެޖްހޮގް ކިޔާ ޕްރޮޓީން ކަމަށެވެ.
ނަމަވެސް، މީދަލުގެ ހަށިގަނޑުގައި ސައެންސްވެރިން ކުރި އަޖުމަބެލުމުގެ ތަހުލީލުތަކުން ވަނީ އެދެވޭ ނަތީޖާއެއް ފެނިފައެވެ. މީދަލުގައި ހުންނަ ހެޖްހޮގް ޕްރޮޓީންގެ މަސައްކަތަށް ހުރަސްއެޅުމުން، އެސޮރުމެންގެ ގުރުދާގައި ލަކުނުލުން ނުވަތަ ސްކާރ ޓިޝޫ އުފެދުން ހުއްޓެއެވެ. ނަތީޖާއެއްގެ ގޮތުން، ގުރުދާގެ މަސައްކަތަށް އިތުރު ކުރިއެރުން ލިބެން ފަށައެވެ.
އެހެންކަމުން ދުވަސްވީ ގުރުދާ ބަލި ތަހައްމަލުކުރަމުންދާ މީހުންނަށް ފަރުވާ ކުރުމުގައި ވެސް، އިންޑިއަން ހެޖްހޮގް ޕްރޮޓީނަށް އަމާޒުކޮށްގެން ފަރުވާ ކުރުމުން، އެ މައްސަލަ ހައްލުކުރެވޭނެ ކަމަށް ސައެންސްވެރިން ގަބޫލުކުރެއެވެ. އެހެން ނަމަވެސް، މިއީ އަދި އެންމެ ޅަފަތުގެ ދިރާސާއަކަށްވާތީ، މިކަން ކަށަވަރުކޮށް ފަރުވާގެ އަމާޒު ބަދަލުކުރުމަށްޓަކައި އިތުރު ދިރާސާތައްކޮށް، ހަގީގަތް އިތުރަށް ކަށަވަރުކުރުން މުހިންމު ކަމަށް ސައެންސްވެރިން ދެކެއެވެ.
އެހެނީ ޖަނަވާރެއްގެ ހަށިގަނޑުގައި ކަމެއް އަޖުމަބެލުމުން ނުކުންނަ ނަތީޖާއަކީ، އިންސާނުންގެ ހަށިގަނޑަށް ބަރާބަރަށް ހިމުންވާނެ ނަތީޖާއަކަށް ނުވާތީ އާއި، އެ ޕްރޮޓީނަށް އަމާޒުކޮށްގެން ފަރުވާ ދޭނަމަ، ހިފަހައްޓަންޖެހޭ ސިއްހީ ރައްކާތެރިކަމުގެ މިންގަނޑު ވެސް ތަފާތުވާނެތީއެވެ. އެހެން ނަމަވެސް، މި ހޯދުނު އައު ހޯދުމަކީ، ދުވަސްވީ ގުރުދާ ބަލި ތަހައްމަލުކުރާ މީހުންނަށް ލިބުނު އުންމީދަކަށް ވާނެއެވެ.
ދުވަސްވީ ގުރުދާ ބަލި ޖައްސާ ސަބަބު ދެނެގަނެވިއްޖެ ދުވަސްވީ ގުރުދާ ބަލި ޖައްސާ ސަބަބު ދެނެގަނެވިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ