ކުޑޫގެ މި ވާހަކަ އަޑުއަހަން ޖެހޭ، ކަރޯކޭ ތަންތަނުގެ އުނދަގޫ ވަރަށް ބޮޑު

ކަރޯކޭގެ ހިދުމަތް ދޭ ތަންތަނުން އާއްމު ރައްޔިތުންނަށް އުނދަގޫވާކަމުގެ ޝަކުވާ ކެނޑިނޭޅި ލިބެމުންދާ ކަމަށާ އެ މައްސަލަ ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނައުމަށް ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާތީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ކަރޯކޭ ހިދުމަތްދޭ ބައެއް ތަންތަން ސައުންޑްޕްރޫފް ނުކޮށް އެ ހިދުމަތް ދެމުންދާތީ އާންމުންނަށް ވަރަށް ބޮޑަށް އުނދަގޫވެ ދަތިތައް ދިމާވެ އެތައް ޝަކުވާއެއް ލިބޭތީ މެންބަރު ކުޑޫ ވަނީ އެ މައްސަލަ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ ސަމާލު ކަމަށް ގެންނެވުމަށް ދެ ފަހަރެއްގެ މަތީން މަސައްކަތް ކުރައްވާފަ އެވެ. ދެ ސިޓީ މިހާތަނަށް ފޮނުއްވާފައިވެ އެވެ.
އެ ދެ ސިޓީގައި ކުޑަކުދީންނާއި ދުވަސްވީ މީހުންނަށް އެކަމުން ވަރަށް އުނދަގޫވެ ޝަކުވާ ލިބެމުންދާކަން ސަމާލު ކަމަށް ގެނެސްފައިވެ އެވެ. އަދި ވިޔަފާރި ހުއްދަ ދެނީ އިކޮނޮމިކް މިނިސްޓްރީން ކަމަށް ވުމުން އެ މައްސަލައަށް ހައްލެއް ހޯއްދަވައި ދެއްވުމަށް އެދިފައިވެ އެވެ.
ފުރަތަމަ ސިޓީ ފޮނުވީ އޮގަސްޓް 13 ވަނަ ދުވަހު އެވެ. އެ ސިޓީއަށް ޖަވާބެއް ނުލިބުމުން އަލުން ދެވަނަ ސިޓީއެއް ފޮނުވީ މި މަހުގެ 17 ވަނަ ދުވަހު އެވެ. މީގެ އިތުރުން މެންބަރު ކުޑޫ ވަނީ ކަރޯކޭގެ ހިދުމަތް ދޭ ތަނަކުން ވާ އުނދަގޫ ބަޔާންކޮށް އާންމުންގެ މީހަކު އަތުންލިޔެ ފޮނުވާފައިވާ ނޯޓެއްވެސް ހިއްސާކޮށްފަ އެވެ. އެ ނޯޓްގައި އެތަނުން މެންދަމު 4 ޖަހާއިރުވެސް ކަރޯކޭ ޖައްސާކަން ފާހަގަކޮށް އެކަމުން ވަރަށް އުނދަގޫވާ ކަމަށް ބުނެފަ އެވެ.
މިކަންކަމާއި ގުޅޭގޮތުން ސަރުކާރުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
މެންބަރު ކުޑޫ ފާހަގަކުރެވިފައި ވަނީ މިފަދަ އިޖްތިމާއީ މައްސަލަތައް ހައްލުކުރެއްވުމަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވާ މެންބަރެއްގެ ގޮތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ