އިލްޒާމްގެ ޓިކެޓަށް ނަން ނޯޓުކުރަން ހުޅުވާލައިފި
ދިވެހި ފިލްމު އިންޑަސްޓްރީގެ އެންމެ މަގުބޫލު އެއް އެކްޓަރު ކަމަށްވާ ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓުކުރާ އާ ފިލްމު "އިލްޒާމް"ގެ ޝޯތަކުގެ ޓިކެޓަށް ނަން ނޯޓުކުރަން ހުޅުވާލައިފިއެވެ. ޔޫއްޕެ ލިޔެ، ޑައިރެކްޓް ކުރުމުގެ އިތުރުން ލީޑް ރޯލުން ފެންނަ މި ފިލްމުގެ ފުރަތަމަ ޝޯތަކަށް ނަން ނޯޓުކުރުމަށް ހުޅުވާލާފައިވަނީ ދެ ދުވަހެއް ކުރީންނެވެ. ޓިކެޓަށް ނަން ނޯޓުކުރުމަށްޓަކައި ގުޅާނީ 7732010 އަށެވެ. މި ނަންބަރު މެދުވެރިކޮށް ވައިބަރުވެސް ކުރެވޭނެ ކަމަށް ޕްރޮޑަކްޝަނުން ހާމަކޮށްފައިވެއެވެ. އޭގެއިތުރުން މި ފިލްމު އަތޮޅުތަކުގައި ދައްކަން ޝައުގުވެރިވާ ފަރާތްތަކަށްވެސް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން ރަށްތަކުގައި ފިލްމު އެޅުވުމަށް ބޭނުންވާ ނަމަ ގުޅާނީ، 9105590 އަށެވެ. ފިލްމުގެ ނަން އާންމުކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. ފިލްމުގެ ނަން ހާމަކޮށް، އާންމުކުރި ޕޯސްޓަރުން ފެންނަނީ ޔޫއްޕެއެވެ. ނަމަވެސް، ޔޫއްޕެގެ އިތުރުން ކުޑަކުއްޖެއް ވެސް މި ފިލްމުގެ ޕޯސްޓަރުން ފެނެއެވެ. މިއީ ފިލްމުގެ މުހިއްމު ކެރެކްޓަރަކަށް ވާނެ ކަމަށް ޕޯސްޓަރުން އިޝާރާތް ކޮށްފައިވެއެވެ. މުހައްމަދު އަބްދުالله (މުހައްމާ)ގެ ދެކެދެކެ ވެސް ޕްރޮޑަކްޝަނާއި ޔޫއްޕެ ޕްރޮޑަކްޝަނުން ގުޅިގެން އުފައްދާ މި ފިލްމަކީ ދިވެހި ފިލްމު އިންޑަސްޓްރީގެ ފާހަގަކޮށްލެވޭ ގިނަ ތަރީން ފެންނާނެ ފިލްމެކެވެ. އެގޮތުން ފިލްމުގެ މުހިއްމު ރޯލުތަކުން އިންޑަސްޓްރީގެ ކުރީގެ ބޮޑެތި ތަރީންނާއި މިހާރުގެ ތަރީން ފެންނާނެއެވެ. އޭގެތެރޭގައި އަހުމަދު ނިމާލާއި މަރިޔަމް ޝަކީލާ ފަދަ ތަރީންނާއި މަރިޔަމް އައްޒަ އާއި ޝީލާ ނަޖީބު ފަދަ ތަރީން ހިމެނެއެވެ. މި ފިލްމު ޝޫޓް ކުރުމުގެ މަސައްކަތް ކޮށްފައިވަނީ އދ. ދަނގެތީގައެވެ. އަދި މި ފިލްމު ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 20 ވަނަ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ