ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ސެޕްޓެމްބަރު 3) - މިހާރު ކުރިއަށްދާ ޔޫއެސް އޯޕަންގެ ފިރިހެން ސިންގަލްސް ސެމީ ފައިނަލުގައި އެންމެ ގިނަ ގްރޭންޑް ސްލޭމް ކާމިޔާބު ކުރުމުގެ ރެކޯޑް އޮތް ސާބިއާގެ ނޮވަކް ޖޮކޮޗިޗް އާއި ސްޕެއިނުގެ ކާލޯސް އަލްކަރާޒް ބައްދަލުކުރަން ޖެހިއްޖެ އެވެ.
އަލްކަރާޒް ވަނީ ޖޮކޮވިޗް އަތުން ވިމްބަލްޑަން ޓެނިސް މުބާރާތުގެ ދެ ފައިނަލުގައި މޮޅުވެފަ އެވެ. އެކަމަކު، އެންމެ ފަހުން މި ދެ ކުޅުންތެރިން ކުރިމަތިލި ދެ މެޗުގައި ކުރިހޯދީ ޖޮކޮވިޗް އެވެ. އޭގެ ތެރޭގައި މިދިޔަ އަހަރުގެ ޕެރިސް އޮލިމްޕިކްސްގެ ފިރިހެން ސިންގަލްސް ފައިނަލް ހިމެނެ އެވެ.
އެއްކޮށް ފިޓްނޫން ނަމަވެސް އުމުރުން 38 އަހަރުގެ ޖޮކޮވިޗް އަންނަނީ ހިތްވަރުގަދަ ކުޅުމެއް ދައްކައި، 25 ވަނަ ގްރޭންޑް ސްލޭމް ހޯދޭތޯ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން، އެމެރިކާގެ ޓޭލާ ފްރިޓްޒް އަތުން ޔޫއެސް އޯޕަން ކުއާޓާ ފައިނަލުގައި ނަސީބުގެ ވެސް އެހީއާ އެކު، ޖޮކޮވިޗް މޮޅުވިއިރު، ސެޓުތައް ގެންދިޔައީ، 6-3، 7-5، 3-6، 6-4 އިންނެވެ.
ހަތަރު ފަހަރު ޔޫއެސް އޯޕަން ކާމިޔާބުކުރި ޖޮކޮވިޗް ވަނީ މި މެޗުގައި ފްރިޓްޒް ވެސް މޮޅު ކުޅުމެއް ދެއްކި ކަމަށް ބުނެފަ އެވެ. އެކަމަކު، މުހިންމު ވަގުތުތަކުގައި ނަސީބު ވެސް ރަނގަޅު ދުވަހެއް ކަމަށްވާތީވެ، އޭނާ މޮޅުވީ ކަމަށް ޖޮކޮވިޗް ވަނީ ބުނެފަ އެވެ.
އަލްކަރާޒް، 22، ވަނީ ކުއާޓާ ފައިނަލުގައި، ޗެކް ރިޕަބްލިކްގެ ޖިރީ ލެހެކާ އަތުން މޮޅުވެފަ އެެވެ. ވަރުގަދަ ކުޅުމެއް އަލްކަރާޒްގެ ފަރާތުން ފެނުނު މި މެޗުގައި، ސެޓުތައް ދިޔައީ، 6-4، 6-2، 6-4 އިންނެވެ.
ކެރިއަރުގައި ހަތަރު ވަނަ ފަހަރަށް ޔޫއެސް އޯޕަންގެ ސެމީ ފައިނަލަށް ދަތުރުކުރި އަލްކަރާޒް ވަނީ 2022 ވަނަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މި ފަހަރުގެ ޓެނިސް ސީޒަނުގައި 59 މެޗުން މޮޅުވެފައިވާ އަލްކަރާޒް ހުރީ ސެމީ ފައިނަލަށް ނުކުންނައިރު ރަނގަޅު ފޯމެއްގަ އެވެ.
އަލްކަރާޒް އާއި ޖޮކޮވިޗް ކުޅޭ ސެމީ ފައިނަލް އޮތީ ހޮނިހިރު ދުވަހު އެވެ.
ޔޫއެސް އޯޕަންގެ ސެމީ ފައިނަލުގައި ޖޮކޮވިޗާއި އަލްކަރާޒްގެ ކުރިމަތިލުމެއް ޔޫއެސް އޯޕަންގެ ސެމީ ފައިނަލުގައި ޖޮކޮވިޗާއި އަލްކަރާޒްގެ ކުރިމަތިލުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ