ފުލުހުންގެ ވަޒީފާއިން މީގެ 12 އަހަރުކުރިން ވަކިކުރި ޝިޔާމަށް އަލުން ވަޒީފާ ދީފި

މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތުކޮށް މީގެ 12 އަހަރުކުރިން ވަޒީފާއިން ވަކިކުރި އިންސްޕެކްޓާ އޮފް ޕޮލިސް، އަހުމަދު ޝިޔާމަށް އަލުން ފުލުހުންގެ ވަޒީފާ ދީފި އެވެ.
ޝިޔާމަށް އަލުން ވަޒީފާ ދިނީ ހައި ކޯޓުން އެގޮތަށް ހުކުމް ކުރުމުންނެވެ. ފުލުހުންގެ ވަޒީފާއިން ޝިޔާމް ވަކިކުރި މައްސަލައިގައި މީގެ ކުރިން ސިވިލް ކޯޓުން ހުކުމްކުރީ، އޭނާއަށް އަލުން ވަޒީފާ ދޭން އަމުރު ނުކުރެވޭނެ ކަމަށެވެ.
ހައި ކޯޓުން ކުރި ހުކުމުގައި އަމުރުކޮށްފައި ވަނީ ޝިޔާމަށް އަލުން ވަޒީފާ ދިނުމަށާއި އޭނާ ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަލުން ދިނުމާ ދެމެދު ހޭދަވި މުއްދަތަށް އިނާޔަތްތަކާއެކު މުސާރަ ދިނުމަށެވެ. ނަމަވެސް، މުސާރަ އާއި އިނާޔަތްތައް ދިނުމުގެ ބައި ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.
ފުލުހުންގެ ވަޒީފާއަށް އަލުން ނުކުތުމަށްފަހު ސޯޝަލްމީޑިއާގައި ޝިޔާމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުންގެ ޔުނީފޯމަކީ އޭނާގެ ދިރިއުޅުމުގެ ހުރިހާ އެއްޗަކަށްވުރެ ވެސް އޭނާއަށް އަގުހުރި އެއްޗެއް ކަމަށެވެ.
"އަހަރެންގެ އަތުން ފަރުމާކުރި މި ޔުނީފޯމުގައި ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ފުރުސަތު އެތައް ޒަމާނަކަށްފަހު ލިބިއްޖެ، މި ވަޒީފާ އާއި މި ޔުނީފޯމަކީ އަހަރެންގެ ދިރިއުޅުމުގައިވާ ހުރިހާ އެއްޗަކަށްވުރެ ވެސް އަހަންނަށް އަގުހުރި އެއްޗެއް،" ޝިޔާމް ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
ފުލުހުންގެ ވަޒީފާއިން އޭނާ ވަކިކުރިއިރު، ހުންނެވީ ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރެއްގެ މަގާމުގަ އެވެ. އޭނާއަކީ ފުލުހުންގެ މީޑިއާ ހިންގުމާ ގިނަ ދުވަސްތަކެއް ވަންދެން ހަވާލުވެ ހުންނެވި ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ