ވިލިމާލެ ލޯކަލް މާރުކޭޓު ގޮޅިތަކުގެ މުއްދަތު އިތުރުކޮށް އަލުން އިއުލާނު ކުރަނީ

ވިލިމާލެ ލޯކަލް މާރުކޭޓުގެ ގޮޅިތަކުގެ މުއްދަތު އިތުރުކޮށް އަލުން އިއުލާނުކުރަން މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.
ވިލިމާލޭ ލޯކަލް މާރުކޭޓު ގޮޅިތަކުގެ މުއްދަތު ހަމަވީ މިދިޔަ އޭޕްރިލް 31, އަށެވެ. އެ މުއްދަތު ހަމަވުމުގެ ކުރިން އެކަމަށް ގޮތެއް ނިންމުމަށް ކުރީގެ ކައުންސިލް އޮތްއިރު އެތައް ފަހަރަކު އެޖެންޑާ ކުރި އެވެ. އެހެންނަމަވެސް، ޕީއެންސީގެ މެޖޯރިޓީ އޮތް އެ ކައުންސިލުން ޖަލްސާތައް ބޮއިކޮޓު ކުރުމުން އެ މަސައްކަތް އޮތީ ހުއްޓިފަ އެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ފާސްކުރީ ވިލިމާލެ ލޯކަލް މާރުކޭޓުގެ މުއްދަތު އިތުރުކުރުމަށްފަހު، އަލުން އެ ގޮޅިތަކަށް އިއުލާނު ކުރުމަށެވެ. އެގޮތަށް އިއުލާނު ކުރާއިރު، މިހާރު އެ ގޮޅިތައް ހިންގާ މީހުންގެ ތެރެއިން ގަވާއިދުން ކުލި ދައްކަމުންދާ މީހުންނަށް ގިނަ ޕޮއިންޓު ލިބޭ އުސޫލެއް އެކުލަވައިލުމަށް ވެސް ކައުންސިލުން ނިންމި އެވެ.
މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ވިލިމާލޭގެ ކައުންސިލަރު، އިބްރާހިމް ސަމާހު ވިދާޅުވީ އެ ގޮޅިތަކަކީ އާންމުންނަށް ހިދުމަތް ހޯދަން އެކަށޭނެ ގޮތަކަށް ހެދިފައިވާ ތަންތަން ކަމަށްވުމަކީ މުހިންމު ކަމެއް ކަމަށެވެ.
އެހެންކަމުން، އަލުން އެ ގޮޅިތަކަށް އިއުލާނުކުރާއިރު، އެ ތަންތަން މަރާމާތުކޮށް ސާފުތާހިރުކަން ދެމެހެއްޓޭނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަށް އޭނާ ހިޔާލު ހުށަހެޅުއްވި އެވެ.
ވިލިމާލެ ލޯކަލް މާރުކޭޓުގެ ގޮޅިތަކަށް އަލުން އިއުލާނުކުރަން މާލެ ސިޓީ ކައުންސިލުން މިއަދު ފާސްކުރީ އެކަން ވެސް ހިމަނައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ