ޝަމްއާންގެ ތުހުމަތުތައް ދޮގުކުރައްވައި ކަން ހިނގި ގޮތް ހާމަކުރަން އިހުސާން ފުލުހުންނަށް އަންގަވައިފި

މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ބިދޭސީއެއްގެ އަތުން ފައިސާ ނެގި ކަމުގެ ކުށް ސާބިތުކޮށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު، ޝަމްއާން ވަހީދު ކުރެއްވީ ދޮގު ތުހުމަތުތަކެއް ކަމަށާއި އެކަމުގައި ކަން ހިނގައިދިޔަ ގޮތް ހާމަކުރަން ފުލުހުންގެ މުއައްސަސާއަށް އަންގަވާފައިވާނެ ކަމަށް ހޯމް މިނިސްޓަރު، އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އެކްސްގައި އިހުސާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ މައްޗަށް ޝަމްއާން ކުރެއްވީ އެއްވެސް ވަރަކަށް ސާބިތު ނުހިފޭ ދޮގު ތުހުމަތުތަކެއް ކަމަށެވެ. އަދި އެ ތުހުމަތުތަކަކީ ދޮގުކަން މީގެ ކުރިން ވެސް މީޑިއާގައި ހާމަކުރައްވާފައިވާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.
"ޝަމްއާން ފްރޭމް ކޮށްފައިވާ ކަމަށް ބުނާ ވާހަކައަކީ ވެސް އެއްވެސް އިރެއްގައި ހަގީގަތެއް އޮތް ވާހަކައެއް ނޫންކަން މި މައްސަލައިގައި ފުލުހުން ހޯދާފައިވާ ހެކިތަކުން ސާފު،" އިހުސާން ވިދާޅުވި އެވެ.
"މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ތަފުސީލުކޮށް ރައްޔިތުންނަށް ސާފުކޮށްދިނުމަށް އަޅުގަނޑު ވާނީ ފުލުހުންގެ މުއައްސަސާގައި އެދިފައި."
ޝަމްއާންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 25 އަހަރުގެ ޖަލު ހުކުމަކީ ފޭރުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑަރިން ކުށުގެ ދައުވާ ސާބިތުވުމުން ދިން އަދަބެވެ.
ފޭރުމުގެ ދައުވާގައި އޭނާއަށް އިއްވީ އަށް އަހަރުގެ ޖަލު ހުކުމެކެވެ. ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށަށް ޝަމްއާންގެ މައްޗަށް އިއްވީ ދެ އަހަރު ދުވަހުގެ ހުކުމެކެވެ. މަނީ ލޯންޑާ ކުރުމުގެ ކުށަށް އޭނާގެ މައްޗަށް އިއްވީ 15 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. 
އޭގެ އިތުރުން އޭނާ ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، ފޭރުނު ކަމަށް ބުނާ ފަސް ލައްކަ ރުފިޔާ ތިން މަސް ދުވަހުގެ ތެރޭގައި އަނބުރާ އެމީހާއާ ހަވާލު ކުރަން ވެސް ކޯޓުން ހުކުމް ކުރި އެވެ. 
  Alhugandu Frame Kuree Ihsan, Mi Sarukaaru Badhalu Kuran Jehey: Shamman | އަދަދު
އިއްޔެގެ ޝަރީއަތަށް ވަނުމުގެ ކުރިން މީޑިއާތަކާ ވާހަކަދައްކަވަމުން ޝަމްއާން ވިދާޅުވީ އޭނާގެ މައްޗަށް ދައުލަތުން ކުރާ ތުހުމަތުތަކަކީ އޭނާ ފްރޭމް ކުރަންވެގެން އުފެއްދި ކަންތައްތަކެއް ކަމަށެވެ.
"މިނިސްޓަރު އިހުސާނު ލައްވާ ބަގްލަދޭޝްގެ ވާރކް ޕާމިޓް އެޕްރޫވްކޮށް ކޯޓާއަށް ކޮރަޕްޝަންގެ ގޮތުގައި 8000 ރުފިޔާ ނަގާކަށް ޔަގީންކޮށް ރައީސް އަށް އެވާހަކަ ދެންނެވުމުން މިކަން ފެށިގެން އައީ. އޭރު އަޅުގަނޑުގެ ބޮލުގައި އަޅުވަމުން ދިއަ ތުހުމަތާ އެކު މިކަން ހިނގާ ގޮތް ބެލީ،" އޭނާ ވިދާޅުވި އެވެ. 
ޝަމްއާން ވިދާޅުވީ، ސަރުކާރުގެ ތެރޭގައި ހިންގާ ކޮރަޕްޝަންގެ އަމަލުތައް ރައީސް މުހައްމަދު މުއިއްޒަށް ވެސް އެނގޭނެ ކަމަށެވެ. 
ކޮންޓްރޯލާގެ މަގާމުން މާޗު 21، 2025، ގައި ޝަމްއާން ވަކިކޮށް، އޭގެ އެއް ދުވަސް ފަހުން ފުލުހުން އޭނާ ހައްޔަރު ކުރި އެވެ. އެ މައްސަލާގައި އޭނާގެ ބަންދަށް ފުރަތަމަ ޖެހީ 15 ދުވަހެވެ. އެއަށް ފަހު އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރީ އޭޕްރީލް 6، ގަ އެވެ. މައްސަލައާ ގުޅިގެން ޝަމްއާން ވަނީ ބަންދުގައި 278 ދުވަސް ހޭދަކޮށްފަ އެވެ. އޭނާ ބަންދުން ދޫކޮށްލީ މިދިޔަ އަހަރުގެ ޑިސެމްބަރު 25، ގަ އެވެ. 
ޝަމްއާންއާއެކު އިތުރު ބަޔަކު ވެސް އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި އެވެ. އޭގެ ތެރޭގައި ހިމެނެނީ އިމިގްރޭޝަން އޮފިސަރުންތަކަކާއި އާންމުންގެ މީހެކެވެ. އޭގެ ތެރެއިން ބައެއް މީހުން ދައުލަތާއެކު އިއުތިރާފު އެއްބަސްވުން ވެސް ހެދި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ