މިދިޔަ އަހަރުގެ މެއި 23 ގައި އުނގޫފާރުގައި ކުޑަކުދިންތަކެއް ކަރަންޓުގައި ޖެހުނު މައްސަލައެއް ފެންމަތިވިއެވެ. މި މައްސަލަ ދިމާވާން މެދުވެރިވި މައިގަނޑު ސަބަބަކީ އެ ރަށުގެ މަގުބައްތިތަކަށް ކަރަންޓް ދިނުމުގައި ހުންނަންޖެހޭ ސަލާމަތީ ކަންކަމާމެދު ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ އިހުމާލުވުމުން ކަމުގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ) ގެ ތަހުގީގުން ސާބިތުވާކަމަށް އެ އެތޯރިޓީން އޭރު ވަނީ ބުނެފައެވެ.
އެހެންކަމުން އެ ސަލާމަތީ އާލާތްތައް ކަމަށްވާ އާތު ލީކް ސާކިޓް ބްރޭކަރ (އީއެލްސީބީ) އަދި މިނިއޭޗަރ ސާކިޓް ބްރޭކަރ (އެމްސީބީ) ހުރިހާ މަގު ބައްތިތަކެއްގައި ޖެހުމަށް ވަނީ ވަކި ދުވަހުގެ މުއްދަތެއްވެސް ދީފައެވެ. މި މައްސަލަ ދިމާވުމަށްފަހު ވަރަށް ގިނަ ރަށްރަށުގެ މަގު ބައްތިތަކުގައި މި ސަލާމަތީ އާލާތްތައް ނެތް ކަމަށް އޭރު ޔޫއާރުއޭ އިން ބުނެފައިވެއެވެ.
މި މައްސަލައިގެ އެންމެފަހުގެ މައުލޫމާތު ހޯދުމަށް ސަންގުން ޔޫއާރުއޭއަށް ގުޅުމުން، އެ އޮތޯރިޓީގެ އޮފިޝަލަކު ވިދާޅުވީ މިހާރު 80 އިންސައްތަ ރަށުގައި ސަލާމަތީ އާލާތްތައް ހަރުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އަދިވެސް ބައެއް ރަށްތަކުގެ މަގު ބައްތިތަކުގައި އެ އާލާތްތައް ހަރުނުކޮށް ހުރި ކަމަށް ވަނީ މައުލޫމާތު ދީފައެވެ.
އެ އޮތޯރިޓީން ބުނެފައިވަނީ މީގެކުރިން ފެނަކައަށް އިންޖީނުގޭތައް ހާވާލުކުރެވުނު އިރުވެސް އޭރު ކަންކަން ހުރީ އެހެން ކަމަށާއި އެކަމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. އެހެންނަމަވެސް އެ ސަލާމަތީ އާލާތްތައް ހަރު ކުރުމަކީ ކޮންމެ ރަށެއްގެ ވެސް ކައުންސިލްގެ ޒިންމާއެއް ކަމަށެވެ. އެހެންނަމަވެސް ފެނަކައިގެ ޒިންމާއަކަށް ވާނީ ހިދުމަތް ފޯރުކޮށްދިނުމުގެ ކުރިއަށް އެ މަގުބައްތިތައް ޗެކުކުރުން ކަމުގައި އެ އޮތޯރިޓީން ވަނީ ބުނެފައެވެ. އެފަދަ ސަލާމަތީ ކަންކަން ހަރު ނުކުރެވި ހުރިނަމަ އެތަނަކަށް ކަރަންޓުގެ ހިދުމަތް ދެވިގެން ނުވާނެ ކަމަށް ޔޫއާރުއޭއިން ވަނީ ބުނެފައެވެ.
ޔޫއާރުއޭއިން ބުނެފައި ވަނީ މިފަދައިން ކަރަންޓުގެ ހިދުމަތް ދީފައި ވަނިކޮށް އެއްވެސް ގެއްލުމެއް ނުވަތަ ހާދިސާއެއް ހިނގައިފިނަމަ އޭގެ ޒިންމާ ނަގަންޖެހޭނެ ފަރާތަކީ ފެނަކަ ކަމަށެވެ. އޭރު މައްސަލަ ހިނގައިދިޔަ އިރު ޔޫއާރުއޭއިން ވަނީ ސަލާމަތީ އާލާތްތައް ހަރު ކުރެވެންދެން އެ އާލާތްތައް ނެތް މަގު ބައްތިތަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލުމަށްވެސް އަންގާފައެވެ.
މި މައްސަލައިގައި ފެނަކައިން ޔޫއާރުއޭއަށް ޖުރިމަނާގެ ގޮތުގައި 50،000 ރުފިޔާ ދެއްކުމަށް އަންގާފައިވީނަމަވެސް އެ ފައިސާ އަދި ފެނަކައިން ދައްކާފައިނުވާކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.
މީގެއިތުރަށް މި މައްސަލައިގައި ޔޫއާރުއޭއިން ފާހަގަކޮށްފައިވާ ކަމަކީ، މަގުބައްތުތަކުގައި އެތަކެތި ހަރުކުރުމަކީ ކައުންސިލްގެ ޒިންމާއެއް ކަމަށާއި، އަދި ފެނަކައަކީ ހަމައެކަނި ހިދުމަތްދޭ ކުންފުނި ކަމަށެވެ. އެހެންނަމަވެސް މަގުބައްތިތަކަށް ކަރަންޓު ދޭންވާނީ ރަނގަޅަށް އެ ބައްތިތައް ޓެސްޓުކޮށް، ޗެކު ކުރުމަށްފަހު ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.
ކުޑަކުދިންތަކެއް ކަރަންޓު ޖެހުނު މައްސަލަ: 80 އިންސައްތަ ރަށުގެ މަގުބައްތީގައި ސަލާމަތީ އާލާތްތައް ހަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ