ކެއްކުމަކީ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެކޭ ބުނެ އުޅެ އެވެ. އެކަމަކު ކެއްކުމުގެ ހުނަރު ލިބިފައިވަނީ މަދު ބަޔަކަށެވެ. އެގޮތުން "ކްރަމްސް އެންޑް ޔަމްސް" މިއީ ކުޅުދުއްފުއްޓަށް އާ ނަމަކަށް ނުވާނެ އެވެ. އެ ޕޭޖު އެހާވެސް ހާއްސައީ ތަފާތު، މީރު ފޮނި އެއްޗެއް ކާލަން ބޭނުން ނަމަ މި ޕޭޖު ހަމަ ޔަގީނުން ވެސް "ޑިސަޕޮއިންޓެއް" ނުކޮށްލާނެތީ އެވެ.
މިޕޭޖުގެ ފަހަތުގައި ހުރީ އެ ހުނަރު ލިބިފައިހުރި، އަދި ލިބިފައިވާ ހުނަރުން އިތުރަށް ދަސްކުރަމުން ގެންދާ ހިތްވަރުގަދަ ޒުވާނެއް ކަމަށްވާ ރިފްނާ އެވެ. މީހުންގެ މެދުގައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި "ކްރަމްސް އެންޑް ޔަމްސް" އަށް ލިބިގެން ދިޔަ ހާއްސަ މަގުބޫލް ކަމަކީ ރިފްނާގެ ބުރަ މަސައްކަތާއި މިކަމަށް އޮތް ލޯތްބެވެ.
ރިފްނާގެ ބިސްކޯފް ޗީޒް ކޭކު--
ކޭއޯއަށް މައުލޫމާތު ދެމުން ރިފްނާ ބުނީ މިއީ އަބަދުވެސް ކުރާހިތްވާ މަސައްކަތެއް ކަމަށާއި މި މަސައްކަތް ފުރަތަމަ ފެށިގެން އައީ ހާއްސަ ދުވަސްތަކުގައި ގޭގެ ސުފުރާމަތި ފަޅުފިލުވާލުމަށް ހަދަން ފެށި ތަކެތިން ކަމަށެވެ. އެގޮތުން ޕޭޖެއް ހަދައިގެން މި މަސައްކަތް ފެށުނީ އާއިލާއާއި ރައްޓެހިންގެ ފަރާތުން ލިބުނު ހިތްވަރުން ކަމަށާއި، މި މަސައްކަތް މިހާރު މިގޮތަށް ކުރިއަށް މިދަނީ ކަސްޓަމަރުންގެ ފަރާތުން ލިބޭ ސަޕޯޓުގެ ސަބަބުން ކަމަށް ރިފްނާ ބުންޏެވެ.
"އަބަދުވެސް ވަރަށް ވޭ މި މަސައްކަތް ކުރާހިތް، އެންމެ ފުރަތަމަ ގޭގައި ސްޕެޝަލް ދުވަސްތަކަށް އެއްޗެހި ތައްޔާރު ކުރަނީ. އެގޮތަށް އިންޓްރެސްޓް އުފެދުނީ،" މިކަން ފެށުން ގޮތާއި ޝައުގުވެރިކަން އުފެދުން ގޮތް ކިޔާދެމުން ރިފްނާ ބުންޏެވެ.
ރިފްނާގެ "ކްރަމްސް އެންޑް ޔަމްސް" ގެ އެންމެ ހާއްސަ ކަމަކީ އާންމުކޮށް ކުޅުދުއްފުށިން ލިބެން ނުހުންނަށް ތަފާތު ވައްތަރުގެ ޕޭސްޓްރީ ނުވަތަ ސްވީޓް ޑިޝްތަކެވެ. އެގޮތުން ރިއަލިސްޓިކް ފުރުޓް ޑިޒާރޓްތައް ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން އެކި ވައްތަރުގެ ބާންޓް ޗީޒްކޭކް، ޑަމްޕްލިން އަދި ޑޯނަޓަކީ ވެސް ކަސްޓަމަރުންގެ މެދުގައި މަގުބޫލް ތަކެއްޗެކެވެ.
ރިފްނާގެ ރިއަލިސްޓިކް ފުރުޓް ޑިޒާރޓް--
އެގޮތުން މިފަދަ އާ ޑިޒާޓްތައް ހެދުމަށް ޝައުގުވެރިކަން އުފެދި ދަސްކުރީ ކިހިނެތްތޯ އަހާލުމުން ރިފްނާ ބުނީ އެކި ވީޑިއޯތަކާއި ރެސިޕީތައް ބަލައިގެން އަމިއްލަށް ދަސްކުރަނީ ކަމަށާއި ހާއްސަކޮށް ޕިންޓްރެސްޓް އަދި ޓިކްޓޮކްއިން ވެސް ތަފާތު ޑިޒާޓްތައް ފެންނަ ކަމަށެވެ. އަދި އަބަދުވެސް މަސައްކަތް ކުރަނީ ތަފާތު އާ އައިޓަމްސް ނެރުމަށް ކަމަށާއި އެހެންނަމަވެސް އަބަދުވެސް ކަސްޓަމަރުންނާއި ހިސާބަށް އާ ޑިޒާޓެއް ގެންނަމަ ބަލަނީ އަމިއްލަ ޓްވިސްޓަކާއެކު އަމިއްލަ ވަންތަ ގޮތަކަށް އެ އެއްޗެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ.
"އަބަދުވެސް ބަލަން ނިއު އައިޓަމްސް ނެރެވޭތޯ ކަސްޓަމަރުންނަށް، އެކި އެއްޗެހި ބަލާ އަމިއްލައަށް އިންސްޕަރޭޝަން ހޯދާ އެ އެއްޗެއް ހެދޭތޯ މަސައްކަތް ކުރަން. އަދި އަބަދުވެސް ބަލަން ކޮލިޓީ ހިފެހެއްޓޭތޯ،" ރިޕްނާ ބުންޏެވެ.
އެގޮތުން މިފަދަ އާ އައިޓަމްސްތަކަށް ކަސްޓަމަރުންގެ ފަރާތުން ވަރަށް ބޮޑު ޑިމާންޑެއް އޮންނަކަމަށާއި އެންމެ އުފާވަނީ ރެގިއުލާ ކަސްޓަމަރުން ލިބި އެ ކަސްޓަމަރުން ރިޕްނާގެ އައިޓަމްތައް އެހެން މީހުން ރިކޮމެންޑް ކުރާތީކަމަށެވެ. އަދި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބޭ ފީޑްބެކް އަބަދުވެސް ބަލައިގަންނާނެ ކަމަށް ރިފްނާ ބުންޏެވެ.
ކަސްޓަމަރެއްގެ އޯޑާރއަށް އަޅާފައިވާ ޗީޒް ކޭކެއް--
މިފަދަ މަސައްކަތެއް ކުރާއިރު ދިމާވާނެ ގޮންޖެހުންތަކެއްވެސް ހުންނާނެއެވެ. އެގޮތުން ރިފްނާ ފާހަގަކުރި ގޮތުގައި މި މަސައްކަތައް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މިފަދަ ކަންކަމަށް ބޭނުންވާ ސާމާނު ފަސޭހަކަމާއެކު ރަށުން ލިބެން ނުހުރުމެވެ. އެހެންކަމުން މާލެއިން ތަކެތި ގެންނަ ޖެހޭކަން ފާހަގަ ކުރިއެވެ.
ޕޭޖަށް ޑެއިލީކޮށް ވިއްކުމަށް ލާފައި ހުންނަ އައިޓަމްސްގެ އިތުރުން ޕްރީ އޯޑަރ ތަކަށްވެސް ރިފްނާ ތަކެތި ތައްޔާރުކޮށްދެއެވެ. އެގޮތުން ޕްރީ އޯޑަރ ކޮށްލަން ބޭނުންވާ ކަސްޓަމަރެއްނަމަ ޕޭޖަށް މެސެޖްކޮށްލައިގެން އޯޑަރ ކޮށްލެވޭނެއެވެ. އެގޮތުން މިހާތަނަށް ހާއްސަ ދުވަސްތަކުގައި އެކި މުވައްސަސާތަކަށް ވެސް ރިފްނާވަނީ ގިފްޓް ޕެކްފަދަ ތަކެތިވެސް ތައްޔާރުކޮށްދީފައެވެ.
މިފަދަ ބުރަ މަސައްކަތެއް ކުރުމަށް ގިނަ ބައެއްގެ ފަރާތުން ހިތްވަރާ އެހީތެރިކަން ބޭނުންވާނެކަން ޔަގީނެވެ. އެގޮތުން ރިފްނާގެ މި މަސައްކަތުގެ އެންމެ ބޮޑު އެހީތެރިކަމަކާއި ހިތްވަރެއް ލިބެނީ މަންމައާއި ބައްޕަ އަދި ފިރިމީހާގެ ފަރާތުންކަމަށާއި މީގެ އިތުރުން އާއިލާގެ އެހެން މެންބަރުންނާއި ރައްޓެހިންނަށް އަދި ކަސްޓަމަރުންގެ ފަރާތުން ލިބޭ ސަޕޯޓަށް ރިފްނާ ޝުކުރު އަދާކުރިއެވެ. މި ވަގުތު މި މަސައްކަތަށް ހުސްވެ ހުރި ރިފްނާގެ އުންމީދަކީ މުސްތަގުބަލުގައި "ކްރަމްސް އެންޑް ޔަމްސް" ގެ އައުޓްލެޓެއް ހުޅުވާ، މި މަސައްކަތް އިތުރަށް ފުޅާކުރުމެވެ.
"ކްރަމްސް އެންޑް ޔަމްސް"؛ ރިފްނާގެ މާމީރު ރަހަތައް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ